Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 14:18
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރުން
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރުން
ރައްޔިތުންގެ މަޖިލިސް
ފިންގަރ ޕްރިންޓުގެ މައްސަލަ
އިލެކްޝަންސް ކޮމިޝަންގެ އިސްލާހުތައް ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޓީން ފާސްކޮށްފި
ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާ ގުޅޭ ކަންކަމުގެ ތެރެއިން، މިހާރުން މިހާރަށް އިސްލާހުކުރެވެން ހުރި ކަންކަން އިސްލާހުކުރުމަށް ހުށަހަޅާފައިވޭ
ޕާޓީ ބަދަލުކުރުމާއި ފިންގަރ ޕްރިންޓް މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އެބަހުރި

އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި އިސްލާހުތައް ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ "ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލާ ގުޅިގެން އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ" ކޮމިޓީން ދިރާސާކުރުމަށްފަހުގައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. ހުށަހެޅުނު މައްސަލައިގައި މައިގަނޑު ކަންބޮޑުވުންތަކެއްގެ ގޮތުގައި ހިމެނެނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައާއި އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގައާއި އަދި ޕާޓީން މެންބަރުން ވަކިކުރުމުގައި ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތި އަމަލުކުރަމުން ދިއުމެވެ.

މީގެ އިތުރުން ގާނޫނު އަސާސީގެ 30 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރަމުން ދާތީއާއި އެފަދަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލިގެން ދިއުމެވެ. އަދި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުގެ އިހްތިޔާރު ނަގައިލާ، އެ ފަރާތްތަކުގެ ނަމުގައި ނުހައްގުން މާލީ މަންފާއާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުން ދިއުން ހިމެނެއެވެ.

Advertisement

މީގެ އިތުރުން މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުން ދިއުމާއި، މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް އިތުރު އުނދަގޫތައް ކުރިމަތިވަމުން ދިއުން ހިމެނެއެވެ.

ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި ހިމެނެނީ ފިންގަރ ޕްރިންޓް ވެރިފައި ނުކުރެވުމާއި، ޕާޓީން ވަކިކުރުމުގެ އުސޫލާއި ކޮމިޝަނަށް ފެންނަ ހައްލު އަދި ދައުލަތުން ހަރަދުކުރުން ނިމުމަކަށް ގެނައުމެވެ. މީގެ އިތުރުން ގާނޫނު އިސްލާހުކުރުން ވެސް ހިމެނެއެވެ.

ކޮމިޓީގެ ހުށަހެޅުންތަކުގެ ތެރޭގައި 2 ކަމެއް ވަނީ ހިމަނާފައެވެ. އެއީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައާއި އެއް ޕާޓީން އަނެއް ޕާޓިއަށް މީހުން ބަދަލުކުރުމުގައާއި އަދި ޕާޓީން މެންބަރުން ވަކިކުރުމުގައި އެމީހެއްގެ އެއްވެސް ބައިވެރިވުމެއް ނެތި ބައެއް ޕާޓީތަކުން އަމަލުކުރަމުންދާ ދިޔުން ނިމުމަކަށް ގެނައުމަށް މިހާރުން މިހާރަށް ގެނެވެންހުރި ބަދަލުތައް ގެންނަން ފެންނަކަމަށާއި، މީހަކަށް ނޭގި އެމީހަކު އެހެން ޕާޓީއެއްގެ ދަފްތަރުގައި ހިމަނާފައި އޮވެއްޖެ ހާލަތެއްގައި އަދި އެއީ އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތި ކޮށްފައިވާ ކަމެއްކަން ސާބިތުކޮށްދީފިނަމަ، އޭނާގެ ރަޖިސްޓްރީ ކުރިން އޮތް ޕާޓީގައި ބޭއްވޭނެ އުސޫލެއް ކަނޑައެޅުމަށާއި، އަދި ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި އަމަލުކުރަމުންދާ އުސޫލުތަކުގައި ހިމެނޭ، ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާ ގުޅޭ ކަންކަމުގެ ތެރެއިން، މިހާރުން މިހާރަށް އިސްލާހުކުރެވެން ހުރި ކަންކަން އިސްލާހުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ދެންނެވުމެވެ.

ދެވަނަ ހުށަހެޅުމަކީ ސިޔާސީ ޕާޓީގެ ގާނޫނު އިސްލާހުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފެންނަ އިސްލާހުތައް ހިމަނައިގެން އެ ކޮމިޝަނުން އެކުލަވާލި އިސްލާހުތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވެސް ލިބިފައިވާ ކަމަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއެކު އެ އިސްލާހުތައް ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުމަށް ފެންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް