ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 15:54
މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު
މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މާލެ ސާފުކުރުމުގެ ނަމުގައި މުއިއްޒުގެ ޖީބަށް ބަރުވާ ޕްރޮޖެކްޓް
މިހާރު ވެސް މާލޭގެ މުނިސިޕަލް މަސައްކަތް ކުރަނީ ބިދޭސީން
މަގުތައް ސާފްކުރާ އެތަކެއް މުވައްޒަފުންގެ ވަޒީފާގެ ޔަގީންކަމާއިމެދު ވަނީ ސުވާލު އުފެދިފައި

މިހާރު ހިނގަމުންދާ މާލެ ސިޓީ ކައުންސިލްގެ ދައުރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދައާއި، މީހުންނަށް ނެތި މޮށުމާއި، ބޭއަދަބީ ބަހުން މީހުންނަށް ނަމުން ގޮވުމާއި، ހިތުހުރި ގޮތަކަށް ކަންކަން ކުރުމާއި، ރައްޔިތުންނަށް ދުއްތުރާވާނެ ގޮތްގޮތަށް ކަންކަން ކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް މިފަހަރު މިފަދަ އިތުރު ވާހަކައެކެވެ.

މާލެ ސިޓީގެ މަގުތައް ކުނި ކަހައި ސާފުކުރުމުގެ މަސައްކަތް ވެސް އެންމެ ފަހުން ސިޓީކައުންސިލުން ކުރެވޭނެކަމަށް ވަކާލާތުކުރަން ފެށީއެވެ. އަގުހެޔޮވާނެ ވާހަކައަކާއި މިހެން ގޮސް ދައުވާ ނުކުރާ ކަމެއް ނެތެވެ. ނަމަވެސް މުއިއްޒު ދައުވާކުރާ މި ކަމުގެ ފަހަތުގައި އޮތީ މުޅިން އެހެންކަމެކެވެ. ނަންނުޖެހުމަށް ޝަރުތުކޮށް މިކަން އިނގޭ މީހަކު ވާހަކަދައްކަމުން ބުނީ، އިންތިހާބުތައް ކައިރިވެއްޖެ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މުއިއްޒުގެ ޖީބަށް ކަޓު ނަގަން ކުރާ މަސައްކަތެއް ކަމަށެވެ.

ދޮގަކަށް ނުވާނެއެވެ. މިހާތަނަށް ވެސް ސިޓީ ކައުންސިލުން ދީފައި ހުރި ޕްރޮޖެކްޓްތަކީ ވެސް މުއިއްޒަށް ބައެއް އެޅޭގޮތަށް ދީފައި ހުރި ޕްރޮޖެކްޓްތަކެކެވެ. މީގެ ތެރެއިން އެއް ޕްރޮޖެކްޓެއްގެ ނަން ނުޖަހާ މުއިއްޒު ހިންގި މުއާމަލާތެއް ހިއްސާކޮށްލާނަމެވެ. އެތައް ފަހަރެއްގެ މަތިން ބިޑްކޮށްގެން ވެސް ޕްރޮޖެކްޓެއް ނުލިބިގެން އެންމެ ފަހުން މުއިއްޒުއާއެކީ ބައްދަލުވުމަކަށް ދިޔައެވެ. ބައްދަލުވުމުގައި މުއިއްޒު ދެއްކެވި ވާހަކައިން މީހަކު ހިތްފަޅައިގެންދާނެއެވެ. ވިދާޅުވިކަމަށް ވަނީ މޭޔަރުކަމަށް އަންނަން އަތްމަތި ހުސްކޮށްލި ވާހަކައެވެ. އެހެންވެ އެ ފައިސާ ކޮންމެސް ގޮތަކުން ހޯދަންޖެހޭ ވާހަކައާއި ވަރށް ދަތިހާލުގައި އުޅުއްވާ ވާހަކައެވެ. އެހެންކަމުން ޕްރޮޖެކްޓުން ބައެއް ލިބޭނެ ގޮތާއި އަދި މަހުން މަހަށް ކޮންމެވެސް އެއްޗެއް އިތުރަށް ލިބޭނަމަ ޕްރޮޖެކްޓް ޔަގީން ވާނެކަމެވެ.

މިއީ މިފަދަ އެއް ވާހަކައެވެ. މަސްމާރުކޭޓުން މަސް ވިއްކަން ބަހައްޓާ އަށި ދޫކުރުމާއި، ޕާކިން ޒޯންތައް ދޫކުރުމުގައި ވެސް މުއިއްޒުގެ ވާހަކަ ހުރީ މިފަދަ ގޮތަކަށެވެ. ދެން އެންމެ ފަހުން މަހެއްގެ މައްޗަށް އެތަކެއް ހާސް ރުފިޔާ ހަރަދުވާ މާލޭގެ ކުނި ކަހާ ސާފުކުރުމުގެ މަސައްކަތް ވެސް މުއިއްޒުއަށް ކަޓެއް ލިބޭގޮތަށް ބަދަލުކުރަން ނިންމީއެވެ.

މިހާރު ވެސް ވެމްކޯއިން ކުނި ނަގާ އުޅަނދުތައް މަރާމާރުކުރުމާއި، އެއަށް ބޭނުންވާ ސަރވިސް ދިނުމާއި މުވައްޒަފުންގެ މުސާރަ ކިރިޔާ ދެކޮޅު ޖެހޭއިރު 1.5 މިލިއަނަށް މި މަސައްކަތް ކުރެވޭނެކަމަށް ދައްކާ ބޮޑެތި ކަރާ ފަޅުއްވަން ފައްޓަވައިފިއެވެ.

ވެމްކޯއާއި އެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޑިސެމްބަރު މަހު 26އަށް ހަމަވާއިރު އެންމެ ފަހުން ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވަނީ އެއްބަސްވުން އައު ނުކޮށް މާލެއިން ކުނި ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާގޮތަށް ފާސްކޮށްފައެވެ.

މިކަމުގައި ވެމްކޯއިން ބުނެފައިވަނީ 8 ސެޕްޓެމްބަރުގައި ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުގެ މެމްބަރުންގެ ކަންބޮޑުވުމަކީ މާލެ އަދި ވިލިމާލޭގެ މަގުތަކާއި މައިޒާންތައް ފޮޅައި ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރާ ޚަރަދު ބޮޑުވުމުގެ ޝަކުވާކަމަށެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން މަހަކު ވެމްކޯއަށް ސިޓީ ކައުންސިލުން 2.5 މިލިއަން ރުފިޔާ ޚަރަދުކުރަންޖެހޭއިރު އެކައުންސިލުން އަމިއްލަ ޚަރަދުގައި މިމަސައްކަތްކުރާނަމަ ޚަރަދުކުރަންޖެހޭނީ މަހަކު 1.5 މިލިއަން ރުފިޔާކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިގޮތުން ޚަރަދުގެ ގޮތުގައި މުވައްޒަފުން ބެލެހެއްޓުމަށް އަހަރަކު 12 މިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު މިފަދަ ބޮޑު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ހިމެނޭ އެހެނިހެން ޚަރަދުތައް ކަމުގައިވާ ވެހިކަލް މަރާމާތު ކުރުމާއި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ވެމްކޯއިން ބުނެއެވެ.

100 އިންސައްތަ ދިވެހި މުވައްޒަފުން ހިއްސާކުރާ ވެމްކޯގެ މިބޮޑު އޮޕަރޭޝަންގެ ތެރެއިން މާލެ ސިޓީގެ ހުރިހާ ސަރަހައްދެއް ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 100 މުވައްޒަފުންނަކީ އެކަށީގެންވާ އަދަދެއް ނޫންކަން ވިސްނާލާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ހަމަމިއާއެކު މާލެ ސިޓީ ކައުންސިލުގެ މިކުއްލި ނިންމުމާއެކު ވެމްކޯގެ ކުނި ކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި އެތައް މުވައްޒަފެއްގެ ވަޒީފާ ކުރިމަގާއި މެދު މިއަދު ސުވާލު އުފެދިފައިވީ ހިނދު، މާލެ ސިޓީ ކައުންސިލުގެ އެކިއެކި މުނިސިޕަލް ޚިދުމަތް ދިނުމުގައި އަމަލީ ގޮތުން އެތަކެއް ބައިވަރު ބިދޭސީ މުވައްޒަފުން ހަރަކާތްތެރިވާކަން ފާހަގަކުރަމެވެ.

އެހެންކަމުން މުއިއްޒުގެ ވިސްނުމަކީ ދިވެހިން ވަޒީފާއިން ވަކިކޮށް ކުޑައުޖޫރައެއްގައި ބިދޭސީން ލައްވާ މި މަސައްކަތް ކުރުމެވެ. އަދި އަގުހޮޔޮކޮށް ކޮށްފައި ބާކީ ބައި ޖީބަށްލުމެވެ. މިއީ އަނެއްކާ ވެސް މާލެ ގޮނޑުކޮށް މި މަސައްކަތް ކުރަން މުއިއްޒު ރާވަމުން ގެންދާ ރޭވުމެކެވެ.

މި ބަދަލު މިއަދު ގެންނަން ފެނިވަޑައިގެންނެވިއިރު، މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި އިރު އެއިރު ސިޓީ ކައުންސިލާއި މި މަސައްކަތް ހަވާލު ނުކުރީ ކީއްވެގެންތޯ ވެސް ސުވާލުއުފެދެއެވެ. ޖަވާބަކީ މުއިއްޒަށް މި މަސައްކަތަށް ބާރު ނުފޯރުވޭނެތީއެވެ. އެހެނިހެން މަސައްކަތްތައް ހަވާލުކުރާ ބީދައިން ޖީބަށް ބަރު ނުކުރެވޭނެތީއެވެ.

- ކޮމެންޓް
9 ސެޕްޓެންބަރ 2022 | ހުކުރު 21:15
ޢަފީފު
ޙުރިހާ މުއައްޒަފުން ކައުންސިލް ކުރިމައްޗަށް މުޒާހަރާއައް ނިކުންނަން ތައްޔާރުވޭ