ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 22:25
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު
ރާއްޖެއެމްވީ
ފުލުހުންގެ ޚިދުމަތް
ފުލުހުންގެ މަސައްކަތް ބައްޓަންކޮށްފައިވަނީ ރައްޔިތުންގެ އިތުބާރު ބޮޑަށް ހޯދޭ ގޮތަށް: ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް
ބައެއް ފަހަރު މައްސަލަތައް ހުށަހެޅުމަށް ރައްޔިތުން ފަސްޖެހޭ

ފުލުހުންގެ މަސައްކަތް ބައްޓަންކޮށްފައިވަނީ ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދޭގޮތަށް ކަމަށް, ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޢަބްދުﷲ ރަޝީދު ވިދާޅުވީ، އިތުބާރުގެ މައްސަލަ ވަރަށް ގިނައިން ދިމާވާކަމަށާއި، ބައެއް ފަހަރު މައްސަލަތައް ހުށަހެޅުމަށް ރައްޔިތުން ފަސްޖެހޭކަމަށެވެ. ނަމަވެސް މައްސަލަތައް ހުށަހެޅުމުން ފުލުހުންނާމެދު ރައްޔިތުންނަށް އޮންނަ އިތުބާރުވެސް ބޮޑުވެގެންދާކަމަށް ވިދާޅުވިއެވެ.

Advertisement

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް ކަމަށާއި، މި މައްސަލަތަކުގެ އިތުރުން ޓްރެފިކްގެ މައްސަލަތައް ހުށަހެޅުމުން ވާހަކަ ދައްކައިގެން ހައްލުކުރެވެން ހުންނަ މައްސަލަތައް ހައްލުކުރާކަމަށް ވިދާޅުވިއެވެ.

2018 ވަނަ އަހަރުން ފެށިގެން މާލޭގެ ގެތަކަށް ޒިޔާރަތް ކުރަން ފެށުމުން އެކަން ރައްޔިތުންނަށް ވަރަށް ހިތްހަމަޖެހޭ ކަމަކަށްވެގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މާލޭގެ ގޭގެއަށް ޒިޔާރަތްކުރުމުން ރައްޔިތުންނަށް ވަރަށް ހިތްހަމަޖެހޭ ކަމަކަށް މިކަން އެންމެ ފުރަތަމަ ވެސް ވީ، ރައްޔިތުން ކައިރިއަށް ގޮސް، ފުލުހުން ޚިދުމަތް ދޭން ފެށުމުން. ކޮބައިތޯ ކަންބޮޑުވުމަކީ އަހާ، އަޅުގަނޑުމެން ކޮންކަމެއްތޯ ރަނގަޅު ކުރަންވީ އަހާ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު

މަދަނީ ޚިދުމަތަށް ފުލުހުންގެ ޚިދުމަތް ބަދަލުކުރިތާ، ސެޕްޓެމްބަރު އެއްވަނަ ދުވަހަށް 18 އަހަރު ފުރޭއިރު މަސައްކަތުގައި މިހާރު އެންމެ ބޮޑަށް ހޯދިފައި ހުރި ކުރިއެރުމަކީ ޒަމާނީ ޕޮލިސީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންނާ ގުޅިގެން ޚިދުމަތް ފޯރުކޮށްދިނުމަށް ގާނޫނު ވުޖޫދަށް ގެނެސްފައިވާކަމަށާއި ގާނޫނު ގެނައުން އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޢަބްދުﷲ ރަޝީދު އިތުރަށް ވިދާޅުވީ، ޒަމާނީ ފުލުހުންގެ ތަމްރީނު މަރުކަޒެއް ހުޅުވާފައިވާކަމަށާއި، ފޮރިންސިކް ތަހުގީގަށް ބޭނުންވާ ކުރިއެރުންތަކަށް ބަލާއިރު ބޮޑީވޯރން ކެމެރާތައް ބޭނުންކުރަން ފަށާފައިވާކަމަށެވެ. މީގެއިތުރުން ތަހުގީގަށް ހެކި ހޯދުމަށާއި ފުލުހުން ޖަވާބުދާރީވުމަށްވެސް ފަސޭހަވެގެން ހިނގައްޖެކަމަށް ވިދާޅުވިއެވެ.

މަދަނީ ޚިދުމަތަށް ފުލުހުންގެ ޚިދުމަތް ބަދަލުކުރިތާ 18 އަހަރު ފުރޭއިރު، އެ ދުވަސް ފާހަގަކުރުމަށް ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ރޭ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އަވައްޓެރި ފުލުހުންގެ ޚިދުމަތާގުޅޭ ހަރަކާތްތައް ހަފުތާއެއްވަންދެން ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިން ވަކިވެ، މަދަނީ ބަޔަކަށް ފުލުހުން ވުމުން، ޕްރޯއެކްޓިވް ބައެއްގެ ގޮތުގައި މަސައްކަތް ފެށުނުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އަވައްޓެރި ފުލުހުންގެ މަސައްކަތް ބިނާވެފައި އޮންނަނީ ކުށަށް ހުށަހެޅޭކަންކަމާއި އެކަންކަން ނައްތާލުމުގެ މައްޗަށް ކަމަށެވެ.

ރާއްޖޭގެ 114 ރަށެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު ޚިދުމަތް ނުލިބޭ ރަށްރަށަށްވެސް ކައިރި ރަށްރަށުން ޚިދުމަތް ފޯރުކޮށްދޭކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް