ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 19:44
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް މުލަކަތޮޅު ކައުންސިލާއި ބައްދަލުކުރެއްވުން
އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ދުވަހަކު ނުދެކޭ ފަދަ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދޭ - މުލަކޮތޮޅު ކައުންސިލް
މ އަތޮޅުގެ މުލައް، މުލި، ނާލާފުށީގެ ޒުވާނުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަބޮޑުވެ އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަން ކައުންސިލުން ފާހަގަކުރި

މ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ދުވަހަކު ނުދެކޭ ފަދަ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަމަށް މުލަކަތޮޅު ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިހެން ބުނެފައިވަނީ މ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މުލަކަތޮޅު ކައުންސިލާއި ބައްދަލުކުރެއްވުމުން އެ ކައުންސިލްގެ މެންބަރުންނެވެ. މިބައްދަލުކުރެއްވުން އޮތީ އާދީއްތަ ދުވަހުގެ މެންދުރުފަހު، މ.އަތޮޅު ކައުންސިލް އިދާރާގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ކައުންސިލާ ބައްދަލު ކުރައްވައި އަތޮޅުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އަދި އަތޮޅުގެ ރަށްރަށަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ‎މިބައްދަލުވުމުގައި އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ދުވަހަކު ނުދެކޭ ފަދަ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

‎މ .އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މުލަކުގެ މަސްބަނދަރުގެ މަސައްކަތް އަވަހަށް ނިންމުމާ، މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް، ރަނގަޅުކުރުމާއި، މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް އޮތް ތަސައްވަރު ހިމެނެއެވެ. މީގެ އިތުރުން، އަތޮޅުގެ ހުރިހާރަށަކަށް ހަމަހަމަގޮތެއްގައި ހައުސިންގ ޕްރޮޖެކްޓް ހިންގުމާއި، މުލީ އެއާޕޯޓު ނިމިގެންދާއިރު އަތޮޅުގައި އިތުރު ރިޒޯޓްތައް ހެދި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، މ. މާޅުވެލި ޕިކްނިކްއައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރުމާއި، މިހާރު ދަނޑުވެރިކަމަށް ދޫކޮށްފައިވާ މ.ތުވަރު ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކޮށް އަތޮޅުގެ ރައްޔިތުންނަށް އެރަށުގެ މަންފާ ލިބޭނެ ގޮތެއް ވުން ބޭނުންވެލައްވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

‎މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ، މ އަތޮޅުގެ މުލައް، މުލި، ނާލާފުށީގެ ޒުވާނުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަބޮޑުވެ އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ.

‎ކައުންސިލުން ފާހަގަކުރެއްވި މަސްތުވާތަކެތީގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ކައުންސިލުން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަކީ ސަރަހައްދުގައިވެސް އެންމެ ބޮޑުވެފައިވާ އަދި ރާއްޖޭގައިވެސް އެންމެ ބޮޑު މައްސަލަކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ޚާއްސަ ޓާސްކް ފޯހެއް އުފައްދައިގެން މަސައްކަތް ކުރެވެމުންދާކަމުގައި ވިދާޅުވިއެވެ.

‎ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މުލަކުގައި ހަދާ މަސްބަނދަރުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ސަޢޫދީ ފަންޑުން ހިންގާ އެމަޝްރޫޢުގެ މަސައްކަތް ލަސްވެފައިވަނީ އެމަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރެއް ލިބުން ލަސްވެގެން ކަމަށާއި، އެމަސައްކަތް އެމްޓީސީސީ އާއި މިހާރު ހަވާލުކުރެވި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‎މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުލީ ރީޖަނަލްހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، އޭގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި މެދު، ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާކުރައްވައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް