އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކުން ފެށިގެން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ކުނީގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެކަށީގެންވާ ޙައްލެއް، ދުނިޔޭގެ ފެންވަރުގައިވެސް ހޯދިފައި ނެތް ކުނީގެ މައްސަލާގައި، އިޤްތިޞާދީ އަދި މާލީ ގޮތުން އިނދަޖެހި، ސިޔާސީ ހާސްކަމެއްގެ ތެރޭގައި އޮތް ލުބްނާނަކަށްވެސް އިސްތިސްނާއެއް ނެތެވެ.
ޤައުމީ ފެންވަރެއްގައި މާ ބޮޑު މަޝްރޫއުތަކެއް ހިންގުމުގެ މަގު ލުބްނާނަށް މިއަދު ހަނިވެފައި އޮތް ނަމަވެސް، ދޭދޭ ފެންވަރުގައި، ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މަގުތައް މަތީގައި ފުނިޖެހެމުން ދިޔަ ކުނިންވެސް ތަނަވަސް ފުރުޞަތެއް ހޯދިދާނެ ކަމަށް ޤަބޫލު ކުރި އެކަކީ ވިޔަފާރިވެރިޔާ އަދި އެކްޓިވިސްޓް ޕިޣޭ ބާކްލިނީއެވެ.
ފުނިފުންޏަށް ކުނި އުކާލާމުންދާ ސަރަހައްދުތަކަށް، ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ކިޔާ އުޅެނީ "ކުނި ފަރުބަދަ"އެވެ. 1990ގެ އަހަރުތަކުން ފެށިގެން ލުބްނާނުގެ އެކި ހިސާބުތަކުގައި ކުނި ފަރުބަދަތައް ދަނީ އުފުލެމުންނެވެ. ކުނި ފަރުބަދައިގެ މައްސަލަ އެންމެ ބޮޑުވާން ފެށީ، 2015 ވަނަ އަހަރު، ލުބްނާންގެ އެންމެ ބޮޑު ކުނިގޮނޑު ބަންދު ކުރުމުންނެވެ.
ސިޔާސީ ވެރިންވެސް ތިއްބެވީ ހައްދަވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ފަދަ ހާލެއްގައެވެ. ލުބްނާނުގެ ކުނި ފަރުބަދަތައް ވީ، ބައިބައިވެފައިވާ ވެރިކަމަކާއެކު ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދެވެމުން ނުދާ ކަމުގެ ރަމްޒަކަށެވެ.
ފުރުޞަތުގެ ބޭނުން ހިފައިގެން ތެދުވަން ކެރުނު އެކަކީ ބާލްކިނީއެވެ. 2019 ވަނަ އަހަރު އޭނާ ވަނީ "ލުބްނާން ވޭސްޓް މެނޭޖްމަންޓް" އިފްތިތާހް ކޮށްފައެވެ. އަމަލީ މަސައްކަތް ފެށީ ވެރިރަށް ބެއިރޫތުގެ ރަށްބޭރުގެ އަވަށެއްގައެވެ. އެއީ، ކުނި ވަކިކޮށް، އަލުން ބޭނުން ކުރެވެން ހުރި އެއްޗެއް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤާއިމު ކުރި ފެސިލިޓީއަކާއެކެވެ.
އަލުން ބޭނުން ހިފިދާނެ ޒާތުގެ ކުނި އެއްކޮށް، ކުނި ވަކި ކުރާ ފެސިލިޓީތައް ގެންދިއުމުގެ މަސައްކަތް ބާކްލިނީ ފެށީ އޭނާގެ އަމިއްލަ ކާރުގައެވެ.
އަހަރަމެން މިކަން ފެށީ 2019ގައި. އެއީ ލުބްނާނަށް ކުރިމަތިލާންޖެހިފަ އޮތް ކުނީގެ ކާރިޘާއަށް ކޮންމެވެސް ކަހަލަ ހައްލެއް ހޯދާ ދިނުމުގެ ގޮތުން. އަހަރަމެންނަށް ކުރިމަތިލާން ޖެހުނު އިޤްތިޞާދީ ކާރިޘާގެ ތެރެއިން ބޭނުންވީ، މީހުންނަށް ޢުއްމީދު ގެނެސްދޭން. އެކަން ކުރަން ނިންމީ، ކިތަންމެ ގިނައެއްކޮށް ގެނައި ކަމުގައި ވިއަސް، ކިލޯއެއްގެ ރޭޓުން ކުންޏަށް ފައިސާ ދީގެން.ިޣޭ ބާކްލިނީ؛ ލުބްނާޏް ވޭސްޓް މެނޭޖްމަންޓްގެ ފައުންޑަރ
ޖޫން މަހުގެ ތެރޭގައި "ޑްރައިވް ތުރޯ" ގެ ނަމުގައި ޚާއްސަ ޚިދުމަތެއް ތަޢާރަފު ކުރިއެވެ. އެއީ މީހުންގެ އަމިއްލަ ކާރުތަކުގައި އައިސް، ދަގަނޑާއި ޕްލާސްޓިކާއި ކަރުދާސް ފަދަ އަލުން ބޭނުން ކުރެވޭ ކުނި ކޮތަޅު ހަވާލުކޮށްގެން ބަދަލުގައި ފައިސާ ލިބޭ ގޮތަށް ފަރުމާ ކުރި ޚިދުމަތެކެވެ.
މައި ކުންފުންޏަކީ ލުބްނާން ވޭސްޓް މެނޭޖްމަންޓް. 'ޑްރައިވް ތުރޯ'ގެ ޚިދުމަތް ފެށީ އެ ކުޑައިގެ ދަށުން. މީ ހަމަ ޑްރައިވް-ތުރޫ ކޮންސެޕްޓް. އުޅަނދުގަ އައިސް، ކުނި ކޮތަޅު ވިއްކާލާކަން. ޖޫން މަހު މި ޚިދުމަތް ފެށިއިރު ދުވާލެއްގެ މައްޗަށް އަންނަނީ 37 ވަރަކަށް މީހުން.ިޣޭ ބާކްލިނީ؛ ލުބްނާޏް ވޭސްޓް މެނޭޖްމަންޓްގެ ފައުންޑަރ
ވަޒީފާ ނުލިބި އަތްމަތި ދަތިވެފައިވާ ލުބްނާންގެ އެތައް އާންމުންނަކަށް، ކުނިން ނަފާ ލިބޭނެ މަގު ތަނަވަސްވިއެވެ.
އޯގަސްޓް މަހު ހުރިހާ ކަމެއް ބަދަލުވެއްޖެ. އެއްދުވަހާ 4.3 ޓަނުގެ ކުނިވެސް ގަނެވުނު. އެއީ ހަމަ އާދަޔާ ޚިލާފު ދުވަހެއް. އުއްމީދަކީ އަދިވެސް އިތުރަށް ފުޅާވެގެން ދިއުން. މިހާރު ދުވާލެއްގެ މައްޗަށް 63 މީހުން ވަރު އާދޭ ކުނި ވިއްކަން. އެމީހުންގެ އަތުން ދުވާލެއްގެ މައްޗަށް 1200 ކިލޯގެ ކުނި ގަނެވޭ.ޕިޣޭ ބާކްލިނީ؛ ލުބްނާޏް ވޭސްޓް މެނޭޖްމަންޓްގެ ފައުންޑަރ
ލޯރާ ފާރިސްއަކީ، އަވަށްޓެރި ގެތަކުން ކުނި އެއްކޮށްގެން، "ޑްރައިވް ތުރޯ"އަށް ދަތުރު ކުރާ މީހެކެވެ. ޕްލާސްޓިކް ފުޅިއާއި ކާޑްބޯޑް އެކުލެވޭ އެތައް ކުނިކޮތަޅެއް، "ޑްރައިވް ތުރޯ"އަށް އޭނާ ގެންދެއެވެ.
އަހަރަމެން މިތަނަށް ގެންނަނީ އަލުން ބޭނުން ކުރެވޭ ޒާތުގެ ކުނި. ތިމާވެއްޓަށްޓަކާ ކުނި ވަކި ކުރުމުގެ މަސައްކަތަކީ މީގެ އަހަރުތަކެއް ކުރިން އަހަރަމެން ފެށި ކަމެއް ވީމަ، އެކަމަށް މި ތިބެނީ ހޭނިފަ. މީ ވިއްކާލެވިދާނެ އެއްޗެއް ކަން އެނގުނު ހިސާބުން، އެހެން މީހުންނަށްވެސް ހިތްވަރު ދޭން ފެށި. ކުނި ވަކި ކުރަން ފެށި ފަހުން އެކަމުން ފައިދާވޭ. އަލުން ބޭނުން ކުރެވޭ ކުނި އެހެން މީހަކަށް ދެނީ، ނޫނީ އަމިއްލައަށް އެއްކުރަނީ. ކޮންމެ ކޮޅަކުންވެސް އޮތީ ފައިދާ.ލޯރާ ފާރިސް؛ ލުބްނާންގެ ރައްޔިތެއް
"ލުބްނާން ވޭސްޓް މެނޭޖްމަންޓް" ގައި މިއަދު 25 މުވައްޒަފަކު މަސައްކަތް ކުރެއެވެ. އެއީ މިއަދު ލުބްނާނުގައި ކުނީގެ ބަދަލުގައި ފައިސާ ދޭ އުސޫލުން ހިންގާ ގިނަ ފެސިލިޓީތަކެއްގެ ތެރެއިން އެއް ފެސިލިޓީއެވެ. މި ދަނޑިވަޅަކީ ހިތި ދާޚިލީ ހަނގުރާމައެއްވެސް ތަޖުރިބާ ކޮށްފައިވާ ލުބްނާންގެ ތާރީޚް ދެކެފައި ނުވާފަދަ ހީނަރުކަމަކާ އެ ޤައުމަށް ކުރިމަތިލާން ޖެހިފައި ވާ ހިތްދަތި ދަނޑިވަޅެކެވެ. މާލީ ގޮތުންވެސް ބޮޑެތި ގެއްލުންތަކަކާ އެ ޤައުމަށް ކުރިމަތިލާން ޖެހިފައި ވާ އިރު، ލުބްނާންގައި މިވަގުތު ތިބި ކޮންމެ 10 މީހަކުން 8 މީހަކީ ފަޤީރަކަށް ވަނީ ވެފައެވެ.