ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 07:16
އައްޑޫ ސިޓީން ފުލުހުން ހޯދާފައިވާ ތަކެތި
އައްޑޫ ސިޓީން ފުލުހުން ހޯދާފައިވާ ތަކެތި
ޕޮލިސް
އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް އިތުރުވުން
އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފި
އޮގަސްޓް 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިތަދޫ ގެއެއް ބަލައިފާސްކޮށް، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގޯ ޕްރޯއަކާއި މޮބައިލް ފޯނުތަކެއް ހޯދާފައިވޭ
ރައްޔިތުން ހޭލުންތެރިކުރުމަށް ގޭބިސީތަކާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ މަސައްކަތްދަނީ ކުރަމުން

އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް މަދުކުރުމާއި އަދި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް، އައްޑޫ ސިޓީގައި ޚާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަން ފަށައިފިއެވެ.

އެގޮތުން، އާންމުކޮށް ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ސުވާލުކުރުމާއި، ކުށްތައް ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތަކުގައި ފުޓް ޕެޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. މި މަސައްކަތްތަކުގެ ތެރެއިން އޮގަސްޓް 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިތަދޫ ގެއެއް ބަލައިފާސްކޮށް، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގޯ ޕްރޯއަކާއި މޮބައިލް ފޯނުތަކެއް ހޯދާފައިވެއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް މަދުކޮށް އެކަން ހުއްޓުވުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގޭބިސީތަކާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ވައްކަމުގެ މައްސަލަތައް ގިނަވާ ކަމަށް ބެލެވޭ ގަޑިތަކުގައި ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ހަމަޖެހިފައިވެއެވެ.

އައްޑޫ ސިޓީއަކީ ކުށްމަދު އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، ވައްކަން ކުރުމުގެ ފުރުސަތު ނުދިނުމަށާ ފައިސާއާއި އެހެނިހެން ތަކެތި ފަސޭހައިން ނެގޭގޮތަށް ނުވަތަ ފެންނަ ގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް ވަނީ އިލުތިމާސްކޮށްފައެވެ.

އަދި ގޭގެ ދޮރުތަކާއި ފެންލައިޓުންވެސް ނުވަދެވޭނޭހެން ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރެކޯޑު ކުރެވޭ ގޮތަށް ކެމެރާ ސިސްޓަމް ހަރުކުރުމުގައި ގޭގެވަށައިގެން ފެންނާނޭހެން ބެހެއްޓުމާއި ވައްކަމުގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް