ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 17:02
ރައީސް، ޕާކިސްތާނުގެ ސަފީރާ ބައްދަލު ކުރައްވަނީ
ރައީސް، ޕާކިސްތާނުގެ ސަފީރާ ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ރައީސް އޮފީސް
ޕާކިސްތާުންގެ ސަފީރު، ރައީސް ގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި
ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޕާކިސްތަނުގެ ސަފީރުގެ މަޤާމުގައި ހުންނަވައި، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި އިހުލާސްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި، އެމަނިކުފާނަށް ތައުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ޕާކިސްތާން ސަފީރު ދެއްކެވި ވާހަކަފުޅުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއާ ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ސިއްޙީ ދާއިރާއިންނާއި، އިގްތިސާދީ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވެގެން ދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ޕާކިސްތާނުގެ ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް އެ މަޢުލޫމާތު ހިއްޞާކުރައްވައި، ދިވެހި ސަރުކާރުން ފާޅުކުރެއްވި އިހުލާސްތެރި ޝުއޫރުތަކަށާއި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާން ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް