ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 11:07
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންނެވި ދުވަހު
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންނެވި ދުވަހު
ރައީސް އޮފީސް
ރައީސް ސާލިހު ދެވަނަ ދައުރަކަށް
ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ - ޝާހިދު
އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން ދިވެހި ރައްޔިތުންނަށް ރަނގަޅު ކަންކަންކޮށްދެއްވާފައިވޭ
އިންޑިއާ އައުޓް ކެމްޕޭނަކީ ތަރައްގީގެ އެޖެންޑާއެއް ނެތް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތެއް
ކޯލިޝަނާއި އެކު 2023 ކާމިޔާބު ކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ފޮރިން ސެކްރެޓަރީއާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން އިންތިހާބުވެވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން ދިވެހި ރައްޔިތުންނަށް ރަނގަޅު ކަންކަންކޮށްދެއްވާފައިވާ ކަމަށާއި، އެކަންކަން ދިވެހި ރައްޔިތުން ބަލައިގަނެފައިވާ ކަމަށެވެ.

އިންޑިއާގެ ދަ ޕްރިންޓް ނޫހުގައި މިނިސްޓަރު ޝާހިދާއި ހަވަލާދީ ރިޕޯޓްކޮށްފައިވަނީ، އިންޑިއާއަކީ ރާއްޖޭގެ ފުރަތަމަ އަދި އެންމެ ގާތް ގައުމުގެ ގޮތުގައި އޮންނާނެކަމަށާއި، އަދި އެތައް އަހަރެއްވަންދެން އިންޑިއާއިން ވެސް ދަމަހައްޓާފައިވަނީ އެ ޕޮލިސީ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން ޗައިނާއާއި އެކުވެސް މަސައްކަތް ކުރާނެ ކަމަށް ޝާހިދު ވިދާޅުވެފައިވާކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާއެކު ގުޅުން ކުރިއަށްގެންދާއިރު ވެސް އެހެން ގައުމުތަކާއި އަޅުގަނޑުމެން ގުޅުން ބާއްވާނަން. އޭގެ ތެރޭގައި ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާއާއި އެހެން ގައުމުތައް ވެސް ހިމެނޭނެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އިންޑިއާ އައުޓް ކެމްޕެއިނާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ ތަރައްގީގެ އެޖެންޑާއެއް ނެތް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތެއް ކަމަށާއި، އެމީހުންގެ ބޭނުމަކީ އަވަށްޓެރި އިންޑިއާ އަދި ރާއްޖެއާއި އެންމެ ގާތް ގައުމާއި ދޭތެރެ ޖެއްސުން ކަމަށެވެ.

ރައީސް ސާލިހު އަލުން އިންތިހާބުވެވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވާ އިރު، ރިޔާސީ ދެވަނަ ދައުރެއް ފުރިހަމަކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ފާޅުކުރައްވާފައެވެ. އަންނަ އަހަރުގެ އިންތިޚާބުގަ މިހާރުގެ ކޯލިޝަންގެ ބައިވެރިންނާ ގުޅިގެން ވާދަ ކުރައްވައިގެން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، އަންނަ އަހަރު އެންމެ މުހިންމު ކަމަކީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އަދި މިއީ ރާއްޖެއަށް ވެސް މިވަގުތު އެންމެ ފައިދާހުރި ގޮތް ކަމަށާއި، އެއީ މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެނގޭ އެއް ކަމަކީ އެކަނި ޕާޓީއެއް ނުކުމެގެން ކާމިޔާބު ނުކުރެވޭނެ ކަން ކަމަށެވެ. އެގޮތުން، ވެރިކަމަށް އަންނަންވާނީ ރައްޔިތުންގެ 50 އިންސައްތަ ވޯޓާއެކު ކަމަށާއި 30 އިންސައްތައާއެކު ވެރިކަމަށް އައުމަށް ތައީދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯލިޝަނަކާއެކީގައި އެމްޑީޕީ އިސްވެ އޮވެ އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ އެމްޑީޕީއަށް ދެއްވާފައެވެ. ރައީސް އިތުރަށް ވިދާޅުވީ، ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓިގެ ކޮންގްރެސް އިން ކަމަށާއި ގަވާއިދުގައި ޕްރައިމަރީއެއް ބާއްވަން އޮންނަ ނަމަ ކަންތައް އެގޮތަށް ކުރައްވާނެ ކަމަށެވެ. އަދި ޕްރައިމަރީއެއް ބޭއްވުމަކީ ޑިމޮކްރަސީގެ ރީތި އުސޫލެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެސް އެފަހަރުގެ އެމްޑީޕީ ކެންޑިޑޭޓް (ރައިސް)އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ކާމިޔާބު ކުރެއްވުނީ އެމްޑިޕީ އިސްވެއޮވެ އެކި ޕާޓީތައް ގުޅިގެން ނިކުމެވަޑައިގެންނެވެ. މީގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ތާއީދު އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް