މާ ބޮޑު ކަމެއް ނުކޮށް، އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާނެ މީހަކު ހުރި ނަމައޭ ހިތަށް އަރާ ހެއްޔެވެ؟ އަދި އެކަހަލަ މީހަކު ނުލިބިގެންވެސް އުޅެންޖެހޭ ހެއްޔެވެ؟ ދިރިއުޅެނީ ޖަޕާނުގައި ކަމަށް ވާނަމަ، މިއީ ކުރަން މާ އުނދަގޫ ކަމެއް ނޫނެވެ. އުމުރުން 38 އަހަރުގެ ޝޯޖޯ މޮރިމޮޓޯ ހޯދާލުމުން ހުރިހާ ކަމެއްވެސް ހައްލުވީއެވެ. އުމުރުން 38 އަހަރުގެ މޮރިމޮޓޯއަކީ އޭނާ ތަޢާރަފުވާ ވަނަމުން ނަމަ "އެއްވެސް ކަމެއް ނުކުރާން ކުއްޔަށް" ނެގޭ މީހެކެވެ.
މަށަކީ ރެންޓަލް ޑޫ ނަތިންގް މޭން. އަހަރެން ދޭ ޚިދުމަތަކީ، އަހަރެން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާ، އެކަމަކު، ފައިސާ ދޭ ގޮތަށް އަހަރެން ކުއްޔަށް ހިފަންޖެހޭ ޚިދުމަތެއް. އަހަރެން ގާތު ބުނާތަކަށް އަހަރެން ދާނެ. އެތަނަކަށް ގޮސް، އެއްވެސް ކަމެއް މަށެއް ނުކުރާނެ.ޝޯޖީ މޮރިމޮޓޯ؛ ޖަޕާންގެ ރައްޔިތެއް
ވަނަމުންވެސް ދޭހަކޮށްދޭ ފަދައިން، މޮރިމޮޓޯއަކީ ވަރަށްވެސް އާދަޔާ ޚިލާފު ޚިދުމަތެއް ދޭ މީހެކެވެ. އޭނާއަށް ކުރަންޖެހޭ ކަމަކީ "އެއްވެސް ކަމެއް ނުކުރުމެވެ". އޭނާގެ ކްލަޔަންޓް ބުނާ ތަނަކަށް ގޮސް، ހަމަ އެތާ އިންނަނީއެވެ. ނުވަތަ ހުންނަނީއެވެ. އެ ނޫން އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ.
މިހެން އަދި އެއްވެސް ކަމެއް ނުކުރަމޭ ބުންޏަސް، އެތަނަކަށް ގޮސް ކައިބޮއި ހަދަން ކްލަޔަންޓުންނާއެކީ. އެމީހުން ކުރާ ކުދިކުދި ސުވާލުތަކަށް ކުރުކުރު ޖަވާބުވެސް ދީ ހަދަން.ޝޯޖީ މޮރިމޮޓޯ؛ ޖަޕާންގެ ރައްޔިތެއް
އެ ޒާތުގެ ޚިދުމަތްތަކަކީ ޖަޕާނަށް މުޅިން އާ ޚިދުމަތްތަކެއް ނޫނެވެ. ތިބާގެ އެކުވެރިއެއްގެ ގޮތުގައި ވަގުތީ ގޮތުން އެކްޓް ކޮށްދޭނެ މީހުންނާއި، އަސްލެއް ނެތް ބޮޑެތި އާއިލާތައް އުފައްދާދޭ އޭޖެންސީތައް ޖަޕާނުގައި ހިންގައެވެ. މި ހުރިހާ ކަމަކާ، މޮރިމޮޓޯގެ މަސައްކަތް ތަފާތުވަނީ، އޭނާގެ ޚިދުމަތް ދޭ ވަގުތު، ކަނޑައެޅިގެން ވަކި މީހަކަށް އޭނާ ނުވާ ކަމެވެ. އެއީ އެކުވެރިއެއް ނޫނެވެ. ނުވިތާކަށް އާއިލާގެ މެންބަރެއްވެސް ނޫނެވެ. ޚިދުމަތް ހޯދާ މީހާއެކުގައި އިންނަ ނުވަތަ ހުންނަ މީހެކެވެ.
މޮރިމޮޓޯ އޭނާގެ ހާއްސަ ޚިދުމަތް ފެށީ 2018 ވަނަ އަހަރު، ޓްވިޓަރ މެދުވެރިކޮށެވެ. އޭގެ ފަހުން 4000 އަށްވުރެ ގިނަ ފަހަރު، އެކި މީހުން ވަނީ އޭނާގެ ޚިދުމަތް ހޯދާފައެވެ. ގިނަ މީހުން އޭނާގެ ޚިދުމަތް ހޯދާފައި ވަނީ އެމީހުންނާއެކު ރެސްޓޯރަންޓެއްގައި ކާލުމަށް ނުވަތަ ވަކި ކަހަލަ އިވެންޓްތަކެއްގައި އެމީހުންނާ އެކުގައި ބައިވެރިވެލުމަށް، ނުވަތަ ހިތުގެ ޖަޒުބާތުތައް ބަންޑުންކޮށްލާ ވަގުތު އަޑު އަހާލާނެ ކަންފަތެއް ހޯދުމުގެ ގޮތުންނެވެ. މޮރިމޮޓޯ ބުނާ ގޮތުގައި ޓްވިޓަރގައި އޭނާ ފޮލޯ ކުރާ މީހުންގެ ގާތްގަނޑަކަށް 4 ބައިކުޅަ 1 ބައި މީހުންނަކީ އެނާގެ ކްލަޔަންޓުންނެވެ. އަދި އޭގެ ތެރެއިން 4 ބައިކުޅަ 1 މީހުންނަކީ ރިޕީޓް ކަސްޓަމަރުންނެވެ. ވަކިން ހާއްސަކޮށް، އަންހެނަކު، 270 ފަހަރު، މޮރިމޮޓޯގެ ޚިދުމަތް ހޯދިކަމަށްވެއެވެ.
މޮރިމޮޓޯގެ ޚިދުމަތަށް އެދި ބުކިންގްއެއް ހެދެނީ 10000 ޔެން ނުވަތަ 71.20 ޑޮލަރަށެވެ. ކްލަޔަންޓާ ހިސާބަށް ގޮސް، މޮރިމޮޓޯ އިސްވެ ވާހަކައެއް ނުދައްކައެވެ. އެކަމަކު އޭނާއާ ކުރާ ސުވާލަކަށްވިއްޔާ އާދައިގެ ޖަވާބެއްދެއެވެ. ބުކިންގް ފީގެ އިތުރުން، ކްލަޔަންޓް ހުރި ތަނަކަށް ކުރަން ޖެހޭ ދަތުރު ޚަރަދާއި، އެ ބައްދަލުވުމެއް ހިނގަނީ ކާ ސުފުރާ މަތީގައި ކަމަށް ވާނަމަ އެ ކޭމެއްގެ އަގުވެސް ދައްކަން ޖެހެނީ ކްލަޔަންޓްއެވެ.
މިއީ މާ ބޮޑު ޑިމާންޑެއް އޮވެދާނެ ކަމެއް ކަމަށް ހީ ކުރުމަކީ ގޯހެކެވެ. ބައެއް ދުވަސް ދުވަހު، މޮރިމޮޓޯއަށް 3 އެސައިންމަންޓް ނުވަތަ 3 ކަސްޓަމަރުންނަށްވެސް ޚިދުމަތް ދޭން ޖެހެއެވެ.
އެފަދަ އެއް ކްލަޔަންޓަކީ އުމުރުން 27 އަހަރުގެ އަރޫނާ ޗިއްދާއެވެ. މުމްބާއީއަށް ނިސްބަތްވާ އަރޫނާ ޗިއްދާއަށް މޮރިމޮޓޯގެ ވާހަކަ އެނގުނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެއީ ކޮންމެހެންވެސް ސާޅިއެއް އަޅައިގެން ބޭރު ތެރޭގައި އުޅެން ބޭނުންވެގެންނެވެ. ނަމަވެސް އަރޫނާ ޗިއްދާގެ އެކުވެރިންނަށް އެއީ މާ ފަސޭހަ ކަމަކަށް ނުވާނެތީ، އޭނާ ނިންމީ، މޮރިމޮޓޯގެ ޚިދުމަތް ހޯދުމަށެވެ.
މޮރިމޮޓޯއާއެކު އަރޫނާ ޗިއްދާ ދިޔައީ ހަވީރުގެ ސަޔަކަށެވެ. އެކަމަކު، އެއީ މޮރިމޮޓޯއަށް އަރޫނާ ޗިއްދާ ފައިސާ ދިން ހަމައެކަނި ސަބަބެއް ނޫނެވެ.
އެކުވެރިންނާއެކު އުޅޭ ވަރަށް ޕްރެޝަރު ބޮޑުވޭ، އެމީހުން ހިތްހަމަޖައްސައިދޭން ޖެހޭނެތީ. އެކަމަކު މޮރިމޮޓޯއާއެކީ އެކަހަލަ ކަމެއް ނޯވޭ. އަހަރެން ހަމަ ހިމޭނުންވެސް އިންނަންވީ އަހަރެން އެގޮތް ބޭނުމީވިއްޔާ.އަރޫނާ ޗިއްދާ؛ މޮރިމޮޓޯގެ ކްލަޔަންޓެއް
ކޫސާގެ ވަނަމުން މީޑިއާއަށް މައުލޫމާތު ދިން އިތުރު ކްލަޔަންޓަކު ބުނި ގޮތުގައި އޭނާ މޮރިމޮޓޯގެ ޚިދުމަތް ހޯދީ، މަސައްކަތުގެ މާހައުލުގައި ކުރިމަތިވި ހާސްކަމާއި މާޔޫސްކަމުގެ ސަބަބުން، ނަފުސު އުފާކޮށްދޭނެ އާދަޔާ ޚިލާފު ކަމެއް ކުރުމުގެ މަގުސަދުގައެވެ. އޮކްޓޯބަރު 2020 ގައި، ކޫސާ، މޮރިމޮޓޯގެ ޚިދުމަތް ހޯދީ ޕިކަޗޫ ހެދުމެއްގައި ރިހަގަނޑެއް ކާލުމުގެ ބޭނުމުގައެވެ. ދެވަނަ ފަހަރަށްވެސް ކޫސާ، މޮރިމޮޓޯގެ ޚިދުމަތް ހޯދިއެވެ. އެ ފަހަރު އޭނާ އެކަން ކުރީ، އެނާގެ ޙަޔާތުގެ ވާހަކަތައް ކިޔާ ދިނުމުގެ ބޭނުމުގައެވެ.
މޮރިމޮޓޯއަކީ އޭނާއަށް އަންނަ ހުރިހާ ހުށަހެޅުމެއް ޤަބޫލު ކުރާ މީހެއް ނޫނެވެ. ޖިންސީ އެދުންވެރިކަމެއް އެކުލެވޭ ހުރިހާ ހުށަހެޅުންތަކަކަށް އޭނާ އިންކާރު ކުރެއެވެ. އަދި ޤައުމުން ފުރައިގެން ދިއުމަށްވެސް ދެކޮޅު ހަދައެވެ. އޭގެ އިތުރުން، ފުރިޖެއް އުފުލާ ދިނުމުގައި އެހީއަށް އެދުނު މީހެއްގެ ހުށަހެޅުމަށްވެސް އޭނާ އިންކާރު ކުރިއެވެ. އެއީ ޖިސްމާނީ ގޮތުން މާ ބުރަ މަސައްކަތަކަށް ވީމައެވެ.
މި އާދަޔާ ޚިލާފު ޚިދުމަތަށް މޮރިމޮޓޯ ހާއްސަވީ އޭނާ ކުރިން އަދާ ކުރަމުން ދިޔަ ވަޒީފާއިން އިސްތިއުފާ ދިނުމަށްފަހުގައެވެ. އޭނާ ކުރިން މަސައްކަތް ކުރަމުން ދިޔައީ ޕަބްލިޝިންގް ފަރމެއްގައެވެ. އޭނާގެ ވެރިންނާއި އެކުގައި މަސައްކަތް ކުރި މުވައްޒަފުންގެ ފަރާތުން ތާ އަބަދުމެހެން އަހަން ޖެހުނު ޝަކުވާއަކަށް ވެފައި އޮތީ، މޮރިމޮޓޯއަކީ އެއްވެސް ކަމެއް ނުކުރާ މީހެއް ކަމުގެ ޝަކުވާއެވެ.
ވަރަށް ގިނަ މީހުން މަށާ ދިމާއަށް ބުނާނެ ކަލޭ ތީ އެއްވެސް ކަމެއް ކުރާ މީހެއް ނޫނޭ. އެހެންވެ، އެކަމާ ވަރަށް ނިކަމެތިކަން އިހްސާސް ކުރެވިފަ އަހަރެން ހުރީ. މަސައްކަތުގެ މާހައުލުގައިވެސް އެކަން އޮވޭ. އޭރު ހިތަށް އެރި މަށަކީ އެއްވެސް ކަމެއް ކުރެވޭނެ މީހެއް ނޫނޭ. އެއް ކަމަކަށްވެސް ކުފޫ ހަމަވާ މީހެއް ނޫނޭ... އަހަރެން ފުދެނީ އެއްވެސް ކަމެއް ނުކޮށް ހުންނާށޭ.ޝޯޖީ މޮރިމޮޓޯ؛ ޖަޕާންގެ ރައްޔިތެއް
ނަމަވެސް، އުއްމީދު ގެއްލުވާލައިގެން ހުރުމަކަށް، މޮރިމޮޓޯގެ ޟަމީރު ފުރުޞަތެއް ނުދިނެވެ.
އެހާ ހިސާބުން އަހަރެން ވިސްނަން ފެށީ، މި އެއްވެސް ކަމެއް ނުކުރެއޭ ބުނާ ބުނުމުގެ ފައިދާ ނެގިދާނެތޯ. އެ ވިއްކައިގެން މީހުންނަށް ޚިދުމަތް ދެވިދާނެތޯ. ރެންޓަލް-ޑޫ-ނަތިންގް-މޭން އައީ އެހާ ހިސާބުން.ޝޯޖީ މޮރިމޮޓޯ؛ ޖަޕާންގެ ރައްޔިތެއް
މޮރިމޮޓޯ ދެކޭ ގޮތުގައި އޭނާގެ މި އާދަޔާ ޚިލާފު ޚިދުމަތް، ކަސްޓަމަރުންގެ މެދުގައި މަޤުބޫލު ވަނީ އެކަމުގައި އޮންނަ "ވަގުތީ" ގުޅުމުގެ ސަބަބުންނެވެ. އާއިލާއާއި އެކުވެރިންނަކީ ކަމަކު ކިޔައިފިނަމަ ބަދަލުގައި ކަމަކަށް އުއްމީދު ކުރާނެ ބައެއް ކަމަށާ، ނަމަވެސް މޮރިމޮޓޯގެ ޚިދުމަތުގައި އެފަދަ ދަރަންޏެއް ނުވާނެކަން ކަސްޓަމަރުންނަށް އިހުސާސް ވާތީ ކަމަށެވެ.
ކާމިޔާބު މީހަކަށް ވުމަށްޓަކާ ނަފުސު ހަފުސް ވާ ވަރުގެ ބުރަ މަސައްކަތްތަކެއް ކުރަން ނުޖެހޭ ކަން މުޖުތަމައަށް އަންގައިދިނުމަކީވެސް މޮރިމޮޓޯގެ އަމާޒެކެވެ. މީހަކަށް ބޭނުން ޖެހޭ ވަގުތެއްގައި އެތަނެއްގައި ހުރެ ދިނުމަކީވެސް މުހިންމު ކަމެއްކަން އަންގައިދޭން ބޭނުންވެއެވެ.