އިގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނާގެ ރަސްމީ މަސައްކަތްޕުޅުގެ ތެރެއިން، އާދަކޮށް ކުރައްވާ އެއްކަމެއް އޮވެއެވެ. ހޮބީއެއް ކަހަލަ ގޮތަކަށް ބައްލަވައިގެންނެވެ. އެގައުމުގައި 100 އަހަރު ފުރޭ މީހުންނަށް، ރާނީގެ ސިއްކަފުޅުޖެހި ރަން އަކުރުން ލިޔެފައިވާ މަރުހަބާގެ ޓެލެގްރާމެއް ނުވަތަ ކާޑެއް ފޮނުއްވުމެވެ. ރާނީގެ ފޮޓޯފުޅަކާއެކުއެވެ.
އިގިރޭސި ރައްޔިތެއްކަމަށްވާ ގުވެންޑޮލިން ހޯއަކީ މިފަދަ އެކަކެވެ. އޭނަގެ ސަތޭކަވަނަ އުފަންދުވަސް ކައިރިވަމުން އައިއިރު އޭނާ އެންމެ އުފަލުން ހުރީ ރާނީގެ ފަރާތްޕުޅުން އެޚާއްސަ ޓެލެގްރާމް ލިބޭނެތީއެވެ. ރަން އަކުރުން ލިޔެ ރަނުން ޖަރީކޮށްފައިވާ މަރުހަބާގެ ކާޑެވެ. ހޮނިހިރު ދުވަހަކީ އޭނާގެ ސަތޭކަވަނަ އުފަން ދުވަހަށް ވީއިރު، ރާނީ އަވަހާރަވީ ބުރާސްފަތި ދުވަހުއެވެ. އެހެންކަމުން ރާނީ އަވަހާރަވީ ޚަބަރުން އޭނާއަށް ދެހިތާމަ ލިބިގެން ދިޔައެވެ. އޭނަ އެހާދުވަހު އިންތިޒާރުކުރި ކާޑު ދެން ނުލިބޭނެކަމަށް ހީކޮށެވެ.
ނަމަވެސް ހުކުރު ދުވަހު އޭނާއަށް ވަނީ އޭނާގެ ޒަމާންވީ އުންމީދު ފުރިހަމަވެފައެވެ. އޭނާއަށް ވަނީ ރާނީގެ ފަރާތްޕުޅުން އެ ޚާއްސަ ކާޑު ލިބިފައެވެ. އުފަންދުވަހުގެ އެއްދުވަސް ކުރިން ހުކުރު ދުވަހުއެވެ. ގުވެންޑޮލީން އުފަލުން ގޮސް ހުރީ މޮޔަވާވަރުވެފައެވެ. ރާނީ ދުނިޔޭގައި ނެތީސްވެސް އެޚާއްސަ ކާޑު ލިބުމުންނެވެ.
މީހުންނަށް އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވުމުގެ ލާމަސީލު މިސާލެކެވެ.