ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 14:08
ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހުގެ "ފިޒިއޮލޮޖީ އޮފް ޑައިވިންގ" ފައިނަލް ތިއަރީ
ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހުގެ "ފިޒިއޮލޮޖީ އޮފް ޑައިވިންގ" ފައިނަލް ތިއަރީ
އެމްއެންޑީއެފް
ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯސް
ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހުގެ ފައިނަލް ތިއަރީ ގިރިފުށީގެ ފަޅުތެރޭގައި ބާއްވައިފި
ކޯހުގެ ދަރިވަރުން ޓެސްޓް ފުރިހަމަކޮށްފައިވަނީ ޑައިވިންގ ގިޔަރ އަޅައި، މޫދު އަޑީގައި ތިބެގެން
ބޭސިކް ޑައިވިންގ ކޯހުގައި އެކުވެރި ޤައުމުތަކުގެ ސިފައިންނަށް ވެސް ދަނީ ފުރުސަތު ދެމުން

އެމްއެންޑީއެފް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި މިހާރު ކުރިއަށްދާ 10 ވަނަ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހުގެ "ފިޒިއޮލޮޖީ އޮފް ޑައިވިންގ" ފައިނަލް ތިއަރީ ގިރިފުށީގެ ފަޅުތެރޭގައި މިއަދު ބާއްވައިފިއެވެ. މިއީ، މި ކޯހުގައި މިފަދަ ގޮތަކަށް ކަނޑު އަޑީގައި މިހާތަނަށް ތިއަރީ ޓެސްޓެއް ބޭއްވި ފުރަތަމަ ފަހަރެވެ.

2022 މެއި 25 ވަނަ ދުވަހުން ފެށިގެން ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދާ 10 ވަނަ ކޯސްޓްގާޑު ބޭސިކް ކޯހުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއިން "ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންގ" މާއްދާއަކީ، ޑައިވަރުންނަށް އަންޑަރ ޕްރެޝަރުގައި އަންނާނޭ ބަދަލުތަކާއި، ޑައިވަރުންނަށް ދިމާވާ އެކިއެކި މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކާއި، އެ ކަންކަމުގެ އަލާމާތްތަކާއި ރައްކާތެރިވާނޭ ގޮތްތަކާއި، އޭގެ ފަސްޓްއެއިޑް އަދި މޫދު އަޑީގައި ޕްރެޝަރުގެ ސަބަބުން އިންސާނުންނަށް ދިމާވެދާނެ ކަންކަން އުނގަންނައިދެވޭ މާއްދާއެކެވެ.

މި ޓެސްޓަކީ، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންގގައި ދަރިވަރުންނަށް އުނގަންނައިދެވިފައިވާ މަޢުލޫމާތު އެނގިފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން ކުރިއަށްގެންދިޔަ ޓެސްޓެކެވެ. މޫދު އަޑީގައި މި ޓެސްޓް ބާއްވާފައިވަނީ، އަންޑަރ ޕްރެޝަރގައި ދަރިވަރުންގެ ވިސްނުން މަސައްކަތްކުރާ މިންވަރާއި ދަރިވަރުންނަށް އުނގަންނައިދެވިފައިވާ ސްކިލްތައް އެޕްލައިކުރުމާ އެކު ދަރިވަރުންގެ ވިސްނުން ހުރި މިންވަރު ދެނެގަތުމުގެ ގޮތުންނެވެ.

ގިރިފުށި ފަޅުތެރޭގައި ކޮންޑަކްޓްކުރި މި ޓެސްޓްގައި، ކޯހުގެ ދަރިވަރުން ޓެސްޓް ފުރިހަމަކޮށްފައިވަނީ ޑައިވިންގ ގިޔަރ އަޅައި، މޫދު އަޑީގައި ތިބެގެންނެވެ. ކެންވަސްއަށް ޕްރިންޓްކޮށްގެން ދެވުނު ޓެސްޓް ޕޭޕަރު ނިންމުމަށް 2 ގަޑިއިރުގެ ވަގުތެއް ދަރިވަރުންނަށް ދިންއިރު، އެ ދަރިވަރުން ޓެސްޓް ފުރިހަމަކޮށްފައިވަނީ ކެންވަސްއަށް ޕްރިންޓްކޮށްފައިވާ ޕޭޕަރުގައި ފަންސޫރުން ލިޔެގެންނެވެ.

އަދި، ޓެސްޓްގެ ވަގުތު ފެށުނުކަން ދަރިވަރުންނަށް އަންގާފައިވަނީ، މެޓަލް އޮބްޖެކްޓެއްގައި ތިންފަހަރު މެޓަލް ސްޓިކުން ޓެޕްކުރުމަށްފަހުއެވެ.

މި ޓެސްޓުގައި ދަރިވަރުންނަށް ލިބިގެންދިޔަ އެންމެ ބޮޑު ފައިދާއަކީ ދަރިވަރުންނަށް އުނގަންނައިދީފައިވާ ޑައިވިންގ ސްކިލްތަކާއި، ސިގްނަލްތަކުގެ އިތުރުން ކިޔަވައިދެވިފައިވާ ޢިލްމު އެނގިފައިވާ މިންވަރު އަންޑަރ ޕްރެޝަރގައި ތަޖުރިބާކުރަން ލިބުމެވެ.

ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހަކީ ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށް ފަހު އެމްއެންޑީއެފްގެ ޚިދުމަތާ އަލަށް ގުޅޭ ސިފައިންނާއި އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުންދާ ސިފައިންގެ ތެރެއިން ޑައިވިންގެ މަސައްކަތަށް ޚާއްޞަ އަސާސީ ތަމްރީނެއް ލިބިފައި ނުވާ ސިފައިންނަށް އަމާޒުކޮށްގެން ޑައިވިންގެ އަސާސީ ޢިލްމާއި ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ކޯހެކެވެ.

މިގޮތުން މި ކޯސް ފުރިހަމަކުރާ ފަރާތްތަކަކީ، ކަނޑުގައި ދިމާވެދާނެ ކޮންމެ ޙާލަތެއްގައި ހުނަރުވެރިކަމާ އެކު ޑައިވަރެއްގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ކުރިމަތިލާން ކެރޭ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެގެންދާނެއެވެ.

އިނގިރޭސި ބަހުން އިންޓަރނޭޝަނަލް ފެންވަރަށް ކުރިއަށްގެންދާ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގައި އެކުވެރި ޤައުމުތަކުގެ ސިފައިންނަށް ވެސް ދަނީ ފުރުސަތު ދެމުންނެވެ. މިގޮތުން މިފަހަރު އިންޑިއާ، ނޭޕާލް، ބަނގްލަދޭޝް އަދި މެލޭޝިއާގެ އަސްކަރިއްޔާގެ ސިފައިން ދަނީ ކޯހުގައި ތަމްރީނު ހަދަމުންނެވެ.

މި ކޯހުގައި އެކަޑަމިކް 11 މާއްދާ އުނގަންނައިދެވޭއިރު، ކިޔަވައިދެވޭ އެ ބައިތަކުގެ ޕްރެކްޓިކަލް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން "އޮޕްސް ވީކް" އެއްވެސް ހިންގާފައިވެއެވެ.

މި ކޯހުގައި އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި، ޑައިވިންގ ހިސްޓްރީ އެންޑް ރެގިއުލޭޝަން، ފިޒިކަލް އެޑިއުކޭޝަން، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންގ، ޑައިވިންގ އިކްއިޕްމެންޓްސް އެންޑް އެސަސަރީސް، ޑައިވިންގ ޓޭބަލް އެންޑް ކޮމްޕިއުޓަރޒް، ޑައިވިންގ ފަސްޓްއެއިޑް، ޑައިވިންގ ސްކިލް، ޑައިވިންގ އޮޕަރޭޝަން، ވެސަލް ރެސްކިޔު އެންޑް ސެލްވޭޖް، ޑައިވިންގ ކޮމިއުނިކޭޝަން، ޑައިވިންގ ސަރޗް ޕެޓާންސް އަދި  ދަރިވަރުންގެ އެޓިޓިއުޑް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް