ހުކުރު ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެބްޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން ހާލުބޮޑުވެގެން ފުވައްމުލަކު ހޮސްޕިޓަލު އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހާ މާލެ ނުގެނެވި އައްޑޫ އަށް ގެނަދަން ޖެހިއްޖެއެވެ.
ހާލު ބޮޑުވެގެން ފުވައްމުލަކު ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދެމުން ދިޔައީ ފުވައްމުލަކު ދިގުވާޑު ގުރަހާގޭ، އުމުރުން 59 އަހަރުގެ އަބްދުﷲ ނަމަކަށް ކިޔާ މީހެކެވެ.
އަބްދުﷲގެ ކޮށްކޮ އަލި ދީދީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ބޭބެ މާލެ ގެންދިއުމަށްޓަކައި މިއަދު ހެނދުނު ފްލައިޓަށް އެރުވި ކަމަށާއި ނަމަވެސް ފްލައިޓް ނައްޓާލިތާ ކުޑައޮރުކޮޅެއްގެ ތެރޭގައި ބޭބެގެ ހާލު ގޯސްވެގެން އަނބުރާ ފުވައްމުލަކަށް ޖައްސަން ޖެހުނު ކަމަށެވެ.
އަލި ދީދީ ބުނީ ފުވައްމުލަކުން ސީ އެންބިއުލާންސެއްގައި މިހާރު އޭނާގެ ބޭބެ އައްޑޫ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.
ޑޮކްޓަރުންނާ ހަވާލާދީ އަލި ދީދީ ބުނީ އެކްސިޑެންޓްގެ ސަބަބުން އަބްދުﷲގެ ސިކުނޑީގެ ނާރަކަށް ގެއްލުން ވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އަލި ދީދީ ބުނީ ފުވައްމުލަކުން އަބްދުﷲ އަށް ފަރުވާދިން ޑޮކްޓަރުން ލަފާދީފައި ވަނީ ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް ކަމަށާއި އެހެން ކަމުން ހަމަޖެހިފައި އޮތީ މާލެ ގެނެސް އޭޑިކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ކަމަށެވެ.
މީގެ އިތުރުން އަލި ދީދީ ބުނީ އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އަބްދުﷲ ައަށް ފަރުވާ ދެމުން ދިޔަ ނަމަވެސް ހިތަދޫ ހޮސްޕިޓަލުގައި ނާރުގެ ޑޮކްޓަރެއް ނެތް ކަމަށާއި އަދި މިވަގުތު އޭނާ މާލެ ގެންދިއުމަށް އެއްވެސް މަސައްކަތެއް ކުރެވެމުން ނުދާ ކަމަށް އަލި ދީދީ ބުންޏެވެ.
ހުކުރު ދުވަހުގެރޭ ދިހައެއްޖަހާ ކަންހާއިރު މި އެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މި ހާދިސާގައި ތިން މީހަކަށް އަނިޔާވިއެވެ.