ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 16:56
އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދުކުރަނީ
އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދުކުރަނީ
ގެޓީ އިމޭޖަސް
ހުޅުމާލޭގައި އަޅާ އިސްލާމިކް ސެންޓަރ
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ޑިޒައިން ކުރުމަށް 5 ކުރެހުމެއް
ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތް އަޅަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި
ޑިޒައިންކުރުމުގެ މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް 7 ލައްކަ ރުފިޔާ ވަނީ ހުށަހަޅައިފައި
ވަނަތައް ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އިއުލާން ކުރާނެ

ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތް ޑިޒައިން ކުރުމަށް ބޭއްވި މުބާރާތުގައި 5 ކުރެހުމެއް ހުށަހަޅައިފިއެވެ.

މި މުބާރާތް ކުރިއަށްގެންދިޔައީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މި މުބާރާތް އިއުލާން ކުރީ މެއި މަހުގެ ތެރޭގައެވެ. އެގޮތުން، މި މުބާރާތުގައި ކުރެހުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް އޮތީ ހުޅުވާލައިފައެވެ.

އިސްލާމިކް މިނިސްޓްރީން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން ގޮތުގައި މުއްދަތު ހަމަވިއިރު ފަސް ފަރާތަކުން ފަސް ކުރެހުމެއް ހުށަހަޅާފައި ވެއެވެ. ދެން ކުރިއަށްދާނީ މި ޑިޒައިންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި މުބާރާތުން އެއްވަނައަށް ދިޔަ ކުރެހުން އިއުލާން ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މުބާރާތުގައި ވަނަތައް ހޮވާނީ އެކަމަށް ޚާއްސަކޮށް އެކުލަވާލައިފައިވާ ޕެނަލަކުން އިވެލުއޭޓް ކުރުމަށްފަހުއެވެ. އެ ޕެނަލުގައި ހިމެނޭނީ އެޗްޑީސީ އާއި އާކިޓެކްޓްސް އެސޯސިއޭޝަނާއި އިންޖިނިއަރސް އެސޯސިއޭޝަނާއި އިސްލާމިކް މިނިސްޓްރީ އާއި ހެރިޓެޖް އެންޑް ކަލްޗަރ މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ ބޭފުޅުންނެވެ.

މި މުބާރާތުން އެއްވަނައަށް ދާ ކުރެހުމަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަތް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅައިފައެވެ. އަދި ދެވަނަ ޑިޒައިނަށް ދެ ލައްކަ ރުފިޔާ ލިބޭއިރު ތިންވަނައަށް ދާ ޑިޒައިނަކަށް އެއް ލައްކަ ރުފިޔާ ވަނީ ހުށަހަޅާފައެވެ.

މި އިސްލާމިކް ސެންޓަރު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުމާލެ ދެވަނަ ފިޔަަވަހިން 230،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް އަޅާނެ އެންމެ ބޮޑު މިސްކިތް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

އިސްލާމިކް ސެންޓަރު ޑިޒައިން ތައްޔާރުކުރުމަށް ބާއްވާ މުބާރާތް އިއުލާން ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މިސްކިތުގެ ތެރޭގައި އެއްފަހަރާ 11،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށާއި ބޭރުގައި މަދުވެގެން 10،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. އަދި އެ މިސްކިތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑު މަލްޓި ޕާޕަސް ހޯލު ހަދާނެ މިސްކިތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި އަލަށް އަޅާ އެ އިސްލާމިކް ސެންޓަރަކީ ހުރިހާ އުމުރެއްގެ ބަޔަކަށް ބޭނުން ހިފޭ ތަނަކަށް ހަދާނެ ކަމަށެވެ. އެގޮތުން، މަލްޓިޕާޕަސް ހޯލުގެ އިތުރުން ލައިބްރަރީ ހުންނާނެ ކަމަށާއި އިސްލާމިކް ސެންޓަރަކާ ގުޅޭ ކުޅިވަރުތައް ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ އިސްލާމިކް ސެންޓަރަކީ ޒަމާނީ ފެންވަރުގައި ހަދާ އިމާރާތެކެވެ. އެހެންކަމުން، މުބާރާތުގައި ހުށަހަޅާ ޑިޒައިނުގައި ނަމާދު ކުރެވޭނެ ތަނަކާއި ޕާކިންގ އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ސެމިނަރ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކްލާސްރޫމްތަކާއި ކޮމާޝަލް އޭރިއާ އަކާއި ރެކްރިއޭޝަނަލް އޭރިއޭއެއް ހިމަނަން އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ޑިޒައިންތައް ވާން ޖެހޭނީ މުޅިން އައު ޑިޒައިންތަކަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވި ގޮތުގައި މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރަން އާއްމުންނަށް ހުޅުވާލީ ދިވެހި ވަންތަ އައު އަދި އީޖާދީ ޚިޔާލުތައް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ދިވެހި ކުންފުނިތަކާއި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި އިސްލާމިކް ސެންޓަރު ތަރައްޤީ ކުރާނީ ބޭރުގެ އެހީ އާއި ދައުލަތުގެ ބަޖެޓުން ކަމަށެވެ. އަދި މި ސެންޓަރު ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް