ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 09:57
ކްރިމިނަލް ކޯޓުގެ ޝަރީއަތް ކުރާ މާލަމް
ކްރިމިނަލް ކޯޓުގެ ޝަރީއަތް ކުރާ މާލަމް
ރާއްޖެއެމްވީ
ރައީސް ޔާމީނުގެ ޝަރީއަތް
ޝަރީއަތުގެ މާލަމަށް ވިއްސާރައިގެ އަސަރު ކުރާތީ ޔާމީންގެ ޝަރީއަތް ކެންސަލް
މައްސަލަ ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް
ކްރިމިނަލް ކޯޓުގެ އިމާރަތް ވަނީ ވަރަށް ބޮޑަށް ބާވެފައި
މޫސުން ގޯސްނަމަ ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށް ވާރޭވެހޭ

ކްރިމިނަލް ކޯޓުގެ ޝަރީއަތްކުރާ މާލަމަށް ވިއްސާރައިގެ އަސަރު ކުރާތީ ކުރީގެ ރައީސް އަބްދުالله ޔާމީނުގެ ޝަރީއަތް ކެންސަލްވެއްޖެއެވެ.

ރައީސް ޔާމީނުގެ އިތުރުން ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށެވެ. އެހެންނަމަވެސް މި އަޑުއެހުން ކެންސަލް ކޮށްފައިވަނީ އަޑުއެހުން ކުރިއަށް ގެންދެވޭ ވަރަށް ވުރެ ޝަރީއަތް ކުރާ މާލަމުގެ ޙާލު ދަށްވުމުންނެވެ. އެގޮތުން މުޅި ޝަރީއަތް ކުރާ މާލަމަށް ވިއްސާރައިގެ އަސަރު ކުރަމުންދާއިރު، ފެން ހިއްކުމަށް އެކި ތަންތަނުގައި ބާލިދީ ބަހައްޓަން ޖެހިފައިވެއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ވިއްސާރައިގެ ސަބަބުން އެތަނުގައި އަޑުއެހުން ކުރިއަށް ގެންދެވޭ ފަދަ ޙާލަތެއް ނެތް ކަމަށެވެ.

އެގޮތުން ޝަރީޢަތުގެ މާލަމަށް ފެނުގެ އަސަރުކޮށްފައިވާތީއާއި، މާލަމުގެ އެކި ހިސާބުތަކުން މިހާރުވެސް ފެން ފައިބަމުންދާތީ، މި މައްސަލައިގެ އިތުރު އަޑުއެހުމެއް ސެޕްޓެމްބަރު 06 އަދި 07 ވަނަ ދުވަހަށް ތާވަަލުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ އިމާރަތް ބާވެފައިވާތީ އެކަމުގެ ކަންބޮޑުވުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށްވެސް އޮތީ ހިއްސާ ކޮށްފައެވެ.

ކްރިމިނަލް ކޯޓަކީ ގާތްގަނޑަކަށް 100 އެއްހައި މުވައްޒަފުންނާއި ކޯޓުގެ ގާޒީން އެކުގައި މަސައްކަތް ކުރައްވާ ތަނަކަށްވާއިރު، އެ އިމާރާތަކީ މިހާރު ބޭނުން ކުރަން އެކަށީގެންވާ ޙާލަތެއްގައި ހުރި އިމާރާތެއް ނޫން ކަމަށް ޑީޖޭއޭއިން ބުނެއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕްލޭނިންގ މިނިސްޓްރީންވެސް އެސެސްމަންޓެއް ހަދާފައިވާއިރު އެތަން ވީހާވެސް އަވަހަށް ހުސް ކުރުމަށް އޮތީ އަންގާފައެވެ.

ރާއްޖެއެމްވީން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ 4 ބުރީގެ އިމާރަތް ބާވެ އަރިއަޅާލާފައިވާތީ ބޭރުން ހުންނަނީ ދަގަނޑުތައް ވިއްދާފައެވެ. ސިޑިގޮޅިތަކަށް ފެން ފޭބުމާއި، ޝީޓުތައް ބާވުމުގެ ސަބަބުން ބޮޑެތި ބާގަނޑުތައް ހެދިފައިވާއިރު، މޫސުން ގޯސް ދުވަސްވަރެއް ނަމަ، ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށްވެސް ވާރޭ ވެހޭކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ބައެއް ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކުގެ ސީލިންގާއި ޝީޓުތައް ޙަލާކުވެފައި ހުރުމުގެ ސަބަބުން މޫސުން ގޯސް ދުވަސްވަރެއްނަމަ އެތަނުގައި ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯވެއެވެ.

ބައެއް ފަހަރު މޫސުން ގޯސްވުމުގެ ސަބަބުން ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކުގައި ފެން ހިންދަންވެސް ޖެހޭކަމަށް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް