ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 18:27
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ޒަޔާންގެ މަރުގެ މައްސަލަ
ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ދިން މީހުން ކިޔައިދިން، ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވޭ
މާރާމާރީއަކީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ގްރޫޕްއެއްގެ މެދުގައި ހިންގި ސިލްސިލާ މާރާމާރީއެއް
މި މައްސަލައިގައި ހަތަރު ކުޑަކުދިން ހިމެނޭހެން 11 މީހަކު ހައްޔަރުކޮށްފައިވޭ

މިދިޔަ ޖޫން މަހު މާރާމާރީ ހިންގައި މަރާލާފައިވާ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާ، މަރުވުމުގެ ކުރިން އޭނާއަށް ހަމަލާދިން ގޮތާއި ދިން މީހުން ކިޔައިދިން ކަމަށް ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވެެއްޖެއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގެ މައުލޫމާތު ދިނުމަށް ބުދަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާމިހް ވިދާޅުވީ ފުލުހުން ސީންއަށް ދިޔައިރު ޒަހަމްތަކާއެކު ޒަޔާން ގޭގައި އޮތް ކަމަށެވެ. އެވަގުތު ވާހަކަ ދެކެވޭތީ ބައެއް ވާހަކަތައް އޭނާ ފުލުހުންނަށް ކިޔައިދިން ކަމަށެވެ.

މި ހަމަލާ ދީފައިވަނީ ދުރާލާ، ރާވައިގެން ކަމަށާއި މާރާމާރީއަކީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ބައެއްގެ މެދުގައި ހިންގި ސިލްސިލާ މާރާމާރީއެއް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ސާމިހް ވިދާޅުވީ ޒަޔާންގެ ގެއިން ހަމަލާ ދިނުމަން މީހުން ބޭނުން ކުރި ހަތިޔާރާއި މާލީ ހެކި ފުލުހުން ހޯދާފައިވާ ކަމަށެވެ. ހެކިނައްތާލުމަށް ކުރި މަސައްކަތް ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް ސާމިހް ވިދާޅުވިއެވެ. އަދި ސީންއިން ހޯދުނު ބައެއް ހެކިތައް މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ޑީއެންއޭއާ ދިމާވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ މި ހަމަލާ ދިނުމުގަޔާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަމަށެވެ. އެއީ 15 އަހަރާއި 19 އަހަރާ ދެމެދުގެ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް 11 މީހުންނެވެ. އޭގެ ތެރޭގައި 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެއެވެ.

ސާމިހް އިތުރަށް ވިދާޅުވީ މި މައްސަލާގައި 11 މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުންނަށް އަދި ވާސިލް ނުވެވޭ އެކަކު މި މައްސަލާގައި ހިމެނޭ ކަމަށެވެ. އަދި އެމީހާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވާ ބައެއް މީހުން:

  1. އަބްދުﷲ ނިޒާރު، ސ. ފޭދޭ/ ކާމަރަނގަގެގެ، 28އ.
  2. އަބްދުﷲ ރަޝީދު، ސ.ފޭދޫ/ ދިރިމާގޭ، 22އ.
  3. އައިލިޝް އަލީ، ސ. ފޭދޫ/ ފުފޫމާގޭ 29އ.
  4. އަހުމަދު ނަބީލް، ސ. ފޭދޫ/ ސަންޝައިން، 32އ.
  5. އަހުމަދު ޝުޖާއު، ސ.ފޭދޫ/ ދިރިމާގޭ، 24އ.
  6. ޔައިޝް އަންވަރު، ސ.ފޭދޫ/ ކަދުރުމާގެ، 19އ.
  7. އަހުމަދު އަބްދުﷲ، ސ. ފޭދޫ/ ކަރަންފޫގެ، 25އ.

ދުރާލައި ރާވައިގެން ޒަޔާނަށް ހަމަލާ ދިނުމަށް ވަގަށް އެ ގެއަށް ވަދެ ފާރަލައިގެން ތިބި ކަމަށާއި އޭނާ އައުމުން ތޫނު ހަތިޔާރަކުން ހަމަލާ ދީ ޒަހަމް ކޮށްލި ކަމަށް ސާމީހު ވިދާޅުވިއެވެ. ޒަޔާން ސަލާމަތް ވާން ފުރަތަމަ ވެސް އެރީ އެ ގޭގެ ފުރަތަމަ ފްލޯ އަށެވެ. އަދި ހަށިގަނޑުން ވަރު ދޫވެ އޭނާ ތަޅުންގަނޑު މަތީ އޮށޯތީ ކަމަށް ސަމީހު ވިދާޅުވިއެވެ.

އޭރު ހަމަލާ ދިނުމަށް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ކެފޭއެއްގެ ތެރޭގައި ހަމަލާގެ އިންތިޒާރުގައި ތިބި ކަމަށް ސަމީހު ވިދާޅުވި އެވެ. ހަމަލާ ދިނުމަށް ފަހު އެ މީހުންނަށް ފޯނުން ގުޅައި އެކަން ކުރި ވާހަކަ އެންގި ކަމަށް ވެސް ސާމީހު ވިދާޅުވިއެވެ.

އެ މީހުން ކެފޭގައި ތިބުމުގެ ބޭނުމަކީ އެކަން ހިނގީ އެ މީހުންނަށް އެނގިގެން ނޫން ކަމާއި ކެފޭއެއްގައި ގިނަ ބައެއްގެ ތެރޭގައި ތިބިކަން އެ ރަށު ރައްޔިތުންނާއި ފުލުހުންގެ ތަހުގީގަށް ދެއްކުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ މި ހަމަލާގައި ބައިވެރިކޮށްފައިވާ ކުޑަކުދިންނަކީ އޮންލައިން ގޭމެއްގެ ތެރެއިން ރެކްޓްރޫޓް ކޮށްފައިވާ ކުދިންތަކެއް ކަމަށެވެ. އަދި އެކުދިން ގްރޫމްކޮށް، މިފަދަ ކުށްތައް ކުރުމަށް ހިތްވަރު ދީފައިވާ ކަމަށެވެ. ޒަޔާން މަރާލުމަށް ސީދާ ހަމަލާދީފައިވާއިރު މީގެ ފަހަތުގައި އެހެން މަޤްސަދެއްވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިވަގުތަށް އެއީ ކޮން ކަމެއް ކަން ހާމަ ކުރެވެން ނެތް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. އަންނަ ހަފްތާގެ ނިޔަލަށް މި މައްސަލައިގެ ތަހުޤީޤު ނިންމާ، ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް