ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 11:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު
ރައީސް އޮފީސް
ރާއްޖެ ޗައިނާ ގުޅުން
ރާއްޖޭގެ އިޖުތިމާޢީ، ޘަޤާފީ އަދި އިޤްތިޞާދީ ތަރައްޤީގައި ޗައިނާގެ ހިއްސާ ބޮޑު - ރައީސް
މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖެ އާއި ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލައްވާފައިވޭ
ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން ބިނާވެފައި ވަނީ، ތާރީޚީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެޤައުމުގެ މެދުގައި އޮތް އިޙްތިރާމުގެ ބިންގަލުގެ މައްޗަށް
ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއް

ދިވެހިރާއްޖޭގެ އިޖުތިމާޢީ، ޘަޤާފީ އަދި އިޤްތިޞާދީ ތަރައްޤީގައި ޗައިނާއިން ނުހަނު ބޮޑު ޙިއްޞާއެއް ވެދީފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެ އާއި ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބަތުގައި، ރައީސް ސާލިޙު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ފޮނުއްވި ތަޙުނިޔާގެ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތަޙުނިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައި، ދިވެހިރާއްޖެ އާއި ޗައިނާގެ މެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ، ދިގު ތާރީޚެއް އޮތް ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ފާއިތުވި ވިހި އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިޖުތިމާޢީ، ޘަޤާފީ އަދި އިޤްތިޞާދީ ތަރައްޤީގައި ޗައިނާއިން ނުހަނު ބޮޑު ޙިއްޞާއެއް ވެދީފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖެ އާއި ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން މިއެއްބަސްވުންތަކުގެ ދަށުން، ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާނޭ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިމެސެޖުގައި، ވިދާޅުވީ، ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން ބިނާވެފައި ވަނީ، ތާރީޚީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެޤައުމުގެ މެދުގައި އޮތް އިޙްތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާގެ މިގުޅުން ކުރިއަރައި ދެމިގެންދާނޭ ކަމަށް ޔަޤީން ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ވަކިން ފޮނުއްވެވި މެސެޖުގައި، ދިވެހިރާއްޖެ އާއި ޗައިނާގެ ތާރީޚީ ގުޅުމާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެޤައުމުން ވެސް އެއްޤައުމު އަނެއްޤައުމުގެ އިސްތިޤުލާލަށް ކުރާ އިޙްތިރާމަކީ، ދެޤައުމުގެ ގުޅުމުގެ ހަރުދަނާ ބިންގާކަމަށާއި، ފާއިތުވި 50 އަހަރުވެސް ރާއްޖެ އާއި ޗައިނާގެ ގުޅުން ދެމިގެން އައީ އެ ބިންގަލުގެ މަތީގައި ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، އިޖުތިމާޢީ ތަރައްޤީ އާއި އިޤްތިޞާދީ ތަރައްޤީގެ އާ އުސްމިންތަކަށް ރާއްޖެ ވާޞިލްވުމުގައި، ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީ އާއެކު، ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ވަކިވަކިން ފޮނުއްވެވި މި ދެ މެސެޖުގައި، ދިވެހިރާއްޖެ އާއި ޗައިނާއިން ގާތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން، ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތެރިކަމުގެ ގުޅުން ބަދަހިވެގެންދާނޭ ކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް