Advertisement
ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 11:09
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން
ހަށިގަނޑުގައި ފޮރުވައިގެން ރަން އެތެރެކުރުމުން 60،000 ރުފިޔާގެ ޖޫރިމަނާއެއް
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުޙައްމަދު މިސްބާޙު
ބޮޑުކަމުދިޔައިރު ބޭރުވި 2 ބުލެޓުގައި ރަނާއި އެނޫންވެސް މާއްދާތައް ހިމެނޭ މިކްސްޗަރެއް ހުރި

ހަށިގަނޑުގައި ފޮރުވައިގެން ރަން އެތެރެކުރި މީހަކު 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާލިބޭ ފަރާތް 17 ޖުލައި 2022 ގައި ރާއްޖެއަށް އައިއިރު އޭނާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައިވާކަމަށް ޝައްކު ކުރެވިގެން އޭނާ ބަލައި ފާސްކޮށްފައިވެއެވެ.

އޭނާއަށް ދައުވާކޮށްފައިވަނީ އޭނާގެ ހަށިގަނޑުގައި ފޮރުވާފައި ހުރި ތަކެތި އަމިއްލައަށް ނެގުމަށް އެއްބަސްވެ، އޭނާ ބޮޑުކަމުދިޔައިރު ބޭރުވި 2 ބުލެޓުގައި ރަނާއި އެނޫންވެސް މާއްދާތައް ހިމެނޭ މިކްސްޗަރެއް ހުރުމުންނެވެ. އެކަން ފިޒިކަލް އެގްޒެމިނޭޝަން ރިޕޯޓުން ދައްކައެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި ހިމެނޭ ރަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނަގައިދިނުމަށް އެދިފައެވެ.

އޭނާގެ މައްޗަށް މި މައްސަލައިގައި ކޮށްފައިވަނީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުންނެވެ.

Advertisement

މި ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެގޮތުން އެއީ އެއްވެސް މަޖުބޫރުކަމެއް ނެތި، ހަމަ ބުއްދީގައި ހުރެ ވާ އިއުތިރާފެއްކަމަށް އޭނާ ބުންޏެވެ. ވުމާއެކު، މި މައްސަލައިގައި އަވަސްނިޔާގެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ.

އަވަސްނިޔާގެ އަޑުއެހުމުގައިވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ. ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ އެއީ ސައްޙަ އިއުތިރާފެއްކަމަށް ނިންމަވައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާގެ މައްޗަށް ސާބިތުވި ކުށުގެ އަދަބެއްގެ ގޮތުން، އޭނާ 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމް ކޮށްފައެވެ.

އަދި ޙުކުމުގެ ފައިސާ 26 ސެޕްޓެމްބަރު 2022ން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް