މިއަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވާ ސައޫދީ އަރަބިއްޔާގެ ޓީމަށް، އެގައުމުގެ ވަލީއަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާން ހިތްވަރުދެއްވައިފިއެވެ.
މުހައްމަދު ބިން ސަލްމާން ވަނީ އާދީއްތަ ދުވަހު ޓީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އޭނާ ވަނީ މުބާރާތަށް ކޮލިފައިވި ހުރިހާ ޓީމަކަށް މަރުހަބާ ވިދާޅުވެފައެވެ. ޕްރިންސް މުހައްމަދު ވިދާޅުވީ، ސައޫދީގެ ކުޅިވަރު ވުޒާރާއާއި ފުޓްބޯޅަ ފެޑެރޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ކޮންމެ ފަހަރެއްގެ ވޯލްޑް ކަޕަށްވެސް އެގައުމު ކޮލިފައިކުރުމަށް ކަމަށެވެ. މިއީ ސައޫދީއަށް ވަރަށް މުހިންމު މުބާރާތެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ސައޫދީ ހިމެނުނީ އުނދަގޫ ގްރޫޕެއްގައި ކަމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސައޫދީ ވާދަކުރަން ޖެހޭނީ އާޖެންޓީނާ، މެކްސިކޯ އަދި ޕޮލެންޑާއެވެ. މިއީ ނިސްބަތުން ބަލާނަމަ މުބާރާތުގައި އެންމެ ވަރުގަދަ އެއް ގްރޫޕެވެ.
![](https://dyncz33htw1ec.cloudfront.net/posts/0570ffae-ad7d-466a-91c7-bfd8f7adba71.png)
ޕްރިންސް މުހައްމަދު އިތުރަށް ވިދާޅުވީ، މިހާރު އޮތް ގްރޫޕް ފަހަނައަޅައި މުބާރާތުގެ ދެވަނަ ބުރަށް ސައޫދީ ދަތުރުކޮށްފާނެކަމަށް އެއްވެސް މީހަކު ހީނުކުރާނެ ކަމަށެވެ. ނަމަވެސް މިކަންތަކަށް ބެލުމެއްނެތި ހަމަޖެހިގެން އުފާވެރި ގޭމެއް ކުޅުމަށް އޭނާ ވަނީ ޓީމު ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
މިއީ ސައޫދީ އަރަބިއްޔާއިން ވޯލްޑް ކަޕްގައި ވާދަކުރާ ހަވަނަ ފަހަރެވެ.