Advertisement
ކ. މާލެ
|
17 ޖޫން 2017 | ހޮނިހިރު 10:03
ސޯޝަލް ސެންޓަރުގައި މި ހަރަކާތް ކުރިއަށްދިޔައީ ހެނދުނު
ސޯޝަލް ސެންޓަރުގައި މި ހަރަކާތް ކުރިއަށްދިޔައީ ހެނދުނު
ރާއްޖެއެމްވީ
ބައިނަލްއަގްވާމީ ޔޯގާ ދުވަސް
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
މި ހަރަކާތް ބާއްވާފައިވަނީ 08:30 އިން 09:00 އަށް
ޔޯގާ ސެޝަން ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައި
ޔޯގާ ހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީއިން  އިސްނަގައިގެން، ޔޯގާ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

އިންޑިއަން އެމްބަސީގެ ޑިރެކްޓަރ މުހައްމަދު ހާލިގު ވިދާޅުވީ، މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ، ޔޯގާއަށް އާއްމުން ހޭލުންތެރިކުރުން ކަމަށާއި ޔޯގާއިން ލިބޭ ފައިދާތައް މި ހަރަކާތްތަކުގެ ތެރެއިން ކިޔާދެވޭނެ ކަމަށެވެ. ހާލިގު ވިދާޅުވީ އެމްބަސީއިން  ސޯޝަލް ސެންޓަރުގައި ބާއްވާ ހަރަކާތުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށާއި، ރަމަޟާން މަހުގައި މިފަދަ ހަރަކާތެއް ބޭއްވުމުގެ ސަބަބުން، ބައިވެރިވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދު ކަމަށެވެ. އެހެން ނަމަވެސް ލިބުނު ތަހުރީބާމެދު ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަފްތާއަކީ ޔޯގާ ހަފްތާގެ ގޮތުގައި ފާހަގަކުރާ އިރު، މިދުވަހާއި ގުޅުވައިގެން އިތުރު ހަރަކާތްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

"އދ ގެ 177 ގައުމުން ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ވަނީ ވޯޓު ދީފަ. ރާއްޖޭއިންވެސް ވަނީ މިދުވަސް ފާހަގަކުރުމަށް ވޯޓުދީފަ. މިހަރަކާތުގައި ގިނަ އަދަދެއްގެ ދިވެހިންނާއި، އިންޑިއާގެ ރައްޔިތުން ބައިވެރިވާ އިރު، މީގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ކުރިއަށްގެންދާ ޔޯގާ ކްލާސްތަކުގައި ބައިވެރިވާ މީހުން،" ހާލިގް ވިދާޅުވި އެވެ.

ޔޯގާ ހަފްތާގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ބިލަބޮންގް ސްކޫލާއި ގަލޮޅު މަދަރުސާ އާއި ކެންގަރޫ ކިޑްސްގެ އިތުރުން އިސްކަންދަރު ސްކޫލާއި މަޖީދިއްޔާ ސްކޫލުގައި ޔޯގާ ކްލާސްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން، ޔޯގާ ހަފްތާ ނިންމާލުމުގެ ހަރަކާތެއްގެ ގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ޔޯގާ ސެޝަނެއް ބޭއްވުމަށް ވަނީ ހަަމަޖެހިފަ އެވެ.

 އިންޑިޔަން އެމްބަސީން ކުރިއަށްގެންދާ ޔޯގާ ހަރަކާތްތަކާއި ގުޅޭ ގޮތުން އިންޑިިއަން އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަރްޗަނާ ނާއިރު ވިދާޅުވީ، މި ހަރަކާތް ކުރިއަށްދެންދާތާ މިއީ ތިން ވަނަ އަހަރު ކަމަށާއި، ޔޯގާ ހަރަކާތްތަކާއި ގުޅޭ މައުލޫމާތުތައް އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށެވެ. މިހަރަކާތް އާއްމުކޮށް އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އަރްޗަނާ ވިދާޅުވި އެވެ.

"ޔޯގާއަކީ  މީހާއަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭ ކަސްރަތެއް. ޔޯގާ އަކީ ކޯއްޗެއްކަން ދެނެގަންނަން ބޭނުންވާ ފަރާތްތަކަށްވެސް މި ހަރަކާތުގައި ބައިވެރިވެވޭނެ. ވީހާވެސް ގިނަ ފަރާތްތަކުން މިހަރަކާތުގައި ބައިވެރިވުމަކީ އިންޑިއަން އެމްބަސީގެ ބޭނުން،" އަރްޗަނާ ވިދާޅުވި އެވެ.

 އިންޑިއަން އެމްބަސީ އިން ކުރިއަށްގެންދާ މިހަރަކާތުގެ އިތުރަށް ކޮންމެ ދުވަހު އެ އެމްބަސީގެ ކަލްޗަރަން ސެންޓަރުގައި ޔޯގާ ކްލާސްތައް ކުރިއަށްގެންދެ އެވެ. މި ސެޝަންތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް