ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 23:46
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ރާއްޖެއެމްވީ
ފަލަ ސުރުހީ
ފުލުހުން ބޭނުންވަނީ ސަރުކާރު ހިމާޔަތް ކުރަން: އާޒިމް
ފުލުހުންގެ މުއައްސަސާގައި މިއޮތީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައި
ހާރިޖީ ސިޔާސަތި މިއޮތީ ވަރަށް ބޮޑަށް ފެއިލްވެފައި
ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ

މިނިވަން މުއައްސަސާތަކުގެ ތިއްބެވި ބޭފުޅުންގެ ވިސްނުން ހުރީ ހައިސިއްޔަތު ހިފެހެއްޓުން ކަމަށާއި އެގޮތުން ފުލުހުންގެ މަސައްކަތުގައި އެއްވެސް އިންޓަރގްރިޓީއެއް ނެތް ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިން މަސައްކަތް ކުރަނީ ހަމައެކަނި ވަޒީފާގެ ބޭނުމަކަށް ވެއްޖެނަމަ ރައްޔިތުން ބޭނުންވާ ގޮތަށް ޑިމޮކްރަޓިކް ނިޒާމްގެ ދަށުން ގައުމު ހިންގަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.  

 

އެގޮތުން މިއަދު ފެނިގެން މިދަނީ މުއައްސަސާތަކުގެ ވެރިންގެ ކިބައިން ރައީސް ޔާމިން ވިދާޅުވާހާ ގޮތެއް ހެދުން ނޫން ގޮތެއް ނެތް މަންޒަރު ކަމަށާއި މިކަމުގެ ސަބަބުންވެސް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތައް މިވަނީ ނުވެފައި ކަމަށް އާޒިމް ވިދާޅުވިއެވެ.  

 

ތޮއްޖެހިފައި އޮތް މާލޭގައި އިންތިހާއަށް މައްސަލަތައް ގިނަ އިރު މިކަންކަން ހައްލު ކުރަން ފުލުހުން ނޫޅޭ ކަމަށާއި މިކަންކަމާއި އަޅާލުމުގެ ބަދަލުގައި ފުލުހުން ބޭނުންވަނީ ސިޔާސީ މީހުންގެ ފަހަތުން ދުވެ ސިޔާސީ މީހުން ހައްޔަރު ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

 

މިކަމުންވެސް ދޭހަވަނީ ފުލުހުންގެ މުއައްސަސާގައި މިއޮތީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައި ކަމަށާއި އެގޮތުން ކޯޓަށް މުއްދަތު ޖަހަން ގެންދާ ބައެއް މީހުންނަށް ފުލުހުން ހުށަހަޅާ ހެކިތަކުގެ އަލީގައި ވަކި ގޮތަކަށް މުއްދަތު ޖަހަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

 

ފުލުހުން ބޭނުންވަނީ ސަރުކާރު ހިމާޔަތް ކުރަން ކަމަށްވީ ނަމަވެސް މިނިވަން މުއައްސަސާތަކުގައި ތިބެން ޖެހޭނީ ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅުން ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެގޮތުން ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުން މުއައްސަސާތަކުގެ ވެރިންނަށް ތިބެން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.  

 

ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ހާރިޖީ ސިޔާސަތު މިއޮތީ ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށާއި އެހެންކަމުން ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.

 

އިންޑިއާއަކީ ރާއްޖެއަށް ވަރަށް އެހީތެރިވާ ގައުމެއް ނަމަވެސް އެގައުމާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ގޯސްވެފައިވަނީ ކީއްވެގެންތޯ ބަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

 

މިހާތަނަށް ކޮންމެ ސަރުކާރަކުންވެސް ބަލަނީ އިންޑިއާއި އޮންނަ ގުޅުން އަބަދުވެސް ރަނގަޅު ކުރެވޭތީ ކަމަށާއި މިހާތަނަށް އެކަންވެފައި އޮތީވެސް އެގޮތަށް ކަމަށް ވިދާޅުވަމުން އާޒިމް ވިދާޅުވީ އިންޑިއާއި އޮތް ގުޅުން ކެނޑެމުންދަނީ އެމީހަކު ޖީބަށް ލެވޭ ވަރު ގިނަ ކުރަން މަސައްކަތް ކުރާތީ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

 

 

- ކޮމެންޓް