ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 09:47
ސަވާދީއްތަ ދަތުރުގެ ތެރެއިން ރާއްޖެ އައި ފަތުރުވެރިން
ސަވާދީއްތަ ދަތުރުގެ ތެރެއިން ރާއްޖެ އައި ފަތުރުވެރިން
ސަވާދީއްތަ ދަތުރު
ރާއްޖޭގެ ފަތުރުވެރިކަން
މިއަހަރުވެސް "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އަށް ރާއްޖެ ވެދާނެތަ؟
50 އަހަރު ކުރިން ތައާރަފުވި ފަތުރުވެރިކަމަކީ މިއަދު ދިވެހިންގެ ދިރިއުޅުމުގެ ބޮޑު ބައެއް
ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް
ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ޖައްސަޖައްސައިގެން ދެ ފަހަރު ލިބިފައިވޭ

މީގެ 50 ވަރަކަށް އަހަރު ކުރިން ދިވެހިންގެ އާމްދަނީއާއި، ދިރިއުޅުން މުޅިންހެން ބިނާވެފައި ވަނީ ދަނޑުވެރިކަމާއި މަސްވެރިކަމަށެވެ. މި ދެ މަސައްކަތުން ލިބޭ ނަފާގެ މައްޗަށް މުޅިންހެން ބިނާވެފައިއޮތް ދިވެހިންގެ ދިރިއުޅުމަށް ބޮޑު އިންގިލާބީ ބަދަލެއް އައީ ރާއްޖެއަށް ތައާރަފުކުރެވިގެންދިޔަ ފަތުރުވެރިކަމާއެކުއެވެ. އެއާއެކު ދިވެހިންގެ ބައިވެރިވުމާއެކު މި ސިނާއަތް މަޑުމަޑުން ކުރިއަރަމުން ދިޔައެވެ.

ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަމުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ރާއްޖެ ވެގެންދިޔައެވެ. އެންމެ ކުޑައިރުއްސުރެ އަތޮޅުތެރޭގެ ރަށްރަށުން ފަތުރުވެރިން ފެންނަ ހަނދާންވެއެވެ. އެގޮތަށް ފަތުރުވެރިން އައިސް އުޅޭތަން ފެނުމުން ވަރަށް އުފާވެސް ވެއެވެ. މިއަދު ރާއްޖޭގެ ފަތުރުވެރިކަން ވެފައި މިވަނީ އަހަރުމެން އެންމެންގެ ދިރިއުޅުމާވެސް އެތައް ގޮތަކުން ގުޅިފައިވާ ސިނާއަތަކަށެވެ.

އެހާމެ ދިގު ދަތުރަކަށްފަހު މިއަދު ރާއްޖޭގެ ފަތުރުވެރިކަން އޮތީ ރަނގަޅު ފައްތަރެއްގައެވެ. މިއަދު އެތައް ބައެއްގެ ދިރިއުޅުން ބިނާވެފައި އޮތީ މި ސިނާއަތަށެވެ. މިއަދު ރާއްޖޭގެ އިގްތިސާދުވެސް އެންމެ ބޮޑަށް ބިނާވަނީ މި ސިނާއަތުން ލިބޭ އާމްދަނީއަށެވެ. މި ސިނާއަތަށް ގުޑުމެއް އަންނަ ކޮންމެ ފަހަރަކީ ރާއްޖޭގެ އިގްތިސާދަށް އެނގުންވާ ކަމެއްކަން ކޮވިޑް-19ގެ ހާލަތުގައި އަހަރުމެންނަށް ވަނީ ސާފުވެފައެވެ.

މިއަދު ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބޮޑެތި މާކެޓުތަކުގެ ތެރޭގައި ގުނަލެވޭ މާކެޓެކެވެ. ޖައްސަ ޖައްސައިގެން ދެ އަހަރު ރާއްޖެއިން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ގެ އެވޯޑު ހޯދާފައެވެ. އަދި މިއަހަރުގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ ވަނީ ނޮމިނޭޓު ވެސް ވެފައެވެ.

2020 އަދި 2021 ވަނަ އަހަރު މި އެވޯޑު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މި ދެ އަހަރުވެސް ރާއްޖެއިން މި އެވޯޑު ކާމިޔާބުކޮށްފައިވަނީ ނުހަނު ގިނަ ގޮންޖެހުންތަކަކާއެކުއެވެ. ކޮވިޑް-19 ގެ ހާލަތުގައި ފަތުރުވެރިކަން އެއްކޮށް ހުއްޓުމަކަށްވެސް އައެވެ. ގިނަ ބައެއްގެ ވަޒީފާއަށް އަސަރުވެސް ކުރިއެވެ. ދެން ސުވާލު އުފެދެނީ ޖައްސަ ޖައްސައިގެން ތިން އަހަރު މި އެވޯޑު ކާމިޔާބުކުރެވުމުގެ ފުރުސަތު އޮތް މިންވަރާ މެދުއެވެ.

މިއަހަރުވެސް ރާއްޖެއިން ގެންދަނީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވަން މަސައްކަތްކުރަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ހުރިހާ ފަންތިއަކަށް ފެތޭ ފަތުރުވެރިކަމަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ. ރާއްޖޭގެ ރަށްތަކުން ސަގާފީ އެތައް ކަމެއް ތަޖުރިބާކޮށްލެވި އަގުހެޔޮކޮށް އެތަންތަނުގައި ހުރެލުމުގެ ފުރުސަތު އޮތްކަން ފަތުރުވެރިންނަށް ކިޔައިދެމުންނެވެ. ފަތުރުވެރިންގެ ފަރާތުން ރާއްޖެއަށް ލިބިފައިވާ މަގުބޫލުކަމާއެކު އަދިވެސް މި އެވޯޑު ރާއްޖެއަށް ލިބުމުގެ ފުރުސަތު ބޮޑެވެ. އުންމީދުކުރެވެނީ އެގޮތަށެވެ.

- ކޮމެންޓް