އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ރިޝީ ސުނާކް ވަނީ އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އައްޔަނުކުރައްވާފައެވެ. އަދި ޖެހިގެން އައި، އޮކްޓޫބަރު 25 ވަނަ ދުވަހު އިނގިރޭސި ރަސްގެފާނު ޗާލްސް ތިނަކާ ބައްދަލުކުރެއްވުމަށްފަހު ސުނާކް ވަނީ އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާ ރަސްމީގޮތުން ހަވާލުވެވަޑައިގަންނަވާފައެވެ. މިއާއެކު އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ދޮން ނަސްލުގެ މީހެއް ނޫން، އެހެން ނަސްލެއްގެ މީހެއް މިވަނީ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާފައެވެ.
އޭޝިއާ ނަސްލުގެ ރިޝީ ސުނާކް އިނގިރޭސި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް ތާއީދުކުރާ ބައެއް މީހުން ދަނީ އެމެރިކާގައި 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ މީހަކު އެގައުމުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުކުރެވުނު ހާލަތާ އަޅާކިޔައި މިއީ އިނގިރޭސި ވިލާތުގެ "އޮބާމާ މޯމެންޓް" ކަމަށް ބުނަމުންނެވެ.
ސުނާކް އަކީ ފާއިތުވި ދެ ގަރުނުގެ ތެރޭގައި އިނގިރޭސިވިލާތަށް އައްޔަނުކުރެވުނު އެންމެ ހަގު ބޮޑުވަޒީރެވެ.
އުމުރުން 42 އަހަރުގެ ސުނާކް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުން ވެގެން ގޮސްފައި ވަނީ އިދިކޮޅު ފަރާތްތަކުން ވެސް ބަލައިގަންނަ ކަމަކަށެވެ.
އޮކްޓޫބަރު 26 ވަނަ ދުވަހު، ސުނާކް ފުރަތަމަ ފަހަރަށް ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވާ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެންނެވިއެވެ. މަޖިލީހުގެ ތަޅުމުން ވެސް ފެނިގެންދިޔައީ ގައުމުގެ އައު ބޮޑުވަޒީރުގެ ގޮތުގައި މެމްބަރުން ސުނާކް ބަލައިގަނެފައިވާ މަންޒަރެވެ.
އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ކީއަރ ސްޓާމަ ވަނީ އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް އޭޝިއާ ނަސްލަށް ނިސްބަތްވާ މީހެއް ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަކީ ގައުމުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ގައުމުން ކުރިމަތިލަމުންދާ ހުރިހާ ގޮންޖެހުންތަކަކާ އެކު ވެސް އިނގިރޭސިވިލާތަކީ ހުރިހާ ނަސްލެއްގެ، ހުރިހާ ފިކުރެއްގެ މީހުންނަށް ވެސް އުޅެވޭނެ ތަނެއްކަމަށް ހަނދާންކޮށްދިން ކަމެއް ކަމަށް ސްޓާމަ ވިދާޅުވިއެވެ.
ރިޝީ ސުނާކް އިނގިރޭސި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަކީ ފާހަގަކޮށްލެވޭ ލަނޑުދަނޑިއެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ވިދާޅުވެފައެވެ.
ކިންގް ކޮލެޖް ލަންޑަންގެ ޕްރޮފެސަރެއް ކަމަށްވާ އަނަންދު މެނޮން، ވަނީ އިނގިރޭސި ބޮޑުވަޒީރުކަމާ ސުނާކް ހަވާލުވެވަޑައިގަތުމާއި އެމެރިކާގެ ރައީސްކަމަށް 2008 ވަނަ އަހަރު ބަރަކް އޮބާމާ އިންތިހާބުވެގެން ދިއުމާ އަޅާ ނުކިޔޭނެ ސަބަބުތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ.
ފުރަތަމަ ކަމަކަށް މެނޮން ފާހަގަކުރައްވަނީ އެމެރިކާއާ އަޅާބަލާއިރު އިނގިރޭސިވިލާތުގައި ސިޔާސީ މަސްރަހުގައި ނަސްލީ ތަފާތުކުރުންތައް މަދުކަމަށެވެ. ދެވަނަ ކަމަކަށް މެނޮން ފާހަގަކުރައްވާފައި ވަނީ ސުނާކް މަގާމަށް އައްޔަނުކުރެވިގެންދިޔަ ގޮތެވެ. އެގޮތުން ސުނާކް އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަނުކުރެވިގެން ގޮސްފައި ވަނީ ޕާޓީގެ މަޖިލިސް މެމްބަރުންގެ ވޯޓުން ޕާޓީގެ ލީޑަރުކަމުގެ މަގާމަށް އައްޔަނުކުރެވުމުން ކަމަށް މެނޮން ފާހަގަކުރެއްވިއެވެ. ނަމަވެސް އޮބާމާ، އެމެރިކާގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރެވުގެން ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެގައުމުގެ އާންމު ރައްޔިތުންގެ މެޖޯރިޓީ ވޯޓާއެކު ކަމަށް މެނޮން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ސުނާކް އާއި އޮބާމާ އަށް މަގާމަށް އާދެވުނު ގޮތާ ހޯދުނު ކާމިޔާބީގެ ސްކޭލް ހަގީގަތުގައި ވަރަށް ތަފާތުކަމަށް މެނޮން ވިދާޅުވިއެވެ.
ނަމަވެސް މެނޮން ވަނީ އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމަށް އޭޝިއާ ނަސްލުގެ، އިންޑިއާ ދަރިކޮޅުގެ ހިންދޫ ދީނުުގެ މީހަކު އައުމަކީ ފާހަގަކޮށްލެވޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ގައުމުގެ އިއްޒަތާ މިކަން ގުޅިފައިވާއިރު މިއީ ގައުމުގެ އެހެނިހެން މައިނޯރިޓީ ގްރޫޕްތަކަށް ނިސްބަތްވާ ކުޑަކުދިންނާއި ޒުވާނުންނަށް ލިބިގެންދާނެ ހިތްވަރަކަށް ވެސް ވެގެންދާނެ ކަމަށް މެނޮން ވިދާޅުވިއެވެ.
ސުނާކް އުފަންވެވަޑައިގެންފައި ވަނީ އިނގިރޭސިވިލާތުގެ ސައުތުހެމްޓަން އަށެވެ. ސުނާކްގެ މައިންބަފައިން ކެންޔާއިން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކޮށްފައި ވަނީ 1960ގެ އަހަރުތަކުގައެވެ.
މިއަހަރު އިންޑިއާއިން އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ހޯދިތާ 75 އަހަރު ފާހަގަކުރަމުންދާއިރު، އިނގިރޭސި ބޮޑުވަޒީރުކަމަށް ސުނާކް އައްޔަނުކުރެވިގެން ދިއުމަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި ވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
އިންޑިއާގެ ރައްޔިތުން ދަނީ އެތައް އަހަރެއް ވަންދެން އިނގިރޭސިން އަޅުވެތިކޮށްގެން ގެންގުޅުނު އެގައުމުގެ ލޭ ހިނގާ ދަރިއެއް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވުމަކީ އެގައުމަށް ލިބޭ ފަހުރެއް ކަމަށް ބުނަމުންނެވެ.