ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 17:53
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
އެމްޑީޕީގެ ކޮންގްރެސް
އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް ނެތް: ފައްޔާޒް
ކޮންގްރެސް ނުބޭއްވޭވަރުގެ މައްސަލައެއް ދިމާވެފައެއް ނެތް

އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދިނުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގެންފައިވާއިރު އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޮންގްރެސްއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އައި މީހުންނަށް މަރުހަބާ ވިދާޅުވުމަށް ފައްޔާޒް އާއި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިސް މެމްބަރުން ވަނީ އެއް ނަންބަރު ޖެޓީއަށް ވަޑައިގެންފައެވެ. އެތަނަށް ވަޑައިގެން ރާއްޖެއެމްވީ އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ފައްޔާޒު ވިދާޅުވީ ކޮންގްރެސް ނުބޭއްވޭވަރުގެ މައްސަލައެއް ދިމާވެފަ ނެތް ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް އަށް ފޮނުއްވި ސިޓީގައި އާޒިމް ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކޮންގްރެސް ކަމަށާއި، ކޮންގްރެސްގެ ކޮމްޕޮސިޝަން އެކުލަވާލެވިފައިވާގޮތަށް ރިއާޔަތް ކުރާއިރު ގޮފިތަކުގެ ރައީސުންނަށް ކޮންގްރެސްގައި ވޯޓިންގ ޑެލިގޭޓުން ގެގޮތުގައި ތަމްސީލުކުރުމުގެ ފުރުސަތު ދެވިފައިވާކަމަށެވެ.

އެގޮތުން ބަޔާން ކުރެވުނު ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހޭނީ ގޮފި ގަވާއިދުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިޚާބެއް ބޭއްވުމަށްފަހު ކަމަށާއި، ކޮންގްރެސްގައި ގޮފި ތަމްސީލުކުރާ ގޮފީގެ ރައީސް ނުވަތަ ނައިބު ރައީސް ވާންޖެހޭނީ ބަޔާންކުރިގޮތަށް އިންތިޚާބުވެފައިވާ ފަރާތަކަށްކަން ސާފުކޮށް އެނގޭކަމަށްވެސް ސިޓީގައިވެއެވެ.

އެހެން އޮތްއިރު ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ގައި ބައިވެރިވާ ގޮފިތަކުގެ ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާއި އެއްގޮތަށް އިންތިޚާބުވެފައިވާ ފަރާތްތައް ނޫންކަމަށާއި، އަދި ގޮފިތައް ކޮންގްރެސްގައި ތަމްސީލުކުރާ ފަރާތްތަކުގެ މައުލޫމާތު މިވަގުތާއި ހަމައަށްވެސް ހިއްސާކޮށްފައިނުވާތީ، އެ ފަރާތްތައް ކުރިއަތް އޮތް ކޮންގްރެސްގައި ބައިވެރިވެއްޖެނަމަ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެ ކަމަށް ކެވަޑައިގަންނަވާކަމަށް ވެސް އާޒިމް ވިދާޅު ވެފައި ވެއެވެ.

ހުކުރު ދުވަހު ބާއްވާ ކޮންގްރެސް އަށް ނޮމިނޭޓްކޮށްފައިވާ ގޮފިތައް ތަމްސީލުކުރާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާއި މެދު، ޕާޓީއަށް ނިސްބަތްވާ ގިނަ މެމްބަރުގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންދާތީ، ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށްފަހުގައި ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިޔުމަށް ވަނީ އެދި ވަޑައިގެންފައެވެ. ކޮންގްރެސްއަށް ގޮފިތަކުން ހުށައެޅިފައިވާ މަންދޫބުން އިންތިޚާބުކުރިގޮތާއި އެ މަންދޫބުންގެ ތަފްސީލު ހިމެނޭ ލިސްޓެއްވެސް ހިއްސާ ކޮށްދިނުމަށް ވަނީ އެދިފައެވެ.

ގޮފީގެ މައްސަލައިގައި ފައްޔާޒު ވިދާޅުވީ އެކަމަކީ އޭގެ ޒާތުގައި މައްސަލަތަކެއް ހުރި ކަމެއް ކަމަށެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ 705 ގޮފި އޮންނައިރު ޖުމްލަ ދެ ގޮތްޕަކާއި ގުޅޭގޮތުން 17 މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. އަދި ކޮންގްރެސްމަނުން ހަމަޖައްސާ ގޮތް ބަދަލުކުރުމަށް ކޮންގްރެސް އަށް ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް