ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 14:54
ޗައިނާއަކީ ޖައްވީ ޓެކްނޮލޮޖީއާއި ސްޕޭސް ބްރީޑިންގްގެ އެހީގައި، ދުނިޔޭގެ ބިމުގައި ކުރާ ދަނޑުވެރިކަން ހަރުދަނާ ކުރުމުގެ މަޝްރޫއުގެ މުހިންމު މޭސްތިރި
ސްޕޭސް ބްރީޑިންގް މަޝްރޫއު
ކާބޯތަކެތީގެ ކަށަވަރުކަމަށް ޖައްވީ މުޑުވައް؟
ޖައްވީ ރޭޑިއޭޝަންއާއި މައިކްރޯގްރެވިޓީއަށް ހުށަހެޅުނު އޮށްތައް އަނބުރާ ބިމަށް ގެނައުމަށް ފަހު، އެ އޮށްތަކުގެ ޖީންތަކަށް އައިސްފައި ވާ ބަދަލުތައް ދިރާސާ ކުރޭ
ޖައްވީ ދަތުރެއްގައި، މައިކްރޯގްރެވިޓީއަށްވެސް އެ އޮށްތައް ހުށަހަޅާ، ޖީންތަކަށް ބަދަލު ގެނޭ
ސްޕޭސް ބްރީޑިންގް މަޝްރޫއު ކުރިއަށް ގެންދަނީ، ޖައްވު ތެރޭގައި ދައުރުވާ ރޭޑިއޭޝަނަށް، ގަސްގަހުގެ އޮށްތައް ހުށަހަޅައިގެން

އަދުގެ ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ޖައްވު ހޫނު ކުރާ ވިހަ ގޭހުގެ މިންވަރު އިތުރު ވުމާއި ކާބޯތަކެތީގެ ކަށަވަރުކަން ކުޑަވުން ފަދަ ގިނަ މައްސަލަތަކެއް ހިމެނޭ އިރު، އެ މައްސަލަތަކަށް ހައްލު ހޯދުމަށް، ބޮޑެތި ޤައުމުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެފަދަ ތަޖުރިބާއެއް ކުރަމުންދާ އެއް ޤައުމަކީ ދުނިޔޭގައި 2 ވަނައަށް އެންމެ ވަރުގަދަ އިޤްތިޞާދުގެ މަޤާމުގައި އޮތް ޗައިނާއެވެ. ޖައްވު ހޫނުކުރާ ކާބަންޑައިއޮކްސައިޑް ފުޓްޕްރިންޓް މަދުކޮށް، ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ސަޕްލައި ކަށަވަރު ކުރުމަށްޓަކާ ޗައިނާއިން ކުރަމުންދަނީ އިންޤިލާބީ ތަޖުރިބާއެކެވެ.

ކާބަން ފުޓްޕްރިންޓް މަދުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޗައިނާއިން ކުރަމުންދާ އިންޤިލާބީ ތަޖުރިބާގެ އަސްލަކީ ޖައްވީ ޓެކްނޮލޮޖީއެވެ. ޗައިނާގެ ހައިނާން ޕްރޮވިންސްގެ ދެކުނުގެ ސިޓީއެއް ކަމަށް ވެންޗާންގްގައި ކުރިއަށްދާ "ސްޕޭސް ބްރީޑިންގް" މަޝްރޫއު ވަރަށް ކާމިޔާބު ކަމަށް މައުލޫމާތު ލިބެއެވެ.

ސްޕޭސް ބްރީޑިންގް މަޝްރޫއު ކުރިއަށް ގެންދަނީ، ޖައްވު ތެރޭގައި ދައުރުވާ ރޭޑިއޭޝަނަށް، ގަސްގަހުގެ އޮށްތައް ހުށަހަޅައިގެންނެވެ. ޖައްވީ ދަތުރެއްގައި، މައިކްރޯގްރެވިޓީއަށްވެސް އެ އޮށްތައް ހުށަހަޅާ، ޖީންތަކަށް ބަދަލު ގެނެއެވެ.

އަހަރަމެންގެ ސްޕޭސް ބްރީޑިންގް މަޝްރޫއު އަމާޒު ކޮށްފައި ވާނީ ރަނގަޅު ފެންވަރުގެ ގަސްގަހާގެހި ހެއްދުމަށް. ޗައިނާއަކީ ބައެއް ކަހަލަ ބާވަތްތައް އަމިއްލަ ބޭނުމަށް ފުދޭ މިންވަރަށް ހައްދާ ޤައުމަކަށް ވީ ނަމަވެސް، ބައެއް ކަހަލަ އޮށްތައް ހޯދުމުގައި ފުދޭ ވަރަކަށް އިމްޕޯޓަށް ބަރޯސާވާން ޖެހޭ. އޭގެ ތެރޭގައި ފިޔާ، ބޯވެލިފަތާއި ބީޓްރޫޓުގެ އިތުރުން ޓޮމާޓޯވެސް ހިމެނޭ. މި ފަސްގަނޑު ހެއްދޭ ކަހަލަ ވަރުގަދަ ގަސްތަކެއް ލިބިއްޖެނަމަ، އަހަރަމެންނަށް ސަލާމަތްތެރިކަން އިޙްސާސް ކުރެވޭނެ، ބޭރު ބައެއްގެ ސަޕްލައިއަށް ބަރޯސާ ނުވެ.
ޔާއޯ ޓޮންގް؛ ހައިނާން ސްޕޭސް ބްރީޑިންގް ސެންޓަރުގެ ފުޑް އިންޖިނޭރެއް

ޖައްވީ ރޭޑިއޭޝަންއާއި މައިކްރޯގްރެވިޓީއަށް ހުށަހެޅުނު އޮށްތައް އަނބުރާ ބިމަށް ގެނައުމަށް ފަހު، އެ އޮށްތަކުގެ ޖީންތަކަށް އައިސްފައި ވާ ބަދަލުތައް ދިރާސާ ކުރެއެވެ. އެގޮތުން، ބައެއް އޮށްތަކުން އެދެވޭ ބަދަލުތަކެއް ފާހަގަ ކުރެވިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ ގޮތުން އެ އޮށްތަކުގެ އުފެއްދުންތެރިކަން އިތުރުވުމާއި، ދަނޑުބިންތަކުން ނަފާ ލިބެން ހޭދަވާ މުއްދަތު ކުރުވެގެން ދިއުމާއި، ތަފާތި އެކި ބަލިތަކަށް އަހުލުވެރިވެފައިވުން ފަދަ، ދަނޑުވެރިން ގަޔާވާ ބަދަލުތައް ހިމެނެއެވެ.

ސްޕޭސް ގްރެއިންތަކަކީ އާންމުކޮށް ހުންނަ ސްޓްރެއިންތަކަށް ބޮޑު އެއްޗެއް. ގިނަ ބަލިތަކަކަށްވެސް އެ ބާވަތްތައް ވަނީ އަހުލުވެރިވެފަ. އުފެއްދުންތެރިކަންވެސް 20 އާއި 30 ޕަސެންޓާ ދެމެދު މިންވަރަކަށް އިތުރުވާނެ ކަމަށް އުއްމީދު ކުރެވެނީ.
ޝިންގް ނާ؛ ހައިނާން ފޫޝިންގް އެގްރިކަލްޗަރ ޓެކްނޮލޮޖީ ކޮމްޕެނީގެ ޖެނެރަލް މެނޭޖަރ

ޗައިނާއަކީ ޖައްވީ ޓެކްނޮލޮޖީއާއި ސްޕޭސް ބްރީޑިންގްގެ އެހީގައި، ދުނިޔޭގެ ބިމުގައި ކުރާ ދަނޑުވެރިކަން ހަރުދަނާ ކުރުމުގެ މަޝްރޫއުގެ މުހިންމު މޭސްތިރިއެކެވެ. ދުނިޔޭގެ ނިސްބަތުން އެންމެ އާބާދީ ބޮޑު ޤައުމުގެ މަޤާމުގައި އޮތް ޗައިނާއިން ސްޕޭސް ބްރީޑިންގްގެ ތަޖުރިބާތައް އެންމެ ފުރަތަމަ ކުރަން ފެށީ 1987 ވަނަ އަހަރުއެވެ. އެއީ ސެޓެލައިޓްތަކެއް މެދުވެރިކޮށް، ޖައްވުގެ ތެރެއަށް އޮށްތަކެއް ގެންގޮސް، ޖައްވީ ރޭޑިއޭޝަންއަށް އެ އޮށްތައް ހުށަހެޅުމަށްފަހު، އަނބުރާ ދުނިޔޭގެ ބިމަށް، އެ ޕެކެޓްތަކެއް ގެނެސްގެން ކުރިއަށް ގެންދިޔަ ތަޖުރިބާއެކެވެ.

 އޭގެ ފަހުން ޗައިނާއިން ވަނީ އެ ޤައުމުން އުދުއްސާލާ ގިނަ ސެޓެލައިޓްތަކާއި ޖައްވީ އުޅަނދުތައް މެދުވެރިކޮށް، އެތައް ސަތޭކަ ބާވަތެއްގެ އޮށްތައް، ޖައްވީ ރޭޑިއޭޝަނަށް ހުށަހަޅާފައެވެ.

މިދިޔަ 30 އެތައް އަހަރަކަށް ބަލާއިރު، ސްޕޭސް ބްރީޑިންގް މަޝްރޫޢުގެ ތެރެއިން ޗައިނާއިން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މޭވާއާއި ތަރުކާރީއާއި މާމެލާމެލި ހިމޭނެހެން، 700 އަށް ވުރެ ގިނަ ބާވަތުގެ ގަސްގަހާގެހި، ޗައިނާއިން ވަނީ ހައްދާފައެވެ.

ޖައްވީ ރޭޑިއޭޝަންގެ އަސަރު އެކުލެވޭ ޖީންތަކާއެކު ޗައިނާއިން ކުރަމުންދާ އެންމެ ވަރުގަދަ އެއް ތަޖުރިބާއަކީ ވެންޗާންގްގެ ރަށްބޭރުގައި ހައްދަމުންދާ މާ ސިންގާ ހަނޑޫދަނޑެވެ. މަހެއްހާ ދުވަހުގެ ތެރޭގައި އެ ދަނޑުން ހަނޑޫ ކަނޑަން ފެށޭނެއެވެ.

މި ދުވަސްވަރަކީ މޫސުމީ ނޭދެވޭ ބަދަލުތަކާއެކު، ދުނިޔޭގެ ދިރުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރަކަށް ވާ އިރު، ސައެންސްވެރިން ދަނީ ގަސްގަހާގެހީގެ ޖީންތަކަށް ބަދަލުތަކެއް ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ.

2050 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ އާބާދީއަށް އިތުރުވެގެންދާ 2 ބިލިއަނެއްހާ މީހުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށްޓަކާ، ޒަރޫރީ ގޮވާމުގެ ބާވަތްތައް ހައްދާ މިންވަރު 70 ޕަސެންޓް އިތުރު ކުރަން ޖެހޭ ކަމަށް ޗައިނާގެ ސައެންސްވެރިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް