ކ. މާލެ
|
24 އޯގަސްޓް 2022 | ބުދަ 17:43
ސަރޖެންޓް އެޓް އާރމްސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަލީމު
ސަރޖެންޓް އެޓް އާރމްސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަލީމު
ރައްޔިތުންގެ މަޖިލިސް
ސަރޖެންޓް އެޓް އާރމްސް މަގާމުން ވަކިކުރުން
ސަރޖެންޓް އެޓް އާރމްސްގެ މަގާމުން ހަލީމު ވަކިކޮށްފި
25 މެމްބަރުން ވަނީ ހަލީމު މަގާމުން ވަކިކުރަން ފެންނަކަމަށް ވޯޓު ދެއްވާފައި
ވަކި މުއްދަތެއް ނެތްގޮތަށް ހަލީމު ސަސްޕެންޑުކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު

ރައްޔިތުންގެ މަޖިލީހުގެ ސަރޖެންޓް އެޓް އާރމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމު މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ސަރޖެންޓް އެޓް އާރމްސްގެ މަގާމުން ހަލީމު ވަކިކުރުމުގެ މައްސަލަ ދިރާސާކޮށްފައިވަނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ. މިމައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމާފައިވަނީ އޭނާ މަގާމުން ވަކިކުރުމަށެވެ. މިކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެމްބަރުން ވަނީ އޭނާ މަގާމުން ވަކިކުރަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. އެއް މެމްބަރަކު ވަކިކޮޅަކަށް ވޯޓު ދެއްވާފައެއްނުވެއެވެ.

މަޖިލީހުގެ އާންމު ކޮމެޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ވަކި މުއްދަތެއް ނެތްގޮތަށް ހަލީމު ސަސްޕެންޑުކުރީ އޭނާއަށް މުސާރަ ލިބިވަޑައިގަންނަވާގޮތަށެވެ. އެއީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ ކޮޓަރިކޮޅު "ބަގް" ކުރައްވަން އުޅުއްވިކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ މަޖިލީހުން ބަލަން ފެށުމާއެކުއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ، މަޖިލީހުގެ ކޮޓަރިކޮޅެއްގައި ދެކެވޭ ވާހަކަތަކެއް އަޑުއެއްސެވުމުގެ ބޭނުމުގައި "ބަގް" ކުރެއްވުމަށް އާލާތްތަކެއް ހަރުކުރައްވަން އުޅުއްވިކަމުގެ މައްސަލައެއް ފެންމަތިވެ، މަޖިލީހުގެ ސަމާލުކަމަށް އެކަން ގެންނަވާފައިވާނެކަމަށެވެ.

މިމައްސަލަ ކޮމިޓީން ދިރާސާކޮށްފައިވަނީ ސިއްރު ބައްދަލުވުންތަކެއް ބާއްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރޖެންޓް އެޓް އާރމްސްގެ މަގާމު އުފެއްދީ 2013 ވަނަ އަހަރު، މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަޖިލީހުގެ ރައީސްކަން ކުރެއްވިއިރުއެވެ. ހަލީމު މި މަގާމަށް އައްޔަންކުރެވިފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް