ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 15:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ކުރީގެ މެންބަރުންގެ އިނާޔާތް އުނިކުރުމުގެ ބިލް
މެންބަރުކަން ކޮށްފައިވާ މީހަކަށް ލިބޭ މާލީ އިނާޔާތްތައް އުނިކުރުމަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
ބިލް ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 5 މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހަކަށް ލިބޭ މާލީ އިނާޔާތްތަކަށް ބަދަލު ގެންނަން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެ ބިލް ބަލައިގަންނަން ނުފެންނަކަމަށް ފާސްކޮށްފިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުއްވި މިބިލް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ ތެރެއިން ބިލް ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 5 މެންބަރުންނެވެ. 31 މެންބަރުން ވަނީ ބިލް ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ. އެހެންކަމުން މިބިލް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުވެފައެވެ.

ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މެންބަރު އުޝާމު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ރައްޔިތުންގެ މަޖިލީހުގެ 1 ނުވަތަ 2 ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން އިނާޔަތްތަކެއް ކަނޑައަޅާފައިވާ އިރު، ދައުލަތަށް އެތަކެއް އަހަރު ހިދުމަތްކޮށްފައިވާ ފަރާތަކަށް ލިބޭ އިނާޔަތްތަކާއި ނުބައްދަލު އިނާޔަތްތަކެއް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާ މީހަކަށް ދިނުމަކީ އިންސާފުވެރިކަމަކަށް ނުވާ ކަމަށެވެ.

އަދި މިކަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮލާމުންދާތީ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތަށް ކަންކަން ނިންމަންޖެހޭ މަޖިލީހެއްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން ދެކޭތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތަކަށް ލިބޭ ހިދުމަތާ ނުބައްދަލު އިނާޔަތްތައް އުނިކުރުމަށް ގާނޫނަށް އިސްލާހު ގެނައުން ކަމަށެވެ.

މި ގާނޫނުގެ 8 ވަނަ މާއްދާ އުނިކުރުމަށް އުޝާމް ވަނީ ހުށަހަޅުއްވާފައެވެ. ހިދުމަތުގެ އިނާޔަތް އަރިމަތީ ސުރުހީގެ ދަށުން ހިމަނާފައިވާ މި މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 1 ދައުރު މެންބަރުކަން ކުރައްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 އިންސައްތަ އަދި 2 ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 45 އިންސައްތަ ދައުލަތުން ދޭންވާނެ ކަމަށެވެ.

އަދި މި މާލީ އިނާޔަތްތައް ލިބޭނީ އެ މެންބަރަކު މަޖިލީހުން ވަކިކުމަށްފަހު އުމުރުން 55 އަހަރުފުރުމަށްފަހުގައި ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ އެއްވެސް އިސް ވަޒީފާއެއް އަދާކުރާނަމަ، އެ ވަޒީފާ އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެ ކަމަށާއި، މާލީ އިނާޔަތް ލިބޭކަމުގައިވާނަމަ ދައުލަތުގެ އިތުރު ޕެންޝަނެއް ނުވަތަ މާލީ އިނާޔަތެއް ދައުލަތުން ނުލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.

މެންބަރު އުޝާމް ހުށަހެޅުއްވީ މި އިނާޔަތްތައް އުވާލުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
12 އޮކްޓޯބަރ 2022 | ބުދަ 08:10
ޑިމޮކްރަސީ
ކީއްކުރާނި ރައްޔިތުންނަށް މިވަރުގެ އޯގާތެރި މަންދޫބުންނާ ބޮޑުން ތިބި ޤަވްމެއް މިދުނިޔޭގަވެސް ނޯންނާނެ