ކ. މާލެ
|
24 އޯގަސްޓް 2022 | ބުދަ 13:19
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ރާއްޖެއެމްވީ
ޚާންޖީ ރެސްޓޯރަންޓްގައި ހިނގި މަރު
އާބިދަށް ކުރާ ދައުވާ: 2 ސީން އޮފް ކްރައިމް އޮފިސަރެއްގެ ހެކިބަސް ނަގައިފި
ހެކިވެރިޔާ ސީންއަށް ހާޒިރުވިއިރު ބަދިގެތެރެ އޮތީ ސާފުކޮށްފައި
ޝައްކު ކުރެވޭ ވަޅިތައްވެސް މާއްދީ ހެކީގެ ގޮތުގައި ނެގި
އަދިވެސް ދައުލަތުގެ 3 ހެއްކެއްގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތް

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. ބުދަ ދުވަހުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ހިމެނޭ 2 ސީން އޮފް ކްރައިމް އޮފިސަރުންގެ ހެކިބަސް ނަގާފައެވެ.

އާބިދުގެ މައްޗަށް މި މައްސަލައިގައި އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ފުރަތަމަ ހާޒިރުކުރި އޮފިސަރަކީ 2018 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ސީން އޮފް ކްރައިމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އޭނާ ހާޒިރުކުރީ ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައިވާ ދެ ރިޕޯޓަކާއި ގުޅިގެންނެވެ.

އޭނާ ވިދާޅުވީ، ސީންއަށް ހާޒިރުވިއިރު ބަދިގެތެރެ ސާފު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ކޮންމެވެސް ވަރަކަށް ލޭގެ ނިޝާންތައް ފެންނަން ހުރި ކަމަށާއި، އެކަމާ ގުޅޭ މާއްދީ ހެކިތައް ނެގުމަށްފަހު ފޮރެންސިކް ލެބޯޓަރީއަށް ފޮނުވި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސީންއިން ފެނުނު ވަޅިތަކުގެ ތެރެއިން ޙަމަލާދިނުމަށް ބޭނުން ކުރި ކަމަށް ޝައްކު ކުރެވޭ ވަޅިތައްވެސް މާއްދީ ހެކީގެ ގޮތުގައި އޭނާ ނެގިއެވެ.

އޭނާ ވިދާޅުވީ، ޝަމީމަށް ލިބިފައިވާ ޒަޚަމަށް ބަލާއިރު ބޮޑަށް ބެލެވެނީ ޙަމަލާ ދީފައިވަނީ މިޔަ ކުޑަ ކިވީ ބްރޭންޑްގެ ވަޅިއަކުންކަމަށް ބެލެވޭ ކަމަށެވެ.

ދެން ހާޒިރުކުރި އޮފިސަރަކީވެސް 2014 ވަނަ އަހަރުން ފެށިގެން ސީން އޮފް ކްރައިމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އޭނާ ވަނީ ދައުވާލިބޭ އާބިދުގެ ހަށިގަނޑާއި އަންނައުނު ބަލައި ފާސްކޮށް، މާއްދީ ހެކިތައް ނަގާފައެވެ.

މި މައްސަލައިގައި އަދިވެސް ދައުލަތުގެ 3 ހެއްކެއްގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ވީހާވެސް އަވަހަށް އެކަމާ ގުޅޭ އަޑުއެހުން ތާވަލު ކުރައްވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް