Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2022 | ބުރާސްފަތި 10:29
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް
ރާއްޖެއެމްވީ
މޭރީ ގްރޭސްގެ މަރު
މޭރީގެ މަރު: ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން ހުށަހަޅައިފި
މާވިން އެސްވައި ވަރގަސްގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ
މޭރީއާއި މާވިންގެ 5 އަހަރުގެ އަންހެން ކުއްޖަކު ހުރޭ
މޭރީ މަރާލާފައިވަނީ ދުރާލާ ރާވައިގެންކަން ސާބިތު ކޮށްދިނުމަށްވެސް ދައުލަތުން ހެކި ހުށައަޅާފައިވޭ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން އިއްވުމެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިން އެސްވައި ވަރގަސްގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލަމްހާގެ މައްޗަށް 3 ދައުވާއެއް އުފުލާފައިވާއިރު، އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ، އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ދައުލަތުން ބުނާ ގޮތުގައި މި 4 ދައުވާއަކީ ވެސް ގުޅިފައިވާ އަމަލުތަކެއްގެ މައްޗަށް ބިނާވެގެން އައިސްފައިވާ ދައުވާތަކެކެވެ. ދައުލަތުން ވަނީ ދައުވާތައް ސާބިތު ކުރުމަށް ހެކި ހުށައަޅާފައެވެ. އޭގެ ތެރޭގައި މޭރީއާއި މާވިންގެ 5 އަހަރުގެ އަންހެން ކުއްޖަކު ހުންނަ ކަމާއި، ފިލިޕީންސްގެ ޤާނޫނު އޮންނަ ގޮތުން އެމީހުންނަށް ވަރިވެވެން ނެތްކަން ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކީގެ އިތުރުން، ލަމްހާއާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމާއި، އެކަން މޭރީއަށް އެނގިގެން ދެބަސްވުންތަކެއް ހިނގިކަން ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިތައްވެސް ހިމެނެއެވެ.

އޭގެ އިތުރުން، ލަމްހާއާއި މާވިން ދިވެހިރާއްޖޭގައި ކައިވެނި ކުރުމަށް މަޝްވަރާ ކުރެވުނު ކަމާއި، އަންހެނެއްގެ ގަޔަށް އިންޖެކްޝަން ޖަހާނެ ގޮތާއި ގުޅޭގޮތުން އެ ދެމީހުން ވާހަކަ ދައްކާވަފައިވާ ކަމުގެ އިތުރުން، އެމީހުން މޭރީ މަރާލުމަށް ގަސްތު އޮތްކަން ސާބިތު ކުރުމަށްވެސް ދައުލަތުން ހެކި ހުށައަޅާފައިވެއެވެ.

މޭރީ މަރާލި ދުވަސް (19 އޮކްޓޯބަރު 2021) ގައި ކަން ހިނގި ގޮތަށް ބަލާއިރު، މޭރީ މަރާލާފައިވަނީ ދުރާލާ ރާވައިގެންކަން ސާބިތު ކޮށްދިނުމަށްވެސް ދައުލަތުން ހެކި ހުށައަޅާފައިވެއެވެ.

Advertisement

ދައުލަތުން ބުނާ ގޮތުގައި ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާ ދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި, ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ވަނީ ފެނިފައެވެ. ލަމްހާގެ ގެ ބަލާ ފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި "ސަކްސިނައިލްކޮލިން" އާއި، "ޕޮޓޭސިއަމް ކްލޮރައިޑް" ހިމެނޭއިރު، އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތަން ބޭނުންކުރާ އަދި މީހަކު މަރާލެވިދާނެ ފަދަ އިންޖެކްޝަނެއްކަން ދައުލަތުން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ. އެކަންކަން ސާބިތު ކުރުމަށްވެސް ދައުލަތުން ހެކި ހުށައަޅާފައިވެއެވެ.

އޭގެ އިތުރުން، މޭރީ މަރުވެފަައިވަނީ ދަންޖެހިގެން ނޫން ކަމާއި، އޭނާ މަރުވީ އޭނާގެ ބޮލަށާއި، ކަރަށް ލިބުނު ގެއްލުމުގެ ސަބަބުން ކަންވެސް ދައުލަތުން ސާބިތު ކުރާނެކަން އިފްތިތާޙީ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެއަށްފަހު ކުރިއަށް ދިޔައީ ދިފާއުން އިފްތިތާޙީ ބަޔާން ހުށައެޅުމެވެ. އެގޮތުން އެންމެ ފުރަތަމަ ލަމްހާގެ ފަރާތުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ. ލަމްހާގެ ފަރާތުން އޭނާގެ ވަކީލު ވިދާޅުވާ ގޮތުގައި ލަމްހާގެ ގެއިން ފެނުނުކަމަށް ބުނާ ތަކެއްޗަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެއްކެއް ނޫނެވެ. މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުމެއް ނޯންނާނެކަން ސާބިތު ކުރުމަށް ލަމްހާގެ ފަރާތުން ވަނީ ދިފާއީ ހެކި ހުށައަޅާފައެވެ.

ބަހުސްގެ ބޭނުމަށް އެތަކެތި ފެނުނުކަމަށް ބެލި ނަމަވެސް، އެފަދަ އެއްވެސް ބޭހެއް ނުވަތަ އިންޖެކްޝަނަކީ މޭރީގެ މަރާއި ގުޅުންހުރި އެއްޗެއް ނޫންކަމަށް ލަމްހާގެ ފަރާތުން ބުނެއެވެ.

މާވިންގެ ފަރާތުންވެސް ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ. އެގޮތުން މާވިންގެ ފަރާތުން ވަނީ މުޅި ދައުވާގައިވާ ހުރިހާ ކަމަކަށް އޭނާގެ ފަރާތުން މުތުލަޤުކޮށް އިންކާރުކުރާކަން ބަޔާންކޮށްފައެވެ. މާވިންގެ ފަރާތުން ވަނީ 5 ޝަފަވީ ހެއްކެއްވެސް ހުށައަޅާފައެވެ.

ދެން އޮންނާނީ މި މައްސަލައިގެ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިހިނގާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 09:00 އާއި، 17 ވަނަ ދުވަހަށްވެސް ހެކިބަސް ނެގުމުގެ އަޑުއެހުން ވަނީ ތާވަލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
6 އޮކްޓޯބަރ 2022 | ބުރާސްފަތި 10:40
ލާމު
ހާދަ ބިރުވެރިއޭ މިކަން ކަން. ބޯ ހަލާކު. ޝަރީޢަތް އަވަސްކޮށް ހުކުމާ ހަމައަށް ވާސިލްވެ އިންސާފު ގާއިމްވުން މުހިއްމު.