ކ. މާލެ
|
24 އޮކްޓޯބަރ 2022 | ހޯމަ 16:54
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީ
އޮޅުވާލައިގެން ފައިސާ ހޯދުން
ރާއްޖޭގައި ސްކޭމް ކޯލް، އަދި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ އިތުރުވުމާގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
މި ކަންކަމަށް ރިއާއަތްކޮށް، ގެނެވެންހުރި އިދާރީ ބަދަލުތަކާއި ގާނޫނީގޮތުން އިސްލާހުކުރަންޖެހޭ ކަންކަން އިތުރަށް ބެލުމަށް ނިންމާފައިވޭ

އޮޅުވާލައިގެން ފައިސާ ޓްރާންސްފަރކުރުވުމާއި ސްކޭމް ކޯލްގެ މައްސަލަ ބޮޑުވެ، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު އިކޮނޮމިކް މިނިސްޓްރީން ބައްދަލުވުމެއް ބާއްވައިފިއެވެ.

އެ މިނިސްޓްރީން ބުނީ، ރާއްޖޭގައި ސްކޭމް ކޯލާއި އޮޅުވާލައިގެން ފައިސާ ޓްރާންސްފަރކުރުވައި، ކުށްކުރުން ގިނަވަމުން ދާތީ، މި ކަންކަން ހައްލުކުރަން އިދާރީގޮތުންނާއި ގާނޫނީގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ބޭންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކްގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ބޭންކިންގގެ ޚިދުމަތް ހޯދުމުގައި މިހާރު ހުރި ސެކިއުރިޓީ ފީޗަރސް ވަރުގަދަކުރުމާއި އަދި މިކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރެވެން ހުރި ކަންކަމާމެދު ވަނީ މަޝްވަރާކުރެވިފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އެ މިނިސްޓްރީން ބުނީ، ބައްދަލުވުމުގައި، މައްސަލަތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކޮށްފައިވާއިރު، އަދި މި ކަންކަމަށް ރިއާއަތްކޮށް ގެނެވެންހުރި އިދާރީ ބަދަލުތަކާއި ގާނޫނީގޮތުން އިސްލާހުކުރަންޖެހޭ ކަންކަން އިތުރަށް ބެލުމަށް ބައްދަލުވުމުގެ ތެރެއިން ނިންމާފައިވާކަމަށެވެ.

މި ޒަމާނަކީ އިންޓަރނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު މަކަރާއި ހީލަތުން ފައިސާ އަތުލައިގަނެވޭ ޒަމާނަކަށްވާއިރު، އެގޮތަށް އަތުލާ ފައިސާ އަނބުރާ ހޯދަން އުނދަގޫވާނެކަމަށާއި، އެފަދަ ކަންކަމަށް ސަމާލުވެ ތިބުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންްޖް އެންޑް ޓެކްނޮލޮޖީންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޝަރީފު ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން އެކަން ކުރަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން، ސްކްރިޕްޓްކޮށްގެން ކަމަށެވެ. އެ ފަރާތްތަކުން އިންސާނުންގެ ސިކުނޑިއާ ކުޅެން އުކުޅުތައް ބޭނުންކުރާކަމަށާއި، އެފަދަ ކަމެއް ދިމާވެދާނެކަމަށް އަބަދުވެސް ހުޝިޔާރުވެގެން ތިބެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ކުންފުނިތަކުގައި ނަމުގައާއި އަދި ޝަޚްސު އޮޅުވާލައިގެން ނަން ނަމުގައި ފޯނުން ގުޅައިގެން، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައްކުރުވައި، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، ރައްޓެހިންނަށް މެސެޖްކޮށް އެ އެކައުންޓް ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަ ދައްކަމުންދަނީ ވަރަށް ގަބޫލުކުރެވޭފަދަ ގޮތަކަށް ބީއެމްއެލްއިން ބުނެއެވެ.

Advertisement

Advertisement
- ކޮމެންޓް