ގދ އަތޮޅު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ގދ ތިނަދޫއަށް ދަތުރުކުރި ޓީމުތަކަށް އެރަށުން ވަރަށް ފުރިހަމަ މަރުޙަބާއެއް ކިޔައިފިއެވެ.
މުބާރާތުގައި ވާދަކުރުމަށް ތިނަދޫއަށް ދިޔަ ޓީމުތަކަށް އެރަށުން މަރުޙަބާކީ ރަތްދޫލައިގައި، ބޮޑުބެރުގެ ހަރަކާތްތަކާއި އެކުއެވެ. ހުރިހާ ޓީމަކަށް މަރުޙަބާ ކިޔުމުގައި ގދ އަތޮޅު ކައުންސިލްގެ ރައީސް ފައިހަތު ގުދުރަތުﷲ އާއި ތިނަދޫގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
![](https://dyncz33htw1ec.cloudfront.net/posts/e80e47d4-e883-4e10-aa92-a72f5a31704c.png)
ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތަށް ތިނަދޫއިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެ، ރަށުތެރެ ޒީނަތްތެރިކޮށްފައެވެ. މުބާރާތުގައި ބައިވެރިވި ބައެއް ޓީމުތަކުން މައުލޫމާތުދޭގޮތުގައި ތިނަދޫއިން ޓީމުތަކަށް މަރުޙަބާ ކިޔާފައިވަނީ ޤައުމީ ފެންވަރުގައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ޓީމުތަކަށް މަރުޙަބާ ކިޔާފަދަ ފުރިހަމަ ގޮތަކަށެވެ.
ޓީމުތަކަށް މަރުޙަބާ ކިޔާފައިވަނީ ގދ އަތޮޅު ކައުންސިލާއި، ތިނަދޫ ކަންސިލް އަދި ސްކޫލުތަކުގެ އިތުރުން މުބާރާތް އިންތިޒާމުކުރާ ރައުހަތު ސްޕޯޓްސް ކްލަބު ގުޅިގެންނެވެ. މުބާރާތުގައި 24 ޓީމަކުން ވާދަކުރާނެއެވެ. މުބާރާތް ފަށާނީ މިއަންނަ އާދީއްތަ ދުވަހުއެވެ.