ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 17:12
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ވ) އަދި ރައީސް ނަޝީދު (ވ)
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ވ) އަދި ރައީސް ނަޝީދު (ވ)
ޓްވިޓަރ
މަޖިލީހުގެ ގަވާއިދު
ރޮޒައިނާ، ނަޝީދަށް - ގޭ ބަދިގެތެރޭގައި އުޅުއްވާހެން މި މަޖިލީހުގައި އުޅުއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫން
ހުދުމުހުތާރުކަމާއެކީގައި ރައީސް ނަޝީދު ނިންމެވީ ކޮމިޓީގެ ވަގުތު އިތުރުކުރަން ބޭނުންފުޅު ނުވާ ކަމަށް
މަޖިލީހުގެ ގަވާއިދަކީ ތިމަންނާއޭ ވިދާޅުވެ އެގޮތަށް އަމަލުކުރަމުންދާތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ
މިއީ ރައީސް އޮފީހެއް ނޫން ކަމަށް ވިދާޅުވި

މަޖިލީހުގެ ގަވާއިދުން ބޭރުން ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވާ ކަމަށާއި، ގޭގެ ބަދިގެތެރޭގައި އުޅުއްވާހެން މަޖިލީހުގައި އުޅުއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ވިދާޅުވެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ރޮޒައިނާ ވިދާޅުވީ ހުރިހާ ކަމެއްވެސް ފުރިހަމައަށް ދާނަމަ އަދި މަޖިލިސް ގަވާއިދާ އެއްގޮތަށް ހިނގާނަމަ ހުރިހާ މެންބަރުން ވެސް ވަރަށް އުފާވާނެ ކަމަށެވެ. ނަމަވެސް ކަންކަން ވަމުންދަނީ އެހެން ނޫން ކަމަށާއި، މަޖިލީހުގެ ގަވާއިދަކީ މިހާރު ކަރުދާހުގައި ލިޔެވިފައި އޮތް އެއްޗެއް ކަމަށާއި، މަޖިލީހުގެ ރިޔާސަތުގެ މޭޒުމަތީގައި އޮތް ގަވާއިދާއި، މަޖިލީހުގެ މެންބަރުންގެ މޭޒުމަތީގައި އޮތް ގަވާއިދު އެއީ ދޭއްޗެއްހެން ބައެއް ފަހަރު ހީވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެކި މެންބަރުންނަށް އެކި ގޮތަށް ވަގުތު ދެއްވަމުން ގެންދަވާތަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އަޅުގަނޑު މި ވާހަކަ ދައްކަން ބޭނުންވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ތި ގޮނޑީގައި އިންނަވަނިކޮށް. ކަން ދިމާކުރެއްވިގޮތުން މަނިކުފާނު ތި އިންނަވަނީ ގިނަވަގުތު. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިއަދު ވެސް ކޮމިޓީ މަރުހަލާ ހިނގަމުންދިޔަ އިރު ކޮމިޓީއަށް ކޮމިޓީގެ މަރުހަލާގެ ވަގުތު ދިގުކުރުމަށް މެންބަރުން ހުށަހަޅާ އެއަށް ތާއީދު ލިބުނީމަ ވޯޓަށް އަހަންޖެހޭ. އަޅުގަނޑު މި މަޖިލީހުގައި މި އިންނަނީ މިއަދަކު އެކަންޏެއް ނޫން. އަޅުގަނޑު މި މަޖިލީހުގައި އިންނަތާ ގާތްގަނޑަކަށް 15 އަހަރު ވާން ކައިރި ވަނީ. މިއޮތް ހުރިހާ ދުވަހު، މަޖިލީހުގެ ކޮންމެ ކޮމިޓީއެއްގައި ވެސް، މެންބަރުން ވަގުތު އިތުރުކުރަން ހުށަހަޅައިފިނަމަ އެ ވަގުތު އިތުރުކުރަން ތާއިދުލިބުނީމަ އެ ވޯޓަށް އަހާ
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކުރިއަށްދާއިރު، މަޖިލީހުގެ ވަގުތު އިތުރުކުރުމަށް މެންބަރުން އެދެފިކަމުގައިވާނަމަ އެއަށް ވޯޓަށް އަހާ ކަމަށެވެ. ނަމަވެސް ވަރަށް ހުދުމުހުތާރުކަމާއެކީގައި ރައީސް ނަޝީދު ނިންމެވީ ވަގުތު އިތުރުކުރަން ބޭނުންފުޅު ނުވާ ކަމަށާއި، އެހެންކަމުން އެ ވޯޓަކަށް ވެސް ނާހާނަމޭ، އެވާހަކަވެސް ނުދެއްކޭނެކަމަށް ނިންމެވި ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މިހާރު ފެނިގެން މިދަނީ މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރުކޮށް މަޖިލިސް ހިންގަވާ ރައީސް ކަމަށެވެ. ރޮޒައިނާ ވިދާޅުވި މި ވާހަކަ ދައްކަވަންޖެހޭތީ ހިތާމަކުރައްވާ ކަމަށާއި، މަޖިލީހުގެ ކުރީގެ ރައީސް މަސީހު ކަންތައް ކުރައްވަމުން ގެންދެވި އިރުގައި، މެންބަރުން މަޖިލީހުގައި އިހްތިޖާޖުކޮށް އެކަންކަމާއި ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށެވެ. 4 އަހަރު ވަންދެން އެ ވާހަކަ ނުދައްކަވާ ހުންނެވީ ވަރަށް ކެތްކޮށްގެން ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ފުރަތަމަ ފެށިގެން އައި އިރު ވިދާޅުވި މަޖިލީހުގެ ގަވާއިދަކީ ތިމަންނާއޭ. އެގޮތަށް އަމަލުކުރަމުންދާތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. މި ވާހަކަ ނުދައްކާ ތިބެވޭކަށެއް ނެތް އަޅުގަނޑުމެންނަށް. މި މަޖިލިސް ހިނގަންޖެހޭނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް. މަޖިލީހުގައި މަޖިލީހުގެ ރައީސްއަށް ބައިވެރިއެއް ނުވެވޭނެ. އެކަމަކު ތަކުރާރުކޮށް މެންބަރުން ބަހުސްކުރަން އޮންނަ ވަގުތުގައި މި ފެންނަނީ މަޖިލީހުގެ ރައީސް ވަގުތު ނަންގަވައިގެން ހުރިހާކަމެއްގެ ތެރެއަށް ވަދެވަޑައިގެން ހުރިހާ ވާހަކައެއް ދައްކަވަމުން ގެންދަވާތަން. ސުވާލު ގަޑީގައި މިނިސްޓަރު ދެއްވަންޖެހޭ ޖަވާބުވެސް އެނގިވަޑައިގަންނަވަނީ މަޖިލީހުގެ ރައީސްއަށް. މެންބަރުން ކުރަންވީ ސުވާލުވެސް އެނގެނީ މަޖިލީހުގެ ރައީސްއަށް. އަދި އޭގެ ޖަވާބު ދިނީމަ އޭގެ ތަރުޖަމާ، މި ދައްކަނީ ދިވެހިބަހުންނެއް ނޫނޭ ހިތަށް އަރައިގެން ތަރުޖަމާ ދެއްވަން އެބައުޅުއްވާ. މިދަރަޖައަށް ދިޔާމަ އަޅުގަނޑުމެންނަށް މިތަނުގައި މަސައްކަތްކުރަން ވަރަށް އުނދަގޫ.
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރޮޒައިނާ ވިދާޅުވި މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ބޭފުޅާއަކީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއީ ރައީސް އޮފީހެއް ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންގެ މަޖިލިސް ކަމަށާއި، މަޖިލީހުގެ ރައީސަކަަށް، ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ރައީސްއަކަށް ލިބިފައި އޮންނަ ބާރުތަކެއް ނޯންނަކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލިސް ހިނގަން ޖެހޭނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށާއި، މަޖިލީހުގައި ބާރު އޮންނާނި މަޖިލިހުގެ މެންބަރުންގެ ކަމަށެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅަކީ މަޖިލީހުގައި ކަންކަން އޮމާންކަމާއެކު ހިނގާތޯ ބަލަން އިންނަވާނެ ބޭފުޅެއް ކަމަށެވެ.

މަޖިލީހުން ނުނިންމާ، މަޖިލީހުން ތަންތަނަށް ސިޓީތައް ފޮނުވާ މަޖިލީހުގެނަމުގައި، މަޖިލީހުގެ ކޮމިޓީތަކަށް މައްސަލަތައް ފޮނުވާ މިކަންކަމެއް ނުކުރެއްވޭނެ. އަޅުގަނޑުމެން ހުރިހާ މެންބަރުންވެސް މިއަދު އެބަޖެހޭ މި މަޖިލިސް ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގާނޭ ގޮތަކަށް ކަންކަން ބައްޓަންކުރަން މަސައްކަތްކުރަން. އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ މި މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރަން. ސުވާލުގެ ވަގުތުގައި ވެސް މަޖިލީހުގެ ގަވާއިދުގައި އެބައޮވޭ، ސުވާލުކުރެވޭނެގޮތް. ސުވާލުކުރަންޖެހޭނީ ކޮން ދާއިރާއެއްގެ ތެރެއިންކަން. އެކަމަކު މިތަނަށް ވަޒީރުން ވަޑައިގަތީމަ ހިތުހުރި ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވަނީ. އަޅުގަނޑު ސުވާލުކުރަން ނުތެދުވަނީ އެހެންވެގެން.
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރޮޒައިނާ ވިދާޅުވީ އެމްޑީޕީ ޕީޖީގެ ލީޑަރު މި މައްސަލައިގައި މަޖިލީހުގެ ރައީސާއި މި ވާހަކަތައް ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ރަނގަޅުކުރައްވާތަނެއް ފެނިވަޑައިނުގަންނަވާ ކަމަށާއި، ގޭގެ ބަދިގެތެރޭގައި އުޅުއްވާހެން މި މަޖިލީހުގައި އުޅުއްވުމަކީ ބަލައިގަންނަ ކަމެއް ނޫންކަމަށް ރޮޒައިނާ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް