Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 17:59
އެމްޑީޕީގެޗެއާޕާސަންގެ ނައިބް(އިދާރީ) އަލީ ޝިޔާމް
އެމްޑީޕީގެޗެއާޕާސަންގެ ނައިބް(އިދާރީ) އަލީ ޝިޔާމް
އެމްޑީޕީ
އެމްޑީޕީ ބަޔާން
ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި
2012 ވަނަ އަހަރުން ފެށިގެން ޗެއާޕާސަންގެ ނައިބުގެ(އިދާރީ) މަޤާމުގައި ހުންނެވީ އަލީ ޝިޔާމް
އަލީ ޝިއާމް ކޮށްދެއްވި މަސައްކަތަށް ރައީސް ނަޝީދުވެސް ވަނީ ޝުކުރު އަދާކުރައްވާފައި

މޯލްޑިވިއަން ޑީމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ  ޗެއާޕާސަންގެ ނައިބުގެ މަގާމު އަދާކުރެއްވީތީ އަލީ ޝިޔާމަށް އެ ޕާޓީން ޝުކުރު އަދާކޮށްފިއެވެ.

އެމްޑީޕީން ހޮނިހިރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ)ގެ މަޤާމުގައި ޢަލީ ޝިޔާމް މި ޕާޓީއަށް ކެނޑިނޭޅި ކޮށްދެއްވި މަސައްކަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. އާ އިންތިހާބުގައި އަލީ ޝިޔާމް ވާދައެއް ނުކުރައްވަ އެވެ. 

އެމްޑީޕީން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ 2012 ވަނަ އަހަރުން ފެށިގެން ޗެއާޕާސަންގެ ނައިބުގެ މަޤާމުގައި ހުންނަވައިގެން ޢަލީ ޝިޔާމް ވަނީ އެމްޑީޕީއަށް ކުރިމަތިވި އެންމެ ދަތި، އުނދަގޫ ދުވަސްވަރުގައި ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައިކަމަށެވެ.  ޗެއާޕާސަންގެ ނައިބުގެ ހައިސިއްޔަތުން ކެމްޕޭން އަދި މެމްބަރޝިޕް ކޮމިޓީގެ މުޤައްރިރުކަން ކުރައްވަމުން ޕާޓީގެ އިދާރީ ކަންކަން ބައްލަވައި، ޕާޓީގެ މެމްބަރުންނާއެކު އެންމެ ކުރީ ސަފުގައި ޢަލީ ޝިޔާމް ވަނީ ޙަރަކާތްތެރިވެވަޑައިގެންފައިވާކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"ފާއިތުވީ 5 އަހަރުދުވަހު އަލްފާޟިލް ޢަލީ ޝިޔާމް ކޮށްދެއްވި މަސައްކަތްތަކަކީ މިޕާޓީއަށް އަގުނުކުރެވޭނެވަރުގެ މުހިއްމު މަސައްކަތްތަކެކެވެ. މި ޕާޓީގެ އެދުމަކީ މިޕާޓީ އުފެދުނު އިރުއްސުރެ މިއަދާ ހަމައަށް އަލްފާޟިލް ޢަލީ ޝިޔާމް މިޕާޓީއަށް ކޮށްދެއްވަމުން ގެންދެވާ އަގުހުރި މަސައްކަތުގައި އެމަނިކުފާނު ދެމިހުންނެވުމެވެ. މިޕާޓީގެ ދުޢާއަކީ އަލްފާޟިލް ޢަލީ ޝިޔާމްގެ ނުގުޑާ އަޒުމާއި ހިތްވަރާއި ސިޔާސީ ތަޖްރިބާގެ ބޭނުން މިޕާޓީއަށް އަބަދުމެ ލިބިލިބި ހުރުމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މުހައްމަދު ނަޝީދު ވެސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ ގޮތުގައި އަލީ ޝިޔާމް ހުންނަވައިގެން ކޮށްދެއްވި އަގުހުރި ޚިދުމަތަށް ޝުކުރު އަދާކުރައްވާކަމަށެވެ.       

އެމްޑީޕީގެ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ ޖުލައި މަހުގެ 12 ވަނަ ދުވަހުގައެވެ.އަދި ޗެއާޕާސަންގެ އިންތިޚާބު އޮތީ އޮގަސްޓް މަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް