ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 07:09
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ފެށުމަށް ބަހައްޓާފައިވާ ޕްލެޓްފޯމެއް
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ފެށުމަށް ބަހައްޓާފައިވާ ޕްލެޓްފޯމެއް
ޕްލޭނިން މިނިސްޓްރީ
މާލެއާއި ވިލިމާލެއާ ދެމެދުގެ ކަނޑުއޮޅި ބަންދު
މިއަދުން ފެށިގެން މާލެއާއި ވިިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުކުރުން މަނާ
ގާދޫކޯ ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް، ހުޅުމާލެ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް ވަނީ ހުޅުވާލާފައި
އެ ސަރަހައްދު ބަންދު ކުރީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާތީ

މިއަދުން ފެށިގެން މާލެ އާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުވާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

އާދީއްތަ ދުވަހު އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެ ސަރަހައްދު ބަންދު ކުރަން ނިންމީ ތިލަ-މާލެ ބްރިޖުގެ މަސައްކަތުގެ ދަށުން މާލެއާއި ވިލިމާލެއާ ދެެމެދުގައި އޮންނަ ކަނޑުއޮޅީގައި ބްރިޖު އެޅުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާތީ ކަމަށެވެ. އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަަމަށެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު ޕްރޮޖެކްޓެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލު ކޮށްގެންނެވެ.

އެފްކޮންސް އިން ބުނީ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި 6 ކިލޯމީޓަރުގެ މި ބްރިޖް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ 1 ކިލޯ މީޓަރަށްވުރެ ދިގު ބްރިޖު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނުވަތަ އޮގަސްޓް މަހުގެ ފުރަތަމަ ކޮޅު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

މި ބްރިޖުގެ އުމުރު 120 އަހަރުވާން ދެން ހިފަހައްޓާނެ ކަމަށް އެފްކޮންސް އިން ބުނެއެވެ.

މި މަޝްރޫއަށް ފަންޑުކުރަނީ އިންޑިޔާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 27 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް