އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު، އެ ބައްޔެއްގެ ޝިކާރައަކަށް ވާ، އެހެން ނަމަވެސް ދުރާލާ ދެނެގަނެވިއްޖެނަމަ، ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އޮންނަ ބައްޔެކެވެ. ބަލީގެ އާލާމާތްތަކާއި އިންޒާރުތައް ދެނެގަނެ، ކިރިއާވެސް ޝައްކެއް ވެއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްހީ މާހިރުންނާއި ތަޖުރިބާކާރުންގެ އިރުޝާދު ހޯދުމަކީ ކޮންމެ މީހަކުވެސް ފަރުދީ ފެންވަރުގައި އުފުލަން ޖެހޭ ޒިންމާއެކެވެ. މިކަމަށް އިންޤިލާބީ ބަދަލެއް ގެނެސްދިން އެއް އާލާތަކީ ފަސޭހަ ކަމާއެކު އެއްތަނުން އަނެއް ތަނަށް އުފުލާ ހެދޭ ގޮތަށް، އަމިއްލަ ގޭގައިވެސް ބައްޔަށް ޓެސްޓުކޮށްލެވޭ ގޮތަށް ފަރުވާ ކޮށްފައިވާ "ޑޮޓްޕްލޮޓް"އެވެ.
ޑޮޓްޕްލޮޓް ފަރުމާ ކޮށްފައި ވަނީ އަންހެނުންނަށް ގޭގައި ތިބެގެންވެސް އުރަމަތީ ކެންސަރުގެ އަލާމާތްތަކަށް ޓެސްޓު ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމުގެ މަޤްޞަދުގައެވެ. އެގޮތުން ހަށިގަނޑުގައި އާދަޔާ ޚިލާފު އައިބުތަކެއް ހުރިކަން ނުވަތަ ނޫންކަން، އެޕްގެ އެހީގައި ފަސޭހަ ކަމާއެކު ދެނެގަނެވެއެވެ.
ޑޮޓްޕްލޮޓް ފަރުމާ ކުރީ އިމްޕީރިއަލް ކޮލެޖް އޮފް ލަންޑަންއާއި ރޯޔަލް ކޮލެޖް އޮފް އަރޓްއިން ދާދި ފަހުން ދަސްވެނިވި 2 މީހަކެވެ. އެތަނުން އެކަކީ ޑެބްރާ ބާބަލޯލާއެވެ. ޑެބްރާ ވަނީ ޑޮޓްޕްލޮޓް ބޭނުން ކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އޭނާގެ ވާހަކަތަކަށް ބަލާއިރު، ޑޮޓްޕްލޮޓްއަކީ ހަމަ ކޮންމެ މީހަކަށްވެސް އިންތިހާ ފަސޭހަ ކަމާއެކު ބޭނުންކޮށްލެވޭނެ ޑިވައިސްއެއްކަން ދޭހަކޮށްދެއެވެ.
ޑިވައިސް ނަގާ މޭމަތީ ޖައްސާ ފިއްތާލާ. އެ ހިސާބުގެ ރީޑިންގްތައް، ސައުންޑް ވޭވްތަކުގެ އެހީގައި ރެކޯޑް ކުރާނެ. ދެން އިން ޕޮއިންޓަށް ދާންވީމަ ފްލޭޝް ވާނެ. ދެން ޖެހިގެން އޮތް ޕޮއިންޓާއި ދެން ޖެހިގެން އޮތް ޕޮއިންޓްގެ ރީޑިންގްވެސް އެގޮތަށް ނަގަމުން ދާނީ، ބަލަންޖެހޭ ހުރިހާ ހިސާބެއް ބަލާ ނިމެންދެން. ހުރިހާ ހިސާބެއް ކަވަރު ވީމަ، އުރަމަތީގެ ހާލަތާ ބެހޭ ރިޕޯޓެއް ލިބޭނެ އެ މަހަށް. ދެން މި މަހާ ކުރީ މަހުގެ ރިޕޯޓް އަޅާ ކިއޭނެ. އުރަމަތީގެ ޓިޝޫތަކުގެ އެތެރެއަށް އައިސްފައި ވާ ބަދަލުތައްވެސް އަޅާ ކިއާލެވޭނެ މިގޮތަށް.ޑެބްރާ ބާބަލޯލާ؛ ޑޮޓްޕްލޮޓް ކޯ-ޑިވަލޮޕަރ
ކެންސަރު ބައްޔަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިލާން ޖެހިފައިވާ އެންމެ ނުރައްކާތެރި އެއް ޤާތިލަށް ވާއިރު، އުރަމަތީ ކެންސަރަކީ އެންމެ އާންމު އެއް ކެންސަރެވެ. އެގޮތުން ކެންސަރުގެ އެކި ބާވަތްތަކުގެ ތެރެއިން މީގެ ކުރިން އެންމެ އާންމު ވި ފުއްޕާމޭގެ ކެންސަރަށް ވުރެ، އުރަމަތީގެ ކެންސަރު އާންމުވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރެކޯޑްތަކަށް ބަލާއިރު، މުޅި ދުނިޔެއިން އަހަރެއްގެ މައްޗަށް ރެކޯޑް ކުރާ ކެންސަރު ބަލީގެ އާ ކޭސްތަކުގެ ގާތްގަނޑަކަށް 12 ޕަސެންޓް ހިއްސާ ކުރަނީ އުރަމަތީގެ ކެންސަރެވެ.
ޑެބްރާ ބާބަލޯލާއާއި އޭނާގެ ޓީމް-މޭޓް ޝިފާލީ ބޮހްރާ ބުނާ ގޮތުގައި ޑޮޓްޕްލޮޓް ފަރުމާ ކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ، އުރަމަތީގެ ކެންސަރަށް އަމިއްލައަށް ސަމާލުވުމާ ގުޅިގެން އަންހެނުންނަށް ބައެއް ހާލަތްތަކުގައި ދެވޭ އޮޅުން އަރާ މެސެޖުތަކާ ސިގުނަލްތަކަށް ހައްލެއް ހޯދުން ކަމަށެވެ.
ޚުދު ބޮހްރާއަކީވެސް އެފަދަ ކަމެއް ތަޖުރިބާކުރި މީހެކެވެ. ފިސާރި ގަދައަށް ޖިމްގައި އުޅުމަށްފަހު، އޭނާގެ އުރުމަތީގައި ގޮށެއްލާފައި ވާތީ ބޮހްރާއަށް ފާހަގަ ކުރެވި، ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދާއި ލަފާ ހޯދިއެވެ. ނަސީބަކުން އެއީ މާ ސީރިއަސް ކަމަކަށް ނުވިއެވެ. ނަމަވެސް، އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަތުމަށް، ގޭގައި ތިބެގެން ބޭނުން ހިފިދާނެ ވަސީލަތްތަކުގެ މަދު ކަން އިހްސާސްވެ، އެކަމާ ހައިރާންވި ކަމަށް ބޮހްރާ ބުނެއެވެ.
މިސާލަކަށް ވިސްނާލާ ނުތަނަވަސްކަމެއް އުފެދޭ ވަގުތު ކަން ވާ ގޮތް. ޙަޤީގަތުގައިވެސް ގޮށެއް ލައިގެން އެކަމާ މީހަކު ކަންބޮޑުވާ އިރު ކުރެވޭނެ އިހްސާސް ވަޒަންކޮށްލާ. އެ ނުތަނަވަސްކަމާއި ހާސް ކަމުން އަރައިގަތުމަށް އޭނާ ބޭނުން ކުރާނީ ކޮން އާލާތެއް؟ އަމިއްލައަށް އަލާމާތްތައް ވަޒަންކޮށްލާނެ ޑިވައިސްއެއް އުފެއްދުމުގެ ޚިޔާލު އައި އެހާ ހިސާބުން. ދެން އަހަރަމެން ބަލަން ފެށީ އުރަމަތީގެ ކެންސަރަށް ޝައްކު ކުރާ މީހަކު، އެކަން ތަހުލީލުކޮށްލުމަށް ގޭގައި ބޭނުން ކުރެވެން ހުރި އާލާތްތަކެއް އެބަހުރިތޯ. އަދުގެ ބާޒާރުގައި، ގައިޑްލައިންތަކަށް ފެތޭ އެކަހަލަ އެއްވެސް އެއްޗެއް ނެތް.ޝިފާލީ ބޮހްރާ؛ ޑޮޓްޕްލޮޓްގެ ކޯ-ޑިވަލޮޕަރ
ޑޮޓްޕްލޮޓް ވަނީ އިނގިރޭސިވިލާތުގައި ދޭ ޝަރަފުވެރި އެވޯޑެއް ކަމަށް ވާ ޔޫކޭ ޖޭމްސް ޑައިސަން އެވޯޑް ކަށަވަރުކޮށްފައެވެ. މިއާއެކު، ޑޮޓްޕްލޮޓްގެ މަޝްރޫއަށް 5700 ޑޮލަރު ލިބޭނެއެވެ.
ޑެބްރާ ބާބަލޯލާއާއި ބޮހްރާ މިހާރު އަމާޒު ހިފާފައި ވަނީ، ޑޮޓްޕްލޮޓް އިތުރަށް ފުރިހަމަ ކުރުމަށްޓަކާ އެމީހުންގެ ޓީމަށް އިތުރު މެންބަރުން ރެކްރޫޓު ކުރުމަށެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި، ކުލިނިކަލް ޓްރަޔަލްތައް ފެށުމަށެވެ. މީގެ އިތުރުން، ޓެސްޓިކިއުލަރ ކެންސަރު ފަދަ ބަލިތައް ދެނެގަނެވޭނެ ޓެކްނޮލޮޖީތައް އީޖާދު ކުރުމަކީ ޑެބްރާ ބާބަލޯލާއާއި ޝިފާލީ ބޮހްރާ ކުރަމުންދާ އުއްމީދެކެވެ.