ކ. މާލެ
|
14 އޯގަސްޓް 2022 | އާދީއްތަ 12:28
ނަމާދުކުރުމުން، ތިމާގެ އުޅުމަށާއި އަމަލުތަކަށާއި އަޚުލާގަށް އަންނަންޖެހޭ އިސްލާހީ ބަދަލުތައް އާދޭ
ނަމާދުކުރުމުން، ތިމާގެ އުޅުމަށާއި އަމަލުތަކަށާއި އަޚުލާގަށް އަންނަންޖެހޭ އިސްލާހީ ބަދަލުތައް އާދޭ
މުހައްމަދު ޝަރުހާން
ހަމަހިމޭންކަމާ އެކު ނަމާދުކުރުން
ހަމަހިމޭން ކަމާއި މަޑުމޮޅިކަމާއެކު ނަމާދުކުރުން
ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެއް
ނަމާދު ކުރާއިރު، ނަމާދުގައި ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ކުރުމާއި، ކިޔަންޖެހޭ އެއްޗެތި ރަނގަޅަށް ކިޔުމުގައި ފަރުވާތެރިވާން ޖެހޭ

އިސްލާމް ދީނުގައި އެންމެ ޚާއްސަ ރުކުން ކަމުގައި ނަމާދު ލައްވާފައިވަނީ އިންސާނާގެ ސުލޫކާއި އަމަލުތައް އިސްލާހުކޮށްދޭ، އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގުފަހިކޮށްދޭ އެންމެ މުހިއްމު އަޅުކަމަކީ، ނަމާދު ކަމަށް ވާތީއެވެ.

ނަމާދު ފަރުޟުކުރެއްވި ހިކުމަތަށް އިޝާރާތްކުރައްވާ، މާތްﷲ ވަހީ ކުރެއްވިއެވެ. "إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ" (އަލް ޢަންކަބޫތު 45) މާނައަކީ "ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ".

ނަމާދަކީ އިންސާނާގެ ނުތަނަވަސްކަން ލިބިފައިވާ ހިތަށް ހަމަޖެހުން ގެނެސްދޭ އެންމެ މުހިއްމު ފަރުވާއެވެ. ކީރިތި ރަސޫލާއަށް ބޮޑު ކަމެއް ދިމާވެއްޖެނަމަ، ނަމާދު ކުރުމަށް އަވަސްވެވަޑައިގަންނަވާ ކަމުގައި ރިވާ ކުރެވިފައިވެއެވެ. ނަމަވެސް، ނަމާދު އެފަދަ މޮޅު ފަރުވާއަކަށް ވާނީ، ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން، ހަމަހިމޭން ކަމާއި މަޑުމޮޅި ކަމާއެކުގައި ނަމާދު ކުރުމުންނެވެ. މިކަން ބަޔާންކުރައްވާ، މާތްﷲ ވަހީކުރައްވާފައިވެއެވެ. "قَدْ أَفْلَحَ الْمُؤْمِنُونَمؤمن، الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ" ( އަލް މޫމިނޫން 1،2) މާނައަކީ "މޫމިނޫން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ."

އެހެންކަމުން، އަޅުގަނޑުމެން ނަމާދު ކުރާއިރު، ނަމާދުގައި ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ކުރުމާއި، ކިޔަންޖެހޭ އެއްޗެތި ރަނގަޅަށް ކިޔުމުގެ އިތުރަށް، ހަމަހިމޭންކަމާއި މަޑުމޮޅިކަން އިހުސާސް ކުރުމަށްވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހެއެވެ. ތިމާޔަށް މިހުރެވެނީ ﷲގެ ހަޟުރަތުގައި ކަމާއި، އެކަލާނގެއަށް މުނާޖާ ކުރުންމަތީކަން ހަނދާން ކުރަންޖެހެއެވެ. އެވަގުތު ހިތުގައި އޮންނަންޖެހެނީ، ނަމާދުކުރުމުން، ތިމާގެ އުޅުމަށާއި އަމަލުތަކަށާއި އަޚުލާގަށް އަންނަންޖެހޭ އިސްލާހީ ބަދަލުތައް އަންނާނީ އޭރުންނެވެ.

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

- ކޮމެންޓް