މިއަދު އިންސާނާ ތަރައްޤީގެ ކުރި ބޯއްޓާއި ހަމައަށް ފޯރާފައިވާއިރުވެސް އިންސާނާވަނީ ކަންބޮޑެވެ، ހާސްކަމުގެ ތެރެއަށް ގެއްލިފައެވެ. ހަދާނެގޮތް ހުސްވެފައެވެ. އެއްވެސްކަހަލަ ހިތްހަމަޖެހުމަކާއި އަރާމެއްނެތެވެ. އަބަދުވެސް އުޅެނީ ހާސްވެ، ކަންބޮޑުވެގެންނެވެ. މީގެ ސަބަބަކީ އެމީހުންވަނީ މާތްﷲގެ މަތީން ހަނދާންނެތިފައެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ދިރިއުޅުން ބިނާވެފައިވަނީ ހަމައެކަނި ލޮލަށް ފެންނަ އިޙްސާސްކުރެވޭ ކަންތައްތަކުގެ މައްޗަށެވެ. އެމީހުންގެ ދިރިއުޅުމުގެ ހުރިހާވެސް އެއްޗަކީ މާއްދިއްޔަތެވެ. އެމީހުން ހުރިހާކަމެއްގައިވެސް ކިރަމުން ގެންދަނީ މާއްދިއްޔަތުގެ ތިލަފަތުންނެވެ. ބަލަމުން ގެންދަނީ މާއްދިއްޔަތުގެ ލޮލުންނެވެ. އެމީހުންގެ ކިބައިގައި އެއްވެސްވަރަކަށް ރޫޙާނިއްޔަތުގެ ސިފައެއްނުވެއެވެ. އެމީހުންވަނީ ރޫޙާނީ ކަންތައްތަކުން އެކަހެރިވެފައެވެ. އަޅުކަން ކުރަންޖެހޭ ފަރާތެއްވާކަމަކަށް ޤަބޫލެއްނުކުރެއެވެ. އެމީހުންގެ ހުރިހާ މަޤްޞަދަކީ މާއްދިއްޔަތާއިި ދުނިޔޭގެ ވަގުތީ އުފަލާއި އަރާމެވެ. ނަމަވެސް މީގެ ސަބަބުން އެމީހުންނަކަށް އެއްވެސްކަހަލަ އަރާމެއް ރާޙަތެއް ޙާޞިލެއްނުވެއެވެ. ނަފްސަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. މިސާލެއްގެގޮތުން ހުޅަނގުގެ އެންމެ ތަރައްޤީވެ، ކުރިއަރާފައިވާ، އަދި އެބައެއްގެ ދިރިއުޅުން އެންމެ ތަނަވަސްވެގެންވާ އެއްޤައުމަކީ ސްވިޑްންއެވެ. ނަމަވެސް ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި އަމިއްލައަށް މަރުވާ މީހުން އެންމެ ގިނައީ ސްވިޑްންގައެވެ. ހާސްވެ، ކަންބޮޑުވެގެންނެއެވެ. ހަދާނެގޮތް ހުސްވެގެންނެވެ.
ޙަޤީޤީ އުފަލާއި ހިތްހަމަ ޖެހުން ލިބުން ވަނީ މާތްﷲ ޛިކުރުކޮށް، އެކަލާނގެމަތީން ހަނދުމަކުރުމުންނެވެ. ކީރިތިޤުރްއާން ކިޔަވައި، އެފޮތުގައިވާ ކަންތައްތަކަށް ވިސްނާ ފިކުރު ކުރުމުންނެވެ. އިންސާނާއަށް ޙާޞިލްވާ އުފަލާއި އަރާމާއި، ހިތްހަމަޖެހުމާއި ތަނަވަސްކަން ގުޅިފައިވަނީ އޭނާއާއި އޭނާ ހެއްދެވި ފަރާތާއި ދެމެދުގައިވާ ވަރުގަދަ ރޫޙާނީ ބާރެއްގެ ސަބަބުންނެވެ. އެއީ ހަރުދަނާ ނުގުޑާފަދަ އީމާންކަމެކެވެ. އޭގެ ނަތީޖާއަކަށްވަނީ އޭނާ ހުންނާނީ ހުރިހާ ވަގުތެއްގައި ހިތްހަމަޖެހި މާތްﷲގެ މައްޗަށް އިއްޠިމާދުކޮށްގެންނެވެ. މިންވަރަށް އީމާން ވެގެންނެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. " الذين آمنوا وتطمئن قلوبهم بذكر الله ألا بذكر الله تطمئن القلوب " (سورة الرعد: 22) މާނައީ: " އެމީހުންނަކީ އީމާންވި މީހުންނެވެ. އަދި ﷲގެ ރަސްކަންފުޅު ހަނދުމަކުރުމުން އެމީހުންގެ ހިތްތަކަށް ހަމަޖެހުން ލިބޭ މީހުންނެވެ. ދަންނާށެވެ! ހިތްތަކަށް ހަމަޖެހުން ލިބޭހުށީ ހަނދުމަކުރުމުންނެވެ."
މުސްލިމުންގެ ގޮތަކީ ބޮޑުކަމެއް ނުވަތަ މުޞީބާތެއް ދިމާވެއްޖެނަމަ ނަމާދުކޮށް، މާތްﷲގެ މަތީން ހަނދުމަކުރުމަށް އަވަސްވެގަތުމެވެ. އެފަދަ ވަޤުތުތަކުގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ބިލާލުގެފާނަށް ޙަދީޡް ކުރައްވައެވެ. " قُمْ يَا بِلاَلُ فَأَرِحْنَا بِالصَّلاَةِ " (رواه أحمد) މާނައީ: " ބިލާލެވެ! ތެދުވެވަޑައި ގަންނަވާށެވެ. ތިމަންމެންނަށް އެނަމާދުން އަރާމާއި ހިތްހަމަ ޖެހުން ހޯއްދަވާ ދެއްވާށެވެ."
ނަމާދު ގައި މާތްﷲ ލައްވާފައިވާ ހިތްހަމަޖެހުމާއި އަރާމަކީ އެނަމާދަށް ޣާފިލުވެ، ފަރުވާކުޑަ ކުރާ މީހުންނަށް އިޙްސާސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމާދުގައިވާ ޙަޤީޤީ ރާޙަތާއި ފޮނިކަން އިޙްސާސް ކުރެވޭނީ އެނަމާދަށް ފަރުވާ ބަހައްޓައިގެން ކުރާ މީހުންނަށެވެ. ނަމާދަކީ އަޅާއާ ހެއްދެވި ފަރާތާއި އެންމެ ބޮޑަން ގާތްކޮށްދީ ގުޅުވާދޭ އަޅުކަމެވެ. އެވަޤުތު އޭނާ ހުންނާނީ މާތްﷲގެ ކިބުރިޔާއުވަންތަ ކަމާއި ބޮޑުކަން ހިތުގެ އަޑީން ޤަބޫލުކޮށް، އެކަލާނގެ ޙަޟްރަތުގައި ވަރަށް ތަވާޟުޢުވެރި ކަމާއި ޚުޝޫޢަތްތެރި ކަމާ އެކުގައެވެ. އެންމެހާ ދުނިޔަވީ ޚިޔާލުތަކުންނާއި ފިކުރުތަކުން ދުރުހެލިވެ، ހިތްހަމަޖެހި އުފަލާއި އަރާމުގައެވެ.
މުއުމިނުންގެ ގޮތަކީ އުފަލާއި އަރާމާއި މުޞީބާތުގެ ވަޤުތުގައި ވެސް ކެތްތެރިވެ، ޝުކުރުވެރި ވުމެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "މުއުމިނުއަޅާގެ ކަންތައް ޢަޖާއިބެއް ފަދައެވެ. ހަމަކަށަވަރުން އޭނާގެ ހުރިހާ ކަމެއް ގައި ވަނީ ހެޔޮކަމެވެ. އޭނާއަށް އުފާވެރިކަމެއް ދިމާ ވެއްޖެ ނަމަ އެކަމަކަށް އޭނާ މާތްﷲ އަށް ޝުކުރުވެރި ވެއެވެ. ފަހެ، މިކަން ވަނީ އޭނާއަށް ހުރި ހެޔޮކަމެއް ކަމުގައެވެ. އަދި އޭނާއަށް ހިތާމަވެރި ކަމެއް ދިމާވެއްޖެ ނަމަ އެކަމަކަށް ކެތްތެރި ވެއެވެ. ފަހެ، މިކަން ވަނީ އޭނާއަށް ހުރި ހެޔޮކަމެއް ކަމުގައެވެ." (ރަވާހުލްބުޚާރީ).