ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 14:51
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ޔާޔާ ނަބީލުގެ މައްސަލަ
ޔާޔާ ނަބީލަށް 1 އަހަރުގެ ޖަލު ޙުކުމެއް
ލެޕްޓޮޕްގެ ހާރޑް ޑިސްކުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވޭ
އޭނާގެ މައްޗަށް 2 ދައުވާ އުފުލާފައިވޭ

ޓިކްޓޮކްގައި އާންމު އަޙްލާޤީ މިންގަނޑުތަކާއި ޚިލާފަށް ބަރަހަނާ ވީޑިއޯތައް އާންމު ކުރަމުންދިޔަ މައްސަލައިގައި ދައުވާ އުފުލި މުޙައްމަދު ނަބީލް 1 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެއްކަމަށް ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނެއެވެ. އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، އެއް ދައުވާއަކީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ބަލާއިރު، މުޙައްމަދު ނަބީލް، 2021 އަހަރު ސެޕްޓެމްބަރ މަހު ތެރޭގައި ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމުގައިވާ ޓިކްޓޮކް މެދުވެރިކޮށް އޭނާގެ ޖިންސީ ގުނަވަން ދައްކައި، ޖިންސީ ޢަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހަދާފައިވާތީކަމަށް ބުނެ ދައުލަތުން ހުށަހެޅި ދަޢުވާއަށް، މުޙައްމަދު ނަބީލް އިންކާރުކުރިކަން ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ވަނީ ކަނޑައަޅާފައެވެ.

އަދި އެ ކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނުނު) ގެ 43 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، މާލެ / ގ.ކަމަރާގެ، މުޙައްމަދު ނަބީލް، 01 (އެކެއް) އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމް ކޮށްފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މިއީ އޭނާގެ ޖިންސީ ގުނަވަން އެހެން މީހުންނަށް ހާމަކުރުމުގެ ގޮތުން އަމިއްލައަށް ބަރަހަނާވެ، އޮރިޔާން ކާޑު އުފައްދައި، އިންޓަރނެޓް މެދުވެރިކޮށް އޭނާ އުފެއްދި އޮރިޔާން ކާޑު އާންމުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤުގައި، 11 ސެޕްޓެމްބަރު 2021 ދުވަހުގެ 21:32 އެހައިކަށްހައިއިރު، އޭނާ ދިރިއުޅޭ މާލެ، ގ.ކަމަރާގެ ފުލުހުން ބަލައި ފާސްކުރިއިރު، އޭނާ ދިރިއުޅޭ ކޮޓަރީގެ އެނދުމަތީގައި އޮތް ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަޙްލީލުކުރިއިރު އެ ލެޕްޓޮޕްގެ ހާރޑް ޑިސްކުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީކަމަށް ބުނެ ދައުލަތުން ހުށަހެޅި ދަޢުވާއެކެވެ.

މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާއި ޙަވާލާދީ، އެ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން މާލެ، ގ.ކަމަރާގެ، މުޙައްމަދު ނަބީލް، 01 (އެކެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ޙުކުމް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް