ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 07:06
ދަނޑުވެރިކަމަށް ޚިދުމަތްކޮށްދެއްވި ފަރާތަކާ ހަނދާނީ ފިލާ ހަވާލުކުރައްވަނީ
ދަނޑުވެރިކަމަށް ޚިދުމަތްކޮށްދެއްވި ފަރާތަކާ ހަނދާނީ ފިލާ ހަވާލުކުރައްވަނީ
ރައީސް އޮފީސް
ދަނޑުވެރިންގެ ދުވަސް
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރި ފަރާތްތަކުގެ އަގުވަޒަންކޮށްފި
ނުވަ ފަރާތަކަށް ވަނީ ހަނދާނީ ފިލާ ދީފައި
ދަނޑުވެރިންގެ ދުވަސް މިއަހަރު ފާހަގަކުރީ ކ. ކާށިދޫގައި

ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއަށް ޚިދުމަތްކޮށް، ދަނޑުވެރިކަން ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްފިއެވެ.

މި ފަރާތްތަކާ ހަނދާނީ ފިލާ ހަވާލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް ކ. ކާށިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިިކޮށްދެއްވައި ހަނދާނީ ފިލާތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ.

މި ރަސްމިއްޔާތުގައި ނުވަ ފަރާތަކަށް ވަނީ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ އިނާމު ދީފައެވެ. މީގެ ތެރޭގައި އެމްއައި ކޮލެޖާއި ހަތަރު ކުންފުންޏާއި ހަތަރު އަމިއްލަ ފަރުދުން ހިމެނެއެވެ.

އިނާމް ލިބުނު ފަރާތްތައް

  1. އެެމްއައި ކޮލެޖް
  2. ސޭންޑީ ކްރިސްޓަލް ޕްރައިވެޓް ލިމިޓެޑް
  3. ފަރި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  4. ޕްރައިމް ފާޓިލައިޒަރ ޕްރައިވެޓް ލިމިޓެޑް
  5. އަލިވިދާ ޕްރައިވެޓް ލިމިޓެޑް
  6. އިބްރާހިމް ރަޝީދު، އަރާއިރު ސ. ހިތަދޫ
  7. ޑރ. އައިމިނަތު ޝާފިޔާ، މ. ޕާކްލޭން
  8. އަބްދުލް އަޒީޒު އަބްދުލް ހަކީމް، މ. ފެހިގިރި
  9. މުޙައްމަދު ޒުހައިރު، މ. ނަގްމާ

އެމްއައި ކޮލެޖުގެ އަގުވަޒަންކޮށްދީފައިވާ ހަނދާނީ ފިލާއަކީ އެ ކޮލެޖުން އަމިއްލަ އިސްނެގުމާއެކު ރާއްޖޭގައި ސްކޫލް އޮފް އެގްރިކަލްޗަރގެ ނަމުގައި ދަނޑުވެރިކަމަށް ހާއްސަ ސްކޫލެއް އުުފައްދައި ދަނޑުވެރިކަމާ ގުޅުންހުރި ކޯސްތައް ކުރިއަށްގެންދާތީ ދީފައިވާ ހަނދާނީ ފިލައެކެވެ. ސޭންޑީ ކްރިސްޓަލްސް އިން ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކޮށް ދާއިރާ ކުރިއަރުވަން މަސައްކަތް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެ ކުންފުނީގެ އަގުވަޒަންކޮށްފައިވާއިރު ފަރި މޯލްޑިވްސްގެ އަގުވަޒަންކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ ޕޯލްޓްރީ ފާމިން ކުންފުންޏަށް ވާތީއެވެ. އެ ކުންފުނިން ވަނީ ފާއިތުވި 21 އަހަރު މެދުނުކެނޑި ރާއްޖޭގެ ބާޒާރަށް ކުކުޅު ބިސް ފޯރުކޮށްދީފައެވެ.

ޕްރައިމް ފާޓިލައިޒަރސް އާއި އަލިވިދާ އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ދެ ކުންފުންޏެވެ.

ހަނދާނީ ފިލާ ލިބުނު ވަކިވަކި ފަރުދުންގެ ތެރެއިން ޑރ. އާމިނަތު ޝާފިޔާ އަކީ ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ފަރާތެވެ. އޭނާގެ އިތުރުން އެވޯޑު ލިބުނު ތިން ބޭފުޅުންނަކީ ވެސް ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރި ފަރާތްތަކުގެ އިތުރުން މި ޖަލްސާގައި ވަނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއެކު އެންމެ ރަނގަޅަށް މަސައްކަތް ކުރާ ދަނޑުވެރިންގެ ވެސް އަގުވަޒަންކޮށްފައެވެ. އެގޮތުން ތިން ފަރާތަކަށް ވަނީ ހަނދާނީ ފިލަޔާއި ފައިސާގެ އިނާމު ދީފައެވެ. އެ ފަރާތްތަަކަކީ

  1. ތޯރިގު އަލީ، ވައިލެޓް މާގެ، ފުވައްމުލައް
  2. ސާދާ ސޯލިހު، ކޮރަލް ރޯސް ގދ. ފިޔޯރީ
  3. އަބްދުﷲ ޖަލީލް، މޯނިންގ ހައުސް ލ. އިސްދޫ

މިއަހަރުގެ ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކާށިދޫގައި ބޭއްވުމަށް ނިންމާފައިވަނީ އެ ރަށަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށަކަށްވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް