ކ. މާލެ
|
10 އޮކްޓޯބަރ 2022 | ހޯމަ 19:13
މެލޭޝިއާގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބް އެގައުމުގެ ރައްޔިތުންނާ ޓީވީ މެދުވެރިކުރައްވައި ވާހަކަފުޅުދައްކަވަނީ
މެލޭޝިއާގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބް އެގައުމުގެ ރައްޔިތުންނާ ޓީވީ މެދުވެރިކުރައްވައި ވާހަކަފުޅުދައްކަވަނީ
ރޮއިޓާސް
މެލޭޝިއާގައި އަވަސް އިންތިޚާބެއް
މެލޭޝިއާގެ ގާނޫނު ހަދާ މަޖިލިސް އުވާލައި، އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު ގޮވާލައްވައިފި
މެލޭޝިއާގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިއޮތީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު
ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެ
މިގޮތަށް ބޮޑުވަޒީރު ގޮވާލައްވާފައިވަނީ ހޯމަ ދުވަހު

މެލޭޝިއާގައި އަވަސް އިންތިޚާބެއް ބޭއްވުމަށް އެގައުމުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބް ގޮވާލައްވައިފިއެވެ.

މިގޮތަށް ބޮޑުވަޒީރު ގޮވާލައްވާފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން ހޯމަ ދުވަހު ޓީވީ މެދުވެރިކުރައްވައި، ގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު އިސްމާއީލް ވަނީ، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލަން ރަސްގެފާނު އެއްބަސްވެވަޑައިގެންފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންތިޚާބު ބާއްވަން ތާރީޚެއް އިލެކްޝަން ކޮމިޝަނުން އާންމުކުރާނެކަމަށް އިސްމާއީލް ވިދާޅުވިއެވެ.

ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެއެވެ. އަދި އިންތިޚާބު ފަސްކޮށްފިނަމަ ވޯޓުލާ މީހުންގެ އަދަދު ދަށްވުމަކީ އެކަށީގެންވާކަމެއް ކަމަށް ބޭރުގެ މީޑިއާތަކުން ފާހަގަކުރެއެވެ.

މީގެ އިތުރުން މިގޮތަށް ނިންމައި އަވަސް އިންތިޚާބަކަށް ދިއުމަށް ބޮޑުވަޒީރު އިސްމާއީލް ގޮވާލައްވާފައި މިވަނީ، އެމަނިކުފާނުުގެ ޕާޓީއަށް އޮތް ތާއީދު އިތުރުވާނެކަމުގެ އުންމީދުގައި ކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ. ފާއިތުވި ހަތަރު އަހަރަށް ބަލާއިރު، މެލޭޝިއާގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ވަނީ، އަވަސް އިންތިޚާބަކަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައި، ގައުމުގެ ހިންގުމުގެ ކަންކަން ރައްޔިތުންގެ އަތްމަތީގައި ބޭއްވުމަށްކަމަށް ވިދާޅުވެފައެވެ.

މެލޭޝިއާގެ ސަރުކާރު ހިންގާ ޕާޓީން އަވަސް އިންތިޚާބަކަށް ގޮވާލާފައި މިވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެގައުމުގެ އިގުތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތްތައްކުރަމުންދާ ދަނޑިވަޅެއްގައެވެ.

މެލޭޝިއާގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެހެން ނަމަވެސް އެތެރޭގެ ކޯޅުންތަކަކާއެކު އޭނާގެ ޕާޓީގެ ބައެއް ފެކްޝަންތަކުން ދަނީ އިންތިޚާބު އަވަސްކުރުމަށް އިސްމާއީލަށް ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް