މާލޭ ގެއަކުން ބަނގުރާ ފުޅިތަކަކާއެކު ހައްޔަރުކުރި ނޭޝެނަލް ސެންޓަ ފޯ ދި އާޓްސް( އެންސީއޭ)ގެ ކޯޑިނޭޓަރު އަދި ފިލްމީ ތަރި އަބްދުﷲ މުއާޒް ޖަލަށް މުއްދަތު ނުޖަހާ ގޭބަނދަށް މުއްދަތު ޖަހައިފިއެވެ.
މުއާޒް ގޭބަންދަށް މުއްދަތު ޖެހީ އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން 5 ދުވަހުގެ މުއްދަތައް ގޭ ބަންދަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މުއާޒު ހައްޔަރުކުރިކަން "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޮފިޝަލް ވިދާޅުވީ މުއާޒްގެ އިތުރުން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ތަނުން ހަތަރު ފުޅި ބަނގުރާ ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވޭތޯ ސުވާލު ކުރުމުން، އިތުރު އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށް ފުލުހުުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް ރާއްޖެ އެމްވީއަށް ވަނީ މުއާޒް ގޭބަންދަށް 5 ދުވަސް ޖެހިކަން ކަށަވަރު ވެފައެވެ.
ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެންސީއޭގެ ކޯޑިނޭޓަރުގެ މަގާމަށް މުއާޒު އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެވެ. އޭގެފަހުން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް، އަދީބާ ގުޅުން އޮންނަ ގިނަ ބަޔަކު ސަރުކާރުގެ މަގާމުތަކުން ވަކިކުރިއިރު މުއާޒު ވެސް އެދުވަސްވަރު ކޯޑިނޭޓަރުގެ މަގާމުން ވަނީ ވަކިކޮށްފަ އެވެ. ނަމަވެސް ދާދިފަހުން ހަމަ އެމަގާމަށް މުއާޒު ވަނީ އައްޔަން ކުރައްވާފަ އެވެ.