Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 13:59
ފުލުހުންގެ މައި އިދާރާ: ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ފުލުހުންގެ މައި އިދާރާ: ޝަހީދު ހުސައިން އާދަމް ބިލްޑިންގ
މުހައްމަދު ޝަރުހާން
ފޭރުމުގެ މައްސަލަ
ފޭރެމުންދިޔަ އަންހެންމީހާ ގޭބަންދުކޮށްފައި ހުއްޓާ ނިކުތުމުން އަލުން ހައްޔަރު ކޮށްފި
ފޭރުމުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 38 އަަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެއް

މާލޭގެ ތިން ސަރަޙައްދަކުން ފޭރުނު އަންހެނަކާއި ފިރިހެނެއް ހައްޔަރުކުރި މައްސަލާގައި އަންހެން މީހާ ގޭބަންދުކޮށްފައި ހުއްޓާ ގެއިން ނިކުތުމުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މިމައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 38 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުން ހައްޔަރު ކުރުމަށް ފަހު، އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފައިވާ ކަމަށާއި އަންހެން މީހާ ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަންހެން މީހާ ގޭބަންދުކޮށްފައި ހުއްޓާ އޭނާ ގެއިން ބޭރަށް ނިކުތުމުން  އަލުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ބުނެއެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ  ސައިކަލެއްގައި ދެ މީހަކު ގަލޮޅު ސަހަރާ ކައިރިންނާއި ލޮނުޒިޔާރަތްމަގު ސައުތުކެފޭ ކައިރިންނާއި ވެސްޓްޕާކް ސަރަޙައްދުން ހިނގާފައި ދާ މީހުންގެ އަތުން ފޭރެމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން ހެންވޭރު ސަހަރާ ކައިރިން ހުކުރު ދުވަހުގެ 11:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެދެމީހުންނާ އެމީހުން ދުއްވި ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އެމީހުން ދުއްވި ސައިކަލަކީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިކަލެއް ކަމަށެވެ. އަދި އެ  ތިން ސަރަޙައްދުން ފޭރުނު އަތްދަބަސްތައް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރޯދަމަހާ ދިމާކޮށް ފޭރުމާއި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ބެލެވިފައިވީ ނަމަވެސް، މިހާތަނަށް މި ރޯދަ މަހުގެ ކުށުގެ ތަފާސްހިސާބުތައް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް