ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 15:43
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަރުޝަދު ޚާލިދު
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަރުޝަދު ޚާލިދު
ފޭސްބުކް
ހައިކޯޓުގެ އަމުރާ ޚިލާފުވި މައްސަލައެއް
އަރުޝަދު ދޫކޮށްލުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ފާހަގައެއް ނުކުރެވޭ: ފުލުހުންގެ ތަރުޖަމާނު
އެކަމުގައި އަމަލުކޮށްފައިވަނީ މިހާތަނަށް އަމަލުކޮށްފައިވާ އުސޫލުން

އަރުޝަދު ޚާލިދު  ދޫކޮށްލުމުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ފާހަގަ ނުކުރެވޭ ކަމަށް ވަގުތީ ގޮތުން ފުލުހުންގެ ތަރުޖަމާނުގެ މަޤާމާއި ހަވާލުވެ ހުންނެވި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވެއްޖެއެވެ.

ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް މީހަކު ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށް, ހައިކޯޓުގެ އެންގުމާ ޚިލާފަށް އަމަލުކޮށްފައިވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައެވެ.

އެ މައްސަލައަކީ، ހައިކޯޓުން ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށް، ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، އެ އަމުރާ ޚިލާފުވުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި ފުލުހުން، 12 އޮކްޓޫބަރު 2022 ދުވަހުގެ 19:45ށް އަރުޝަދު ޚާލިދު އެ ކޯޓަށް ހާޒިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލުމަށް ފަހުގައެވެ. އަދި ފުލުހުން ވަނީ އެކަމާގުޅޭ ލިޔުމެއްވެސް އޭނާއަށް ދީފައެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، އަރުޝަދު ހައްޔަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމާގުޅިގެން ޕީޖީން ގެންދިޔައީ އެކަމުގައި ޢަމަލުކުރަންވީގޮތުގެ އިރުޝާދު ދިވެހި ފުލުހުންގެ ޚިދުމަތަށް ދެމުން ކަމަށެވެ. އަދި އަރުޝަދު ޚާލިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެކަމަށް ވަނީ ބުނެފައެވެެ.

މީގެ އިތުރުން އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން އެ އޮފީހުގެ ލަފަޔަކަށް އެދިފައިވެސް ނުވާކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން ހިނގާފައިވަނީ މައްސަލަ ތަހުގީގުކުރާ ފަރާތާއި، ތަހުގީގުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތިކަމަށް ޕީޖީ އޮފީހަށް އެނގިފައިވާ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޕީޖީ އޮފީހުން އަންގާފައިވާނެ ކަމަށާއި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފައިކަމަށް އެ އޮފީހުން ބުނެއެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް ޔޫނުސް ވިދާޅުވީ އެކަމުގައި އަމަލުކޮށްފައިވަނީ މިހާތަނަށް އަމަލުކޮށްފައިވާ އުސޫލުން ކަމަށެވެ. އެހެންނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން އެ އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އިހުމާލެއް އޮތްކަން ފާހަގަ ނުކުރެވޭއިރު އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ޔޫނުސް މިހެން ވިދާޅުވެފައިވާއިރު މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީނަމަވެސް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް