ކ. މާލެ
|
10 ސެޕްޓެންބަރ 2022 | ހޮނިހިރު 17:41
ޕާކިސްތާނުގައި ފެންބޮޑުވުމުގެ ކާރިސާ
ޕާކިސްތާނުގެ ފެންބޮޑުވުމުގެ ކާރިސާ
ފެންބޮޑުވެ މަގުތައް ޣަރަޤުވުމުން، ޕާކިސްތާނުގެ މަސްވެރިން ބޯޓު ބަނުމުގެ މަސައްކަތަށް!
ޕާކިސްތާނަށް ކުރި މޫސުމީ ގަދަ ވިއްސާރައާއެކު އެ ގައުމުގެ 1/3 ޣަރަޤުވެފައިވޭ
ޕާކިސްތާނުގެ ބާޒާރުތަކުގައި މިހާރުވެސް ތަކެތީގެ އަގު އުފުލޭ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް ހުރީ ރެކޯޑް މިންވަރަކަށް މަތީގައި
ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވަނީ ސިންދް ޕްރޮވިންސްގައި ދިރިއުޅޭ މަސްވެރިންނަށް

ދިމާވާ ކިތަންމެ ދަތި ހާލެއްގައިވެސް ދިރިއުޅުމައިގެން ކުރިއަށް ދިއުމަކީ އެމީހެއްގެ އަތުގައި ނަސީބު ހިފާނެ ކަމެކެވެ. ޖެހުނު ހާލަތާމެދު މާޔޫސްވެ، ކުރިއަށްދިއުމުގެ ހިތްވަރު އެލުވާލައިގެން ހުރުމުގެ ބަދަލުގައި، އާ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރުމުގެ ނަތީޖާ އިންތިހާއަށް ފޮނިވާނެކަން ސާބިތުކޮށްދިން އެއް ބަޔަކީ ޕާކިސްތާނުގައި މަސްބޯޓުފަހަރު ބަންނަ މީހުންނެވެ.

އެ ގައުމުގެ ތާރީޚު ނުދެކޭ ރެކޯޑް މިންވަރަކަށް ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ބޮޑުވެގެން އައި ފެންގަނޑާއެކު، އެ އުފެއްދުމަކަށް އެންމެ ބޮޑަށް ޑިމާންޑް އިތުރުވި އެކައްޗަކީ މަސްބޯޓުފަހަރެވެ. މޫސުމީ ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ފޯރި ސިންދް ޕްރޮވިންސްގައި ދިރިއުޅޭ މަސްވެރި ފަރާތްތަކުން އެ ރަނުގެ ފުރުސަތުގެ ބޭނުން ހިފިއެވެ.

އަހަރުމެންނަކީ މަސްވެރިން. އަހަރުމެން މި ބޯޓުފަހަރު މި ބަންނަނީ، އަދިވެސް ގިނަ ބަޔަކު އެމީހުން ދިރިއުޅެމުން ދިޔަ ސަރަހައްދުތަކުގަ ތާށިވެފަ ތިބީމަ. އެމީހުން އުޅެމުންދަނީ ވަރަށް ދަތި ދިރިއުޅުމެއް. އެމީހުން ބަލާ ގޮސް، އެމީހުން އެތަންތަނުން ނެރެވެންދެން އަހަރުމެން ބޯޓުފަހަރު ބަންނާނަން.
ޢަބްދުﷲ މައްލާ؛ ޕާކިސްތާނުގެ މަސްވެރިއެއް

އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް އެއްގަމު އުޅަނދު ފަހަރު ދުއްވައިއުޅުނު މަގުތަކާއި، އެއްތަނުން އަނެއްތަނަށް ޖަނަވަރުތައް އުފުލުމަށް ގެރިގާޑިއާތައް ދުއްވި މަގުތައް މިއަދު އޮތީ ފެނު އަޑީގައެވެ. މަންޗާރު ކޯރު ސަރަހައްދުގައި މިއަދު ދަތުރުފަތުރުގެ މައިގަނޑު ވަސީލަތަކަށް ވެފައިވަނީ ބޯޓުފަހަރެވެ. ނަތީޖާއެއްގެ ގޮތުން، ބޯޓު ގަންނަ މީހުންގެ އަދަދު އިތުރުވެ، ބޯޓުފަހަރަށް އޮތް ޑިމާންޑް އިތުރުވަމުން ދަނީ ފަތުއަޑުކިއާފައެވެ.

ފެންގަނޑު ބޮޑުވުމާއެކު ބޯޓެއް ގަތް އެކަކީ ގުލާމް ނަބީއެވެ. ނަބީ ބުނާ ގޮތުގައި ވިއްކަން ހުރި ބޯޓެއްގެ އަގަކީ 2 ލައްކަ ޕާކިސްތާން ރުޕީޒްއެވެ. އެއީ ގާތްގަނޑަކަށް 893.59 އެމެރިކާ ޑޮލަރެވެ.  

ބޯޓެއް ބަންނަން ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ނަގާ. ބޯޓެއްގެ އަގަކީ ގާތްގަނޑަކަށް 2 ލައްކަ ޕާކިސްތާން ރުޕީޒް. ގިނަ އަވަށްތަކެއްގަ އަދިވެސް ގިނަ ބަޔަކު ތާށިވެފަ އެބަތިބި. އެމީހުން އެތަންތަނުން ނެރެން އެބަޖެހޭ. ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް ކާބޯތަކެތިވެސް އެބަޖެހޭ ފޯރުކޮށްދޭން. އެހެންވެ މިބޯޓުތައް މި ބަންނަނީ. އަދި މި ބޯޓުތައް މި ގަންނަނީ. އަހަރުމެން އެންމެނަށްވެސް ދިރިއުޅުމުގެ ކަންކަން މިހާރު މި ހަމަޖައްސާލެވެނީ މި ބޯޓުތަކުގެ އެހީގަ.
ގުލާމް ނަބީ؛ ޕާކިސްތާނުގެ ގަދަ ވިއްސާރާގައި މަސްބޯޓެއް ގަތް މީހެއް

ޕާކިސްތާނަށް ކުރި މޫސުމީ ގަދަ ވިއްސާރައާއެކު އެގައުމުގެ ތިންބައިކުޅަ އެއްބައި ޣަރަޤުވެފައިވާއިރު، ހޮސްޕިޓާތަކަށް ދިއުމަށްވެސް އާންމުން ބޭނުން ކުރަނީ ބޯޓުފަހަރެވެ.

މަންޗާރުގަ އަހަރުމެން ދިރިއުޅެމުން ދިޔަ ގެ މިހާރު ވަނީ ފެނު އަޑީގަ. އެރޭ އަހަރެން ވަރަށް ކަންބޮޑުވި ހޮސްޕިޓަލަށް ދާނެ ގޮތެއް ނޭނގިގެން. ދެން އަހަރެންގެ ފިރިމީހާ ބޯޓެއް ގެނައި. ވިހަން ހޮސްޕިޓަލަށް ދިޔައީ ބޯޓުގަ.
ރުބީނާ މައްލާ؛ ދާދި ފަހުން ވިހޭ މީހެއް

220 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޕާކިސްތާނުގެ ބާޒާރުތަކުގައި މިހާރުވެސް ތަކެތީގެ އަގު އުފުލޭ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް ހުރީ ރެކޯޑް މަތީ މިންވަރެއްގައެވެ. މިދިޔަ އަހަރުގެ ޖުލައިއާ އަޅައިބަލާއިރު މިއަހަރުގެ ޖުލައި މަހު، ބާޒާރުގައި މުދާ ވިއްކާ އަގުތައް ވަނީ ޖުމްލަ ގޮތެއްގައި 24.9 ޕަސެންޓް އުފުލިފައެވެ. އިގުތިސާދު އޮތީ އިންތިހާ ފުން ކާރިސީ އަނދަވަޅެއްގައެވެ. ބޭރު ފައިސާގެ ރިޒަރވް ހީނަރުވަމުންދަނީ ކަންބޮޑުވާހާ ހަލުވި މިނެއްގައެވެ. އެމެރިކާ ޑޮލަރާ އަޅައިބަލާއިރު ޕާކިސްތާނު ފައިސާ ނުވަތަ ރުޕީޒް އަގު ވެއްޓެމުން ދަނީ އިންތިހާއަށް ހަލުވިމިނެއްގައެވެ.

އެފަދަ ފައްތަރެއްގައި ވަނިކޮށް ކުރިމަތިލާން ޖެހުނު މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ލިބުނު އުމްރާނީ ގެއްލުންތަކުގެ އަގު، އެތައް ބިލިއަން ޑޮލަރަކަށް އަރާނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މިއަދު ކުރިމަތިލާން ޖެހިފައިވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެންމެ ބޮޑު އެއް އަސްލަކީ ޖައްވު ހޫނު ކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަންޑައިއޮކްސައިޑް ބޭރުކުރާ މިންވަރު އިތުރުވުންކަމަށް، ދާއިރާގެ ތަޖުރިބާކާރުން އިންޒާރުދެމުން ދާތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ޖައްވު ހޫނުކުރާ ވިހަ ގޭސް ބޭރުކުރުމުގެ ބޮޑު ހިއްސާއެއް އޮންނަނީ ކުރިއަރާފައިވާ ގައުމުތަކުގައި ކަމަށް ވީނަމަވެސް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިރިއުޅުން އެފުށް މިފުށަށް ޖެހި، އުމުރު ދުވަހުގެ މަސައްކަތް ފެނަށް ޣަރަޤުވެދާ މަންޒަރު ބަލަން މަޖުބޫރުވެފައިވާ އެންމެ ގިނަ ބަޔަކު ދިރިއުޅެނީ، މާލީ ތަނަވަސްކަމުގެ ގޮތުން މާ މުއްސަނދި ނޫން ގައުމުތަކުގެ ރަށްވެހިންނަށެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާއެކު، ތަރައްގީވަމުން އަންނަ ނާޒުކު ގައުމުތަކަށް ކުރިމަތިލާންޖެހޭ ކާރިސާތަކަށް އެކަށީގެންވާ ބަދަލު ދިނުމުގައި، ބައިނަލްއަގުވާމީ ފެންވަރުގެ ނިޒާމަކަށް ދުނިޔެ ބޭނުން ވެފައި އޮންނަތާ ކިތަންމެ ދުވަހެއް ވެފައިވާކަމަށާއި، އަދި މިފަދަ ކާރިސާތަކަށް މަގުފަހިކުރުމުގެ ތާރީޚެއް އޮތް، ސިނާއީގޮތުން ކުރިއަރާފައިވާ ގައުމުތަކުން އެ ކަމުގެ ޒިންމާ އުފުލަން ޖެހިފައި އޮންނަތާވެސް ކިތަންމެ ދުވަހެއް ވެފައިވާކަމަށް ޕާކިސްތާނުން އދ.ށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، މުނީރު އަކްރަމް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް
11 ސެޕްޓެންބަރ 2022 | އާދީއްތަ 10:12
ޢަހުމަދު
ދުނިޔެ ހޫނުވުމޭ ކިޔާގެން ދުނިޔޭގެ ފަރަންޖީން ދައްކާ ވާހަކަ އޭމާމޮޅު ވާހަކައެއް ކަމަށް ދައްކަނީ މީހުން އޮޅުވާލަންވެގެން މިއީ ﷲ އެންގެވި ގޮތަށް އިންސާނުން ނޫޅޭތީ އަދި ބޮޑެތި ފާފަތަކާއި މުންކަރާތްތައް ޢާއްމު ވެފައި ވާތީ އަންނަ ﷲގެ ކޯފާ ބަޔަކު ގަބޫލު ކުރިއަށްސް ނުކުރިއަސް އެވާހަކަ މިތާ އެންމެ ބޮޑަށް ޕޮރްމޯޓް ކުރަނީ މިތާގައި އެންމެ އިސްލާމްދީނަށް ޖެއްސުންކޮށް ފުރައްސާރަ ކުރާމީހާ