ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 12:47
ރައީސް ނަޝީދު އެމްޑީޕީ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަނީ
ރައީސް ނަޝީދު އެމްޑީޕީ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް
ގޮފިތައް ގަވާއިދާ ހިލާފުކަމަށް ނަޝީދު ވިދާޅުވުމުން ކޮންގްރެސްގެ މަންދޫބުން ނުރުހުންވެ އަޑުގަދަކޮށްފި
ގޮފިތައް ގަވާއިދާ ހިލާފުކަމަށް ވިދާޅުވި
ކޮންގްރެސް އަށް އަންނަ މީހާ ރަށުން ރެޕްރެޒެންޓްކުރުން މުހިންމު

މިހާރު ކުރިއަށްދާ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި ބައިވެރިވާ ގޮފިތައް ގަވާއިދާ ހިލާފުކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ކޮންގްރެސްގެ މަންދޫބުންގެ ނުރުހުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.

ރައީސް ނަޝީދަށް ކޮންގްރެސްގެ މަންދޫބުންގެ ނުރުހުން އަމާޒުވެފައިވަނީ އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ނިންމާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭ ކޮންގްރެސްމަނުންގެ ގޮތުގައި ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނަށް ބައިވެރިނުވެވޭނެ ފަދަ އިސްލާހެއް ހުށަހަޅާއި، އެ އިސްލާހާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

Advertisement

މި އިސްލާހުގައިވާ ގޮތުން ގޮފިތަކުގެ ރައީސުން ގެނައުމުގެ ބަދަލުގައި ދާއިރާތަކުގެ މެދުގައި ކޮންގްރެސްމަނެއް އިންތިހާބުކުރަން ޖެހޭ ގޮތަށް ވަނީ ހުށަހަޅާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންކްރެސްއަށް ވަޑައިގެން ތިއްބެވި ވަރަށް ގިނަ ގޮފިތައް ގަވާއިދާ ހިލާފަށް ހަދައިގެން އެތަނަށް ވަޑައިގެން ތިއްބެވިކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ހޮނިހިރު ދުވަހުވެސް އެ ވާހަކަ ދެންނެވި ކަމަށް ވިދާޅުވިއެވެ. އަދި ކޮންގްރެސްގެ މަންދޫބުން ވަނީ އެމަނިކުފާނުގެ މި ވާހަކަފުޅާއި ގުޅިގެން އަޑުގަދަކުން ފަށާފައެވެ.

ހުރިހާ ބޭފުޅުން ވެސް ޖަލްސާ ކުރިއަށްގެންދެވޭނެ ގޮތަކަށް އަޑު މަޑުކުރެއްވުން އެދެން. ނޫން ނޫން ހުރިހާ ބޭފުޅުން ވެސް އަޑުމަޑުކޮށްދެއްވުން އެދެން. ހުރިހާ ބޭފުޅުން ވެސް އަޑުމަޑުކޮށްދެއްވުން އެދެން. އިލްޔާސް. ހުރިހާ ބޭފުޅުން އަޑުމަޑުކޮށްދެއްވުން އެދެން. ވާހަކަ ކުރިއަށް ގެންދަވަން ފުރުސަތު ދެއްވާ
ރިޔާސަތު

މަންދޫބުންގެ އަޑު މަޑުވުމުން ރައީސް ނަޝީދުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ހުރިހާ އެންމެންނަކީ ވެސް ޕާޓީގެ ރޫހުގައި ތިއްބަވާނެ، ޕާޓީގެ މެންބަރުން ކަމަށެވެ. އަދި ހުރިހާ އެންމެންނާއެކީގައި މި މަސައްކަތް ހިންގޭނެ ގޮތް ހައްދަވަން ޖެހޭ ކަމަށާއި، ހަމައެއާއި އެކީގައި ކޮންގްރެސްއަށް ހުށަހަޅާ ހުށަހެޅުންތަކާއި، އަދި ނިންމާ ނިންމުންތަކަކީ މެންބަރުންގެ ތެރޭގައި އެއްހަމަކުރެވިގެން އެއްގޮތްކުރެވިގެން ގެނެވޭ ނިންމުންތަކަށްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި ހައްސާސް ނޫން އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އަބަދުވެސް ބޭފުޅުންގެ ޖަޒުބާތުތައް އުފުލިގެންދާނެ ކަމަށާއި، އެމްޑީޕީގެ ގޮފިތައް މަސައްކަތް ނުކޮށްގެން އަދި އޭގެ ސަބަބުން އެއަށްފަހުގައި ތަފާތު ވިސްނުންތަކަށްފަހު އެ ވިސްނުން ގެނެސްފައިވާކަމަށެވެ.

ގޮފިތައް މިހާރު އިންތިހާބުވާ ގޮތަށް، އަޅުގަނޑު ހިތުން މަންދޫބަކު އަންނަގޮތަށް ވިސްނާފައި އެވަނީ. އަޅުގަނޑު ވަރަށް ބޮޑަށް ނިޔާޒު އާއި ރައީސް ސާލިހާ އެއްބަސް. އަޅުގަނޑުމެންގެ އެއްޗެއް ގޮތްޕަކީ ވެސް. އެހެންނަމަވެސް ވާއެއްކަމަކީ ގޮފި އޮންނަނީ ރަށުގައި، ގޮފީގެ ރައީސް ހުންނަނީ މާލޭގައި. އެހެންވީމަ ރަށުން ރެޕްރެޒެންޓް ވާނެ މީހަކު އެ ދާއިރާއިން އެތަނުން ރެޕްރެޒެންޓްވާނެ މީހަކު ހުރުން. މިއީ އަޅުގަނޑުމެން ހިލާފު އުފެދެންވީ ކަމެއް ނޫން
ރައީސް ނަޝީދު

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މާ ރީތިކޮށް މި މައްސަލައެއް ހައްލެއް ގެނެސްގެން ޑްރާފްޓެއް ގެނެވިދާނެ ކަމަށެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ޕާޓީގެ ނައިބްރައީސް، ޝިފާޒް އަދި ކޮންގްރެސްގެ މަންދޫބުން ދެއްކެވި ވާހަފުޅާއެކު ޑްރާފްޓެއް އެކުލަވާލައިގެން ކުރިއަށް ގެންދަން ހުށަހަޅުއްވާ، އެކަމަށް ހައްލެއް ގެނައުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
- ކޮމެންޓް