ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 14:26
ލ. ގަމުގައި މިހާރު ކުރިޔަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް
ލ. ގަމުގައި މިހާރު ކުރިޔަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް
ރައީސް އޮފީސް
ވިއަވަތި ރާއްޖެ ކޮންފަރެންސް
މޫސުމީ ބަދަލުތަކުގެ އަސަރާ ކުރިމަތިލާން ނުޖެހޭ އެއްވެސް ބަޔަކު ނެތް: ރައީސް
ވިއަވަތި ރާއްޖެ ކޮންފަރެންސްގެ އެންމެފަހު ސެޝަންގެ މައުޟޫޢަކީ، ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުން
ރައީސުލްޖުމްހޫރިއްޔާ ވަނީ، ހޫނު މޫސުމުގައި ޔޫރަޕަށް ކުރިމަތިވެގެން ދިޔަ ކަންކަމުން މިސާލު ދައްކަވާފައި
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމުގެ ވާހަކައަކީ މިހާރު މުޅި ދުނިޔޭގެ ވާހަކައެއް

މޫސުމީ ބަދަލުތަކުގެ އަސަރާ ކުރިމަތިލާން ނުޖެހޭ އެއްވެސް ބަޔަކު ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި މިހާރު ކުރިޔަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ އެންމެފަހު ސެޝަންގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިޙު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ހުރަސްތަކާ ގުޅިގެން ކުރަންޖެހިފައި ހުރި މަސައްކަތްތައް ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ އެންމެފަހު ސެޝަންގެ މައުޟޫޢަކީ، ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އެމަނިކުފާނާއެކު ޕެނަލްގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ އާއި، މިނިސްޓަރ އޮފް ފިނޭންސް، އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، ޙިޞާން ޙަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިސެޝަން ފަށްޓަވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ރާއްޖެއަށާއި ދުނިޔެއަށް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ، މޫސުމަށް މިއަންނަ ބަދަލުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިން ދެކެވެމުން އައީ، މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރަކާއި އެންމެ ބޮޑު ގެއްލުމެއް އެންމެ އަވަހަށް ލިބޭނީ، ރާއްޖެ ފަދަ ތިރި ކުދި ޖަޒީރާ ޤައުމުތަކަށް ކަމަށެވެ.

އެހެން ނަމަވެސް މިއަދުގެ ޙަޤީޤަތަކީ، އެއްވެސް ބަޔަކަށް، އެއްވެސް ޤައުމަކަށް، ބިންތިރިޔަސް، އަދި ބިން އުހަސް، ފަރުބަދަ މަތީ ޤައުމަކަސް، މިކަމުން ސަލާމަތްވެވެން ނެތްކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހޫނު މޫސުމުގައި ޔޫރަޕަށް ކުރިމަތިވެގެން ދިޔަ ކަންކަމުން މިސާލު ދައްކަވާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމުގެ ވާހަކައަކީ މިހާރު މުޅި ދުނިޔޭގެ ވާހަކައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިން މޫސުމީ ބަދަލުތަކާއި ދޭތެރޭގައި ދެކެމުން އެ އައިގޮތް މިހާރު ވަނީ ބަދަލުވެފައި ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގައި ނެތިގެން ދާނީ، ވަކި ޤައުމެއް ނުވަތަ ވަކިބައެއް ނޫންކަން ފާހަގަ ކުރައްވައި އެކަމުގެ ސަބަބުން ނެތިގެން ދާނީ، މުޅި ޖީލުކަމުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ، މިކަމުގައި ކުޑަ ޤައުމެއް، ބޮޑުޤައުމެއް ނެތި އެންމެން އެކީގައި މަސައްކަތްކުރަން ޖެހިފައި އޮތް ދަނޑިވަޅުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ލ. ގަމުގައި މިހާރު ކުރިޔަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް - ރައީސް އޮފީސް

މިސެޝަންގައި ވަނީ، ރާއްޖެއިން ފާހަގަވަމުން އަންނަ މޫސުމީ ބަދަލުތަކާއި، އެކަމާއިގުޅިގެން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށައަޅުއްވައިފައެވެ.

މީގެ އިތުރުން، ވިޔަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ކުރިން، ކުރިޔަށް ގެންދިޔަ ފަނޯއްލަ ދަރުބާރުގައި، ވިލުންވެރި މުޖުތަމައެއް ބިނާކުރުމުގައި ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން، ކައުންސިލަރުން މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށްވެސް ވަނީ، ކައުންސިލަރުންގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށައަޅުއްވައިފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް، ލ. ގަމުގައި ބޭއްވުނު އިރު، މިކޮންފަރެންސްގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން، 107 ބައިވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކާއި ފަންނީ ދާއިރާތަކުގެ ބޭފުޅުންނާއި އެކު ޖުމުލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެފައި ވަނީ، ދ. ތ. ލ. ގއ. ގދ. ގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ. އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ކައުންސިލާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް