ކ. މާލެ
|
26 އޯގަސްޓް 2022 | ހުކުރު 08:21
މިސްކިތް
މިސްކިތް
ރާއްޖެއެމްވީ
މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް އިވުން
ލިބުނު ޝަކުވާތަކަކާއި ގުޅިގެން ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި އަޑު މަޑުކުރަން އިރުޝާދުދިނިން: މިނިސްޓްރީ
މިސްކިތްތަކުގެ އަޑުމަޑުކުރުމާއި ގުޅޭ ސާކިއުލާއެއް އަދި ލިޔުމެއް އިސްލާމިކް މިނިސްޓްރީން އެއްވެސް ފަރާތަކަށް ނުފޮނުވާ
މިސްކިތްތަކުގެ ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތަށް ހެދުމަކީ މިނިސްޓްރީގެ އެއްވެސް އިރެއްގެ ވިސްނުމެއް ނޫން
ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށްވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދުކުރާއިރު ދަތިވާކަމަށް ވަނީ ފާހަގަކުރެވިފައި

އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކަކާއި ގުޅިގެން ބެލިބެލުމުން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދު (އަޑުހަރުކޮށް ކިޔަވާ ނަމާދު) ތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމުގައި ފެންނާތީ އެމިސްކިތްތަކުގެ އިމާމުންނަށް ޖަހުރިއްޔަ ނަދާމުތައް ކުރާއިރު ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރުމަށް އިރުޝާދު ދެވިފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތަށް ހަދަން އަންގާފައިވާކަމަށް މީޑިޔާތަކުގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އިސްލާމިކް މިނިސްޓްރީން އަންގާފައިނުވާނެކަމަށެވެ. އަދި މިސްކިތްތަކުގެ ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތަށް ހެދުމަކީ އެމިނިސްޓްރީގެ އެއްވެސް އިރެއްގެ ވިސްނުމެއް ނޫންކަމަށެވެ. ކުރީއްސުރެ އަމަލުކުރަމުން އަންނަ އުސޫލުން މިހާރުވެސް މިސްކިތްތަކުގައި ހުންނާނީ ނަމާދުކުރާ އަޑު ބޭރަށް އިވޭ ގޮތަށެވެ.

އަޑުބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކާއި ގުޅޭގޮތުން މިނިސްޓްރީން ބުނީ ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށްވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދުކުރާއިރު ދަތިވާކަމަށް ވަނީ ފާހަގަކުރެވިފައިކަމަށެވެ. އަދި ހަމައެހެންމެ މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން ތުއްތު ކުދިން ތިބޭ ކައިރި ގޭގެއިން ދަތިވާކަމަށް ވަނީ ފާހަގަކުރެވިފައިކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މިސްކިތްތަކުގެ އަޑުމަޑުކުރުމާއި ގުޅޭ ސާކިއުލާއެއް އަދި ލިޔުމެއް އިސްލާމިކް މިނިސްޓްރީން އެއްވެސް ފަރާތަކަށް ފޮނުވާފައިނުވާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް