ކ. މާލެ
|
5 އޮކްޓޯބަރ 2022 | ބުދަ 11:25
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ
ރާއްޖެއެމްވީ
ވ އާރަށު ހިޔާނާތުގެ މައްސަލަ
އާރަށު ހިޔާނަތް: ދިފާއީ ހެކިންގެ ތެދުދޮގު ސާބިތު ކުރުމަށްކަމަށް ބުނެ ދައުލަތުން އައު ހެކިތަކެއް
ބުދަ ދުވަހުގެ އަޑުއެހުމަށް ދައުލަތުންވެސް ވަނީ ލިއުންތަކެއް ހުށައަޅާފައި
ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދިފާއަށް އެކަށީގެންވާ ވަގުތު ބޭނުންވާކަމަށް ބުނޭ
ހެކިންގެ ބަޔާންތައް ހޯދައި، އެ ބަޔާންތައް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވި

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮންނާނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުންކަމަށް މީގެ ކުރިން ޝަރީއަތުން ވަނީ ބުނެފައެވެ. އެ ނިންމެވުމާއި ގުޅިގެން ހަމަ އެ ދުވަހު ދިފާއުން ވަނީ ކޯޓަށް ސިޓީއެއްވެސް ހުށައަޅާފައެވެ.

އެ ސިޓީއާ ގުޅޭގޮތުން ބުދަ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލު ވިދާޅުވީ، ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދިފާއަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ. އެގޮތުން ހެކިންގެ ބަޔާންތައް ހޯދައި، އެ ބަޔާންތައް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާކަން ޔާމީނުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ޔޫސުފް ނައީމްގެ ވަކީލުވެސް ވަނީ ހެކިންގެ ހެކިބަހުގެ ބަޔާންތައް ދިރާސާ ކުރެއްވުމަށް ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމަށް ދައުލަތުންވެސް ވަނީ ލިއުންތަކެއް ހުށައަޅާފައެވެ. އެ ލިއުންތަކާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތުގެ މަރުޙަލާގައި ދިފާއުން ހެކި ހުށައެޅިއިރު، އެ ހެކިތައް ހުށައަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރަށްވެސް އަދި އެ ސަބަބުތަކާއި ދެކޮޅަށްވެސް ހެކި ލިބިފައިވާ ކަމަށެވެ.

Advertisement

ވުމާއެކު، އެކަންކަމަށް ރިއާޔަތްކޮށް ދައުލަތުން އެ ހެކިތަކާއި ގުޅިގެން ސާފު ކޮށްފައިވާ މައުލޫމާތުތައް ހެކީގެ ގޮތުގައި ހުށައަޅާފައިވާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެއީ ދިފާއީ ހެކިންގެ މައުލޫމާތުތައް ތަހުގީގު މަރުޙަލާގައި ހުށައަޅާފައިނުވާތީ ދައުލަތުން ހުށައެޅި އައު ހެކިތަކެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެއީ ދިފާއީ ހެކިންގެ "ކްރެޑިބިލިޓީ" އާ ގުޅޭ ހެކިތަކެއްކަމަށް ދައުލަތުން ބުނެއެވެ.

ދައުލަތުން ބުނާ ގޮތުގައި އެއީ ދިފާއީ ހެކިންގެ ތެދު ދޮގު ސާބިތު ކުރުމާއި، ބައެއް ދިފާއީ ހެކިންގެ ހެކިބަސް ނަފީވެސް ކުރެވޭނެ ހެކިތަކެއް ހިމެނޭގޮތުން ދައުލަތުން ހުށައަޅާފައިވާ ލިއުންތަކެކެވެ. މިސާލެއްގެ ގޮތުން އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާކެމަަށް ދިފާއީ ހެކިން ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ ޔައުމިއްޔާތަކެއް ހުށައަޅާފައެވެ.

ދިފާއުން ވަނީ ދައުލަތުގެ އެ ލިއުންތައް ބަލައިނުގަތުމަށް ޝަރީއަތުގައި އެދިފައެވެ. މިއީ ދައުލަތަށް އެފަދަ ހެކި ހުށައެޅޭނެ މަރުޙަލާއެއް ނޫންކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވީ، ފަރުވާތެރިކަން ނެތުމުގެ ސަބަބުން ތަހުގީގު މަރުޙަލާގައި ހޯދިފައިނުވާ ހެކިތަކަކީ އައު ހެކިތަކެއްކަމަކަށް ނުބެލެވޭނެ ކަމަށެވެ. ދައުލަތުން ހުށައަޅާފައިވާ ލިއުންތަކަކީ މީގެ ކުރިންވެސް އެކަށީގެންވާ މަސައްކަތް ކޮށްގެން ހޯދެން އޮތް ހެކިތަކެއްކަމަށް ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވިއެވެ. ދައުލަތުގެ ހެކިތަކުގެ ތެރޭގައި އަހުމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ހިމެނޭކަމަށް މިސާލެއްގެ ގޮތުން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

ދެފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރައްވައި އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ލިއުންތަކާމެދު ގޮތެއް ނިންމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނެ ކަމަށެވެ. ދެން އަޑުއެހުމެއް އޮންނާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް