އެކައުންޓިން ދާއިރާ އަށް ޝައުގުވެރިކަން ހުރި މީހުން އެބަ ތިބި ކަމަށާއި އެ ދާއިރާ އިން ހުރި ފުރުސަތުތައް އިތުރު ކުރަން ޖެހޭކަމަށް އޮޑިޓަރ ޖެނެރަލް އަދި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޔާޒީ ވަނީ އެ ދާއިރާއިން މީހުން ތަމްރީންކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ސްކީމްގެ ދަށުން މިހާތަނަށް އައި އިރު މި ދާއިރާއަށް 150 ސްކޮލަރޝިޕްގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި އިކޮނޮމިކް މިނިސްޓްރީ އިން 190 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު ހޯދައިދިން ކަމަށެވެ. ނަމަވެސް އެ ފުރުސަތުތަކަށް އެދި ކުރިމަތިލީ ކުދިންގެ އަދަދު ގިނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ދާއިރާއިން ތަމްރީނުގެ ފުރުސަތުތައް އިތުރުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ހަޔަރ އެޑިޔުކޭޝަން ސްކީމްގެ ފުރުސަތުތަކަށް 500 އަށްވުރެ ގިނަ ކުދިން ކުރިމަތިލި އިރު، އިކޮނޮމިކް މިނިސްޓްރީގެ ސްކީމްއަށް 1200 އަށްވުރެ ގިނަ ކުދިން ކުރިމަތިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަމަށް ބެލުމުން ޒުވާނުންގެ މެދުގައި އެކައުންޓިންގެ ދާއިރާއިން ކުރިއަށްދިއުމަށް އޮތް ޝައުގުވެރިކަން ހާމަވެގެންދާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. މީގެ އިތުރުން މި ދައިރާ އިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން މި ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު މައްޗަށް ދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެކައުންޓިން ދާއިރާގެ ކޮލިޓީ ހިފެހެއްޓުމަށް ސީއޭ މޯލްޑިވްސްއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.