ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަނުން މަނާކުރުމުން ޖުމްހޫރީ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޖޭޕީން އެދުނު ވަގުތީ އަމުރާ ގުޅޭ ބަޔާން ބަދަލުކޮށް ނިންމައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ގާނޫނީ ވަކީލް ނޫރުއްސަލާމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އެދިފައި ވަނީ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ތަންފީޒް ކުރުމުން މަޑުޖައްސާލުމުގެ އަމުރަކަށް ކަމަށެވެ.
ނޫރުއްސަލާމް ވިދާޅުވީ ޖޭޕީން އެދުނު އެ ވަގުތީ އަމުރާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ ޝަރީޢަތުގެ މަޖިލީހުގައި ވަގުތީ އަމުރާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށާއި ހަމައެކަނި ކުރިއަށް ދިޔައީ ވަގުތީ އަމުރާ ގުޅޭ ބަޔާން ބަދަލު ކުރުން ކަމަށެވެ.
އެގޮތުން ނޫރުއްސަލާމް ވިދާޅުވީ މިއަދުގެ ޝަރީޢަތުގައި ކުރިއަށް ދިޔައީ ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ ބަޔާނަށް ޖަވާބު ދީ އިލެކްޝަންސް ކޮމިޝަން ހުށަހަޅަން ޖެހޭ ބަޔާން ހުށަހެޅުމެވެ. އަދި ފުރުސަތު ލިބިއްޖެ ނަމަ އީސީގެ ބަޔާނަށް ޖޭޕީން ޖަވާންދާރީވެ، ބަޔާން ހުށަހަޅާނެ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
މީގެ އިތުރުން ނޫއްރުއްސަލާމް ވިދާޅުވީ ދެން މައްސަލައިގެ ޝަރީޢަތުގެ މަޖިލީހެއް ބާއްވާނެ ވަކި ތާރީހެއް ބުނެފައި ނުވާ ކަމަށެވެ.
މިމަހުގެ 6 ވަނަ ދުވަހު ސިވިލް ކޯޓަށް ވެއްދި ޖޭޕީގެ މައްސަލާގައި އެދިފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ޖޭޕީއަށް އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާ ހަވާލާދީ، ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ދިދަ އާއި ޖޭޕީގެ ލޯގޯ ވައްތަރުކަމަށް ޤަބޫލު ކުރެވޭ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ޖުމްހޫރީ ޕާޓީއަށް އަންގާފައި ވަނީ، ޖޫން މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރުމަށެވެ.
ނަމަވެސް މި އެންގުމަކީ، ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނަށް އެންގޭނެ އެންގުމެއް ކަމަށް ޤަބޫލު ނުކުރާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން ވަނީ 2005 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރަން ދެކޮޅު ހަދާފައެވެ.
އިލެކްޝަންސް ކޮމިޝަނުން، ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުން ހުއްޓާލުމަށް އެންގީ މިމަހުގެ 4 ވީ އާދިއްތަ ދުވަހު އެ ކޮމިޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ފޮނުއްވި ސިޓީއަކުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި ޖޭޕީގެ ލޯގޯ އާއި ދިދަ ބަދަލު ކުރުމަށް ފުރުސަތު ދެވިފައި ވީ ނަމަވެސް ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލު ކޮށްފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.
އެ އެންގުން ބާތިލްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އެޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރަމުންނެއް ނުދެއެވެ.