ލިއަމް ޖެމަކިއަން އަކީ ކުރެހުމުގެ ވައްތަރެއް ކަމަށްވާ ޑޫޑްލްކުރުމަށް ވަރަށް ކުޅަދާނަ ޒުވާން ފަންނާނެކެވެ.
ފަންނުވެރިކަމަށް ލޯބިކުރާ މައިންބަފައިންނާއެކު އުޅެ ބޮޑުވަމުން އައި ލިއަމް ޖެމަކިއަން ކުރަހަން ފެށީ އޭނާގެ އުމުރުން އެންމެ 3 އަހަރުގައެވެ. މިއަދު އޭނާގެ އަމިއްލަ ފެޝަން ލައިނެއްގައި 2 ކަލެކްޝަނެއްގެ ޓީ-ޝަރޓް ވަނީ ތަޢާރަފު ކޮށްފައެވެ. 'ލިއަމް އިޒް 9' އަދި 'ލިއަމް އިޒް 10'ގެ ނަމުގައި ތަޢާރަފު ކޮށްފައި ވާ 2 ކަލެކްޝަންގައި މުޅިންވެސް ފެނިގެން ދަނީ ލިއަމްގެ އަމިއްލަ ކުރެހުންތަކެވެ. އޭނާ ހުރީ އެ ފަންނުވެރިކަން އަދިވެސް އިތުރަށް ފުޅާ ކުރުމުގެ އަމާޒުގައެވެ.
ލުބްނާނަށް ނިސްބަތްވާ ލިއަމް، އޭނާގެ ކޮޓަރީގައި އިނދެ ވާހަކަދައްކަމުން ދިޔައިރު، އޭނާގެ ފަހަތުގައި ހުރި ހުދު ކަބަޑުގައިވެސް ނުކުރަހާ ހަމަ އެންމެ ތަންކޮޅެއްވެސް ނެތެވެ.
އިންސްޕަޔަރ ވާން ވަކި ކަމަކަށް ސަމާލުކަމެއް ނުދެން. އެކަން މުޅިންވެސް އަންނަނީ ބޮލުތެރެއިން. މިސާލަކަށް، ކަރުދާހުގަ އަތް ޖައްސާލާ ހިސާބުން އެ އަތް އަމިއްލައަށް ކުރަހަން ފަށާ. ހީވާކަހަލަ އަހަރެންގެ އަތާއި ސިކުނޑި އޮންނަނީ ގުޅިފައޭ. ދެން މިހުރީ އަހަރެން. ނަފްސަށް ބުނެދެން، އަމިއްލަ ސިކުނޑިއަށް އަރާހާ އެއްޗެއްގެ ކޮންޓްރޯލް ނޯންނާނެ ކަން. ސިކުނޑިއަށް އަރާ ވަރަކަށް ކުރެހޭ ހަމަލިއަމް ޖެމަކިއަން؛ ލުބްނާންގެ ޑޫޑްލް އަރޓިސްޓެއް
ލިއަމްގެ މައިންބަފައިންނަކީ އެ ދަރިފުޅުގެ ހުނަރުވެރިކަން އޭގެ އެންމެ ފުރިހަމައަށް ބަލައިގަންނަ ބައެކެވެ. ލިއަމްގެ ކިބާގައި ކުރެހުމުގެ ފަންނުވެރި ހުނަރު އެބަހުރިކަމާއި، އެ ރޮނގުން ކުރިއަށް ދިއުމަށްވެސް އެ ދަރިފުޅު ކުޅަދާނަ ކަން އެ މީހުން ޤަބޫލު ކުރެއެވެ. ކުރެހުމަށްޓަކާ ލިއަމްގެ ހިތުގައި ދެވިފައި އޮންނަ ޚާއްސަ މަޤާމަށް އެ މީހުންވެސް އިޚުތިރާމް ކުރެއެވެ.
އޭނާގެ އުމުރާ އެއްވަރަށް ބަދަލުވެގެންދާނެ ބްރޭންޑެއް ހަދަން އަހަރަމެން ވިސްނީ. އޭނާ ލޯބި ކުރާ، އަދި ބޭނުންވާ ކަންތައްތަކަށްވެސް ބަލައިގެން. މިހާތަނާ ޖެހުނުއިރުވެސް، ކަނޑައެޅިގެން ވަކި ޓީ-ޝަރޓެއްގަ ޖަހަން ހާއްސަކޮށްގެންނެއް ނޫން ލިއަމް ކުރެހީކީ. ހަމަ އެހެން ހުރެލާފަ، ކަބަޑުގަ، ކަރުދާހުގަ ނޫނީ އޭނަ އަތުޖެހުނު ކޮންމެ އެއްޗެއްގަ ކުރަހާލަނީ. ދެން އަހަރަމެން ބަލަނީ، އެތަނުން، ޓީ-ޝަރޓެއްގަ ޖަހަން އެންމެ އެކަށީގެންވަނީ ކޮން ކުރެހުންތަކެއްތޯޔުމްނާ ޖެމަކިއަން؛ ލިއަމްގެ މަންމަ
މީގެ 2 އަހަރެއްހާ ދުވަސް ކުރިއަށް ބަލާއިރު، ލިއަމް ދިޔައީ އޭނާގެ ސްޓައިލްއަކީ ކޮބައިތޯ ބަލާ، ހޯދަމުންނެވެ. އެކަން އޭނާއަށް ދެނެގަނެވުނީ، މާމަގެ ފިހާރައިގެ މަސައްކަތެއްގައި އުޅެނިކޮށެވެ. އޭގެ ފަހުން ލިއަމް ދަނީ، ދުވަހަކަށް ވުރެ ދުވަހެއް، އޭނާގެ ފެޝަން ލައިން ކުރިއަށް ނެރެމުންނެވެ. ކުރެހުމުގެ ތެރެއިން ނެވެ.
އަހަރެން ފޫހިވެގެން އުޅެންޏާ މަންމަ ވަރަށް ގިނައިން ބުނާނެ ކަބަޑުގަ ކުރަހަން ދާށޭ. އަހަރެން ބުނަން ނޫނެކޭ. އެ ކަބަޑުގަ ޖާގަ ބަހައްޓަން ޖެހޭނު. ލިއަމް އިޒް 9، ލިއަމް އިޒް 10 ގޮތަށް، މިސާލަކަށް، ލިއަމް އިޒް 11އާއި ލިއަމް އިޒް 12 އަށްވެސް ޖާގަ ބަހައްޓަން ޖެހޭނު. ބޮޑުވެގެން މި ކަބަޑަށް ބަލަން ބޭނުން. އަދި އެއީ އަހަރެން ކުޑައިރު ކުރި މަސައްކަތޭ ހިތަށް އަރުވަން ބޭނުންލިއަމް ޖެމަކިއަން؛ ލުބްނާންގެ ޑޫޑްލް އަރޓިސްޓެއް
މާމަގެ ފިހާރަ ސުންނާފަތިވީ އޯގަސްޓް 2020 ގައި ބެއިރޫތުގެ ބަނދަރު ގޮވި ހާދިސާގައެވެ. އޭގެ ފަހުން އެ ފިހާރައެއް ނުހުޅުވައެވެ. ނަމަވެސް އޮންލައިން ޕްލެޓްފޯމް އަދިވެސް ހިންގައެވެ. ލިއަމްގެ ޓީ-ޝަރޓް ކަލެކްޝަން ވިއްކަނީ އޮންލައިންކޮށެވެ.
އާންމުންނަށް ލިއަމްގެ ކުރެހުންތައް މިވަގުތު ފެންނަ ހަމަ އެކަނި ވަސީލަތަކީ ޓީ-ޝަރޓް ކަމުގައި ވީ ނަމަވެސް، ލިއަމްގެ ޑޫޑްލްތައް އެހާ ހިސާބަކުން އަދި ނުނިމެއެވެ. އޭނާގެ އަމިއްލަ ބޫޓާއި، ގެންގުޅޭ އެކި ކަހަލަ އާލާތްތަކުގެ އިތުރުން ބޫޓާއި ހުޑީ ޖެކެޓް ފަދަ އެއްޗެތީގައިވެސް ލިއަމް ޑޫޑްލް ކުރެއެވެ. އެކަން ފެނި، އެތައް ބަޔަކު ދަނީ އެމީހުންގެ އެކި މުދަލުގައި ލިއަމް ލައްވާ ކުރެއްސުމަށް އެދި ހުށަހަޅަމުންނެވެ. އެގޮތުން، މީހަކު ވަނީ އޭނާގެ ސައިކަލުގައިވެސް ޑޫޑްލްކޮށްދިނުމަށް އެދި ލިއަމްއަށް ހުށަހަޅާފައެވެ.
ދަރިންގެ ކިބާގައި ހުންނަ ހުނަރަކީ، އެ ދަރިއަކުވެސް ޝައުޤުވެރިވާ ހުނަރަކަށް ވެއްޖެނަމަ އެކަން ކުރިއެރުވުމަށް އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ބަޔަކީ އެ ދަރިއެއްގެ މައިންބަފައިންނެވެ. ނުވަތަ އެންމެ ގާތުން އެ ދަރިފުޅެއްގެ ކަންތައްތައް ބަލަހައްޓާ ދެމުންދާ ބެލެނިވެރިޔާއެވެ. ނެތް ހުނަރެއް ދެއްކުމަށް މަޖުބޫރު ކުރުވުމުގެ ބަދަލުގައި، އެ ކުއްޖެއްގެ ކިބާގައި ހުރި ހުނަރެއް ހޯދަން އެހީތެރިވެދީ، އެ ހުނަރެއް ކުރިއެރުވުމަކީ، ކިތަންމެ ހަގު އުމުރެއްގައިވެސް ވިދުން ގަދަ ދަރިއަކަށް އެ ދަރިފުޅު ވެދާނެ ކަމުގެ މިސާލެއްކަން، ލިއަމްގެ ވާހަކައަށް ވިސްނާލުމުންވެސް ދޭހަކޮށްދެއެވެ. އެތައް ބައިވަރު ކުލައަކާއި އަގުބޮޑުހާ ކެންވަސްތަކެއް ނުގަތެއް ކަމަކު، އެންމެ ގަލަމަކުން ޑޫޑްލް ކޮށްލައިގެން ކިތަންމެ ދުރަކަށްވެސް ދެވިދާނެކަން ލިއަމް އެ ދަނީ ސާބިތުކޮށްދެމުންނެވެ.